twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުއްޓަށް ބޭނުންވަނީ ސިޓީ ކައުންސިލެއް: އެމްޑީޕީގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައީސް

Jan 21, 2011

އިބްރާހިމް ހަމީދު

ކުޅުދުއްފުއްޓަށް ބޭނުންވަނީ ސިޓީ ކައުންސިލެއްކަމަށް ކުޅުދުއްފުށީ އެމްޑީޕީ ދެކުނުދާއިރާގެ ރައީސް އަދި ލޯކަލް ކައުންސިލް އިންތިހާބުގައި ހދ. އަތޮޅު ކައުންސިލަށް ދެކުނު ދާއިރާއިން ކުރިމަތިލާފައިވާ އާދަމް ވަހީދު ވިދާޅުވެއްޖެއެވެ.

ރީނދޫ ޖަލްސާގެ ނަމުގައި އެމްޑީޕީ ކެމްޕޭން ޖަގަހައިން އިންތިޒާމް ކޮށްގެން ރޭ އަމީރު އަމީން ސްކޫލާއި ދިމާލުގައި  ބޭއްވި ހާއްސަ ޖަލްސާއެއްގައި ވާހަކަ ދައްކަމުން އާދަމް ވަހީދު ވިދާޅުވީ ކުޅުދުއްފުއްޓަށް ސިޓީ ކައުންސިލެއް ގެނެސްގެން ނޫނީ މިރަށް ތަރައްގީ ނުކުރެވޭނެކަމަށާއި، ކުޅުދުއްފުއްޓަކީ އާބާދީ ބޮޑު އަދި ތަރައްގީގެ ވަސީލަތްތައް ހުރި ރަށެއް ކަމަށާއި،  އަދި ސިޓީ އަކަށް ކުޅުދުއްފުށި ހަމަޖެހިގެން ދިއުމުން ކުޅުދުއްފުއްޓަށް އިތުރު ތަރައްގީ އާއި ކުރިއެރުންތައް ލިބިގެންދާނެކަމާމެދު އެއްވެސް ޝައްކެއް ނުކުރާކަމަށެވެ. އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލަކަށް ބަދަލު ވުމުން ވަކިން ހަރަދު ކުރުމަށް ބަޖެޓްވެސް ކަނޑަ އެޅިގެން ދާނެ ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވިއެވެ.

އިތުރަށް ވާހަކަ ކުރިއަށް ގެންދަމުން އާދަމް ވަހީދު ވިދާޅުވީ ޑީއާރުޕީއަށް މި ބޮޑު މަންޒަރު ނުފެންނަކަމަށާއި އިދިކޮޅު ފަރާތްތަކުން މިރަށް ސިޓީ ކައުންސިލަކަށް ވެގެންނުވާނެ ކަމަށް ބުނަމުންދާ ކަމަށް ތުހުމަތު ކުރެއްވިއެވެ.

މީގެ ކުރިން ރައްޔިތުންނަކަށް ވޯޓްލައިގެން އިންތިހާބެއް ބާއްވާކަމެއް ނޭނގޭކަމަށާއި އަދި ޑީއާރުޕީއަށް ކުރިމަތިލީ ކެންޑިޑޭޓުންނަށް މިފުރުސަތު ތައް ހޯއްދައިވައި ދެއްވީ އެމްޑީޕީން ކަމަށް ވިދާޅުވެ އާދަމް ވަހީދު ވާހަކަ ދެއްކިއެވެ. އަދި ނިމިދިޔަ އިންތިހާބަކި އެމްޑީޕީން އޮޅުވާލައިގެން ކާމިޔާބު ކުރި އިންތިހާބެއްކަމަށް މައުމޫން ވިދާޅުވެ ވާހަކަފުޅު ދައްކަވަމުންދާއިރު މައުމޫން ވެރިކަން ކުރެއްވީ ވެރިކަން ކުރާމީހެއްގެ އަތްމަތީގައިގައުމުގެ ހުރިހާ  ބާރުތަކެއް ހިފަހައްޓައިގެން ހުދުމުހްތާރުކޮށް ކަމަށްވެސް އާދަމް ވަހީދުގެ ވާހަކައިގައި ފާހަގަ ކުރިއެވެ.

މިޖަލްސާގައި އަަތޮޅު ކައުންސިލަށް ކުރިމަތިލާފައިވާ އަލީ މުހައްމަދު ދެއްކެވި ވާހަކައިގައި މިއިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރުމަކީ ލާޒިމު ކަމެއްކަމަށާއި މިއީ ދިވެހިރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ އިންތިހާބުކަމަށާއި މިއިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވިގެންނޫނީ ތަރައްގީ ނުގެނެވޭނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ކުޅުދުއްފުށީ ކައުންސިލަށް ކުރިމަތި ލާފައިވާ ޖަމްޝީދުވެސް ވަނީ އިންތިހާބު ކާމިޔާބު ކުރުމުގެ މުހިއްމު ކަމަށާއި މިކަމުގައި ރައްޔިތުންގެ އެއްބާރުލެއްވުން މުހިއްމުކަމުގެ މައްޗަށް ވާހަކަ ދައްކާފައެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖަރ ހުސެއިން ސިރާޖް ވެސް މިޖަލްސާގައިވަނީ ވާހަކަދައްކާފައެވެ. ސިރާޖުގެ ވާހަކައިގައި ކުޅުދުއްފުށިން އެމްޑީޕީއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ކުޅުދުއްފުށީގެ ބޮޑު މަންޒަރު އެއިރުވެސް ފެނިގެން ދިޔަކަމަށެވެ. އަދި އެމްޑީޕީން ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ވޯޓް ދިނުމަށް ރައްޔިތުންގެ ކިބައިން އެދިލެއްވިއެވެ.

މިޖަލްސާގައި އެމްޑީޕީގެ މެމްބަރުންނާއި ޕާޓީއަށް ހެޔޮ އެދޭފަރާތްތަކާއި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ. މިޖަލްސާ ނިމިގެން ދިޔައީ ހާއްސަ ދުއާ އަކުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355