twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީ ނޫރު ޖަމިއްޔާއިން އިންތިޒާމު ކޮށްގެން ދީނީ ދަރުސެއް ބާއްވައިފި

Jan 19, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީ ނޫރު ޖަމިއްޔާއިން އިންތިޒާމު ކޮށްގެން އަމީރު އަމީން ސްކޫލާއި ދިމާލު އަތިރި މަތީގައި ރޭ ދީނީ ދަރުސެއް ބާއްވައިފިއެވެ. މިދަރުސް ދެއްވީ ދީނީ އިލްމުވެރިޔާ އައްޝައިހް އިލްޔާސް ހުސެއިނެވެ. ޝެއިހްގެ ވާހަކަފުޅުގައި ނެތުމުގެ ތެރެއިން ވުޖޫދަށް ގެނެވުނުގޮތާމެދާއި ވުޖޫދަށް ގެނެސް މާތްﷲ ހުރިހާ ނިއުމަތްތަކެއް ދެއްވި ގޮތާއި ބެހޭގޮތުން ވާހަކަދައްކަވާ، އެނިއުމަތްތަކުގެ މައްޗަށް ޝުކުރުވެރިވުމަށް ގޮވާލެއްވިއެވެ.

އަދި އިސްލާމްދީނުގައި ކުރަންޖެހޭ ކަންތައްތަކާއި ކުރަން ނުޖެހޭނެ ކަންތައްތައް ވަރަށް ރީތި ކޮށް ކަނޑަ އެޅިފައިވާ ކަމަށާއި އަދި ޒާތީ ހަސަދަވެރިކަމާއި ފުރައްސާރަކުރުމާއި މަލާމާތް ކުރުމާއި ނެތި ނުބައި ކިޔުން ކަހަލަ ނޭދޭވޭ ހުރިހާ ކަންކަމުން ދުރުވުމަށް މިދަރުސްގައި އެމަނިކުފާނު ނަސޭހަތްތެރިވިއެވެ. އަދި ދޭދޭ މީހުން ސުލްހަ ކުރުމަށް އިސްލާމް ދީން ބާރު އަޅާ ކަމަށާއި ދީން ފުނޑުފުނޑު ކޮށްލުމަށް ދީން ބާރުނާޅާ ކަމަށާއި ދީން އަބަދުވެސް ބާރު އަޅަނީ އެންމެން އެކަތި ގަނޑަކަށްވުމަށް ކަމަށް މިދަރުސްގައި ގޮވާލެއްވިއެވެ. އަދި މީގެ އިތުރުން ރާއްޖޭގައި ވަރި ގިނަވެ އާއިލާތައް ރޫޅެމުންދާތީ އެކަމުގެ މައްޗަށް އަލިއަޅުވާލައި ވާހަކަފުޅު ދެއްކެވިއެވެ.

ކުޅުދުއްފުށީ ނޫރު ޖަމްއިއްޔާގެ ރައީސް ސައީދު އިބްރާހިމް ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމަތު ދެއްވަމުން ވިދާޅުވީ، މިއީ ނޫރު ޖަމްއިއްޔާއިން ކުޅުދުއްފުށީގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ މަގުޞަދުގައި ސިލްސިލާކޮށް ކުރިއަށް ގެންދަވާ ޕްރޮގުރާމް ތަކުގެ ތެރެއިން އެއްޕްރޮގުރާމް ކަމަށާއި އަދި މިހާ ގިނަ ދުވަސް މިކަހަލަ ޕްރޮގުރާމެއް ނުބޭއްވި މިދިޔައީ ސްކޫލު ބަންދާއި ދިމާވުމުން  ކަމަށެވެ. އަދި މިޕްރޮގުރާމްތަކުގެ ކަންތައްތައް އިންތިޒާމް ކުރާފަރާތްތަކުގެ މަސައްކަތްތައް ހުރިގޮތުންނާއި ޗުއްޓީ ތެރޭގައި ޝޭހުން ލިބުމުގައި ދަތިތަކެއް ހުރުމަކީވެސް މިޕްރޮގްރާމް ނުބޭއްވި ލަސްވި ސަބަބެއްކަމަށް ސައީދު ވިދާޅުވިއެވެ.

އެޖަމިއްޔާއިން މައުލޫމާތު ދެއްވާގޮތުގައި މިދަރުސްއަކީ އައްޝައިހް އިލްޔާސް ހުސެއިން ޕާޓީގެ ހަރަކާތްތަކުގައި ހދ.އަތޮޅަށް ކުރަށްވާ ދަތުރުފުޅެއްގައިި އުޅުއްވަނިކޮށް ނޫރު ޖަމްއިއްޔާއިން ދެންނެވުމުން ކުޅުދުއްފުއްޓަށް ވަޑައިގެން ދެއްވި ދަރުސެއްކަމަށެވެ.

ނޫރު ޖަމްއިއްޔާގެ ފަރާތުން ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް ވަނީ ތަފާތު ދަރުސްތައް ބާއްވާފައެވެ. މިގޮތުން އަލްބަޔާން ނަމުގައި ދީނީ ހޭލުންތެރި ކުރުމަށް ބޭއްވުން ޕްރޮގުރާމަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ތަފާތު ޕްރޮގުރާމްތަކެއް ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބޭއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އެޖަމިއްޔާއިން ހާމަކުރެއެވެ.

ރޭ ބޭއްވުނު ދަރުސް އަޑުއެހުމަށްވެސް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެސަރަހައްދަށް ހާޒިރުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355