twitterviber whatsapp telegramfacebookyoutube instagram
29th March 2024

މިއަދާއި ހަމައަށް ފެނުގެ ހިދުމަތަށް އެދި 600 އަށްވުރެ ގިނަ ފޯމް ހުށަހަޅާފައި ވާކަމަށް އެމްޑަބްލިއުއެސްސީން ހާމަކޮށްފި

Jan 21, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުށީގައި އެމްޑަބްލިއުއެސްސީން ފެނުގެ ހިދުމަތް ދޭން ފެށިފަހުން މިއަދާއި ހަމައަށް ފެނުގެ ހިދުމަތަށް އެދި 600 އަށްވުރެ ގިނަ ފޯމް ހުށަހަޅާފައި ވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ. މީގެ އިތުރުން 1640 ގެ އަކަށް ސްވަރޭޖް ކަނެކްޝަން ލައިދެވިފައިވާކަމަށްވެސް އެކުންފުނިން ހާމަކުރެއެވެ.

އެމްޑަބްލިޔުއެސްސީން ކުޅުދުއްފުށީގައި ގާއިމް ކޮށްފައިވާ ފެނުގެ ހިދުމަތަށް އެދި މިޖެނުއަރީ މަސް ނިމުމުގެ ކުރިން ފޯމް ހުށައަޅާ ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެހިދުމަތް ހިލޭ ލިބޭނެ އިންތިޒާމް އެކުންފުނިން ވަނީ ހަމަޖައްސައިފައެވެ. ޖެނުއަރީ މަސް ނިމުމުން ހިދުމަތަށް އެދި ހުށަހަޅައި ފަރާތްތަކަށް އެހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ 3500 ރުފިޔާއަށް ކަމަށް އެމްޑަބްލިޔުއެސްސީގެ ހިދުމަތްތަކާއި ބެހޭ ޔުނިޓްގެ އެސިސްޓެންޓް ސޭލްސް އޮފިސަރ މުހައްމަދު އަބްދުއް ސަމަދު ކުޅުދުއްފުށި އޮންލައިންއަށް މައުލޫމާތު ދެއްވިއެވެ. ހިދުމަތުގެ އަގުގެ ގޮތުގައި މަހަކު 30 ރުފިޔާ ނެގި ކަމުގައި ވިޔަސް އަލަށް ގުޅައި ދިނުމަށް ނެގޭ ކަނެކްޝަންފީ އަކީ 10 އަހަރަށް ދައްކާ ފީއެއް ކަމަށްވެސް އެފަރާތުން މައުލޫމާތު ދެއްވިއެވެ.

އިތުރަށް މައުލޫމާތު ދެއްވަމުން ސަމަދު ވިދާޅުވީ ފެނުގެ ހިދުމަތަށް އެދި ހުށައަޅާ ފޯމާއި އެކު މިހާރު މިރަށުގައި ސްވަރޭޖް ކަނެކްޝަން ވައްދާފައިވާ ގޭގެ ރަޖިސްޓްރީ ކުރުމަށް ފޯމް ހުށައެޅުމަށް ވެސް އެފަރާތުން އެދެއެވެ. އަދި ގޯތިގެދޮރު ހުންނަގޮތުން މީހުން އުޅޭ ގޯއްޗާއި މީހުން ނޫޅޭ ގޯތި ހުރުމުގެ ސަބަބުން މީހުން ނޫޅޭ ގޯތިތަކަށް ހިދުމަތް ދެއްވާނީ އެކުންފުނިން ސާވޭ ކުރުމަށް ފަހުގައި ކަމަށްވެސް ވިދާޅުވިއެވެ.

ސަމަދު އިތުރަށް ވިދާޅުވީ އެކުންފުންޏަށް އެއްބާރުލުންދިނުމަށާއި ކުޅުދުއްފުށީގައި މިމަސް ނިމުމުގެ ކުރިން ހިލޭ މިގުޅާދެވޭ ފެނުގެ ހިދުމަތް ލިބިގަނެ ސްވަރޭޖް ކަނެކްޝަން ގުޅާފައިވާ ގޭގެ ރަޖިސްޓްރީ ކުރުމުގެ ކަންތައްކުރިއަށް ގެންދިއުމަށް ރައްޔިތުންގެ ކިބައިން އެދޭކަމަށެވެ.

މިހިދުމަތްތަކަށް ފޯމް ބަލައިގަތުމާއި ދޫކުރުން ކުރިއަށްދަނީ އެމްޑަބްލިޔުއެސްސީ ކުޅުދުއްފުށީ ސައިޓް އޮފީހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355