twitterviber whatsapp telegramfacebookyoutube instagram
20th April 2024

ސެމީ އިން ބަލިވިޔަސް ފައިނަލަށް ދާ ގޮތް މިއޮތީ !

May 11, 2017

ޗެމްޕިއަންސް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑް 4-2 ގެ އެގްރިގޭޓް ސްކޯ އަކުން ބަލިކުރުމަށްފަހު ރިއަލް މެޑްރިޑުން ފައިނަލަށް ދަތުރުކޮށްފި އެވެ. މިއީ ރިއަލް އިން ފާއިތުވެދިޔަ ހަތަރު އަހަރު ތެރޭ ފައިނަލަށް ދަތުރު ކުރި ތިން ވަނަ ފަހަރެވެ.

ރިއަލް އިން ވަނީ ފާއިތުވެދިޔަ 7 ސީޒަނުގައިވެސް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ވާދަ ކޮށްފަ އެވެ. ރޭ ގެ މެޗަށް ނުކުތްއިރު ރިއަލް އިން 3-0 ގެ ލީޑެއް ނަގާފައި ވީ ނަމަވެސް ރޭ ގެ މެޗުގެ ކުރީކޮޅު އެތުލެޓިކޯއިން ވަނީ މެޗުގެ ކުރީކޮޅު ދެ ލަނޑު ޖަހައި 3-2 އަށް ނަތީޖާ ބަދަލުކޮށްލާފަ އެވެ.

މި މެޗުގެ 11 ވަނަ މިނެޓްގައި އެތުލެޓިކޯއިން ލީޑު ނަގާފައިވަނީ ކޯކޭ ނަގައިދިން ކޯނަރަކުން ބޮލުން ޖަހައި ސައުލް ނިގޭޒް އެވެ. އޭގެ ހަތަރު މިނެޓް ފަހުން އެތުލެޓިކޯއިން ލީޑު ފުޅާކުރީ ލިބުނު ޕެނަލްޓީ އަކުން އެންޓޮއިން ގްރިޒްމަން އެވެ. މިއީ ފެނާންޑޯ ޓޯރޭސް އަށް ރަފައެލް ވަރާނޭ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އެކެވެ.

މި ލަނޑާއެކު އެތުލެޓިކޯއިން ފައިނަލަށް ދިއުމުގެ އުއްމީދު އާ ކުރި ނަމަވެސް މެޗުގެ 42 ވަނަ މިނެޓްގައި ރިއަލް އިން ވަނީ ލަނޑެއް ޖަހައި އަވޭ ގޯލަކާ އެކު މެޗުގެ ކޮންޓްރޯލް އަލުން ހޯދާފަ އެވެ. މި ލަނޑާއެކު ރިއަލް އިން ދަމަހައްޓަމުން އައި ކޮންމެ މެޗެއްގައި ލަނޑު ޖެހުމުގެ ރެކޯޑް ވަނީ ދަމަހައްޓާފަ އެވެ. ރިއަލްއިން ވަނީ އެ ޓީމުން އެންމެ ފަހުން ކުޅުނު 61 މެޗުގައިވެސް ލަނޑު ޖަހާފަ އެވެ.

ފާއިތުވެދިޔަ ހަތަރު ސީޒަނުގައިވެސް ނޮކް އައުޓް ރައުންޑްގައި އެތުލެޓިކޯ ބަލިވެފައިވަނީ ރިއަލް މެޑްރިޑް އަތުންނެވެ. އެގޮތުން 2014 އަދި 2016 ގައި ބަލިވެފައިވަނީ ފައިނަލުންނެވެ.

ޖޫން 3 ވަނަ ދުވަހު އިންގްލެންޑްގެ ކާޑިފްގައި ކުޅުމަށް ހަމަޖެހިފައިވާ ފައިނަލު މެޗުގައި ރިއަލްއިން ނުކުންނާނީ ޔުވެންޓަސްއާ ދެކޮޅަށެވެ. ނޮކް އައުޓް ރައުންޑްގައި ރިއަލް އިން 16 ލަނޑު ޖަހާފައިވާއިރު، ޔުވެންޓަސް ކޮޅަށް ނޮކް އައުޓް ރައުންޑްގައި ވަދެފައިވަނީ އެންމެ ގޯލެކެވެ. އެހެންކަމުން ފައިނަލުގައި ބައްދަލު މި ކުރަނީ އެންމެ އެޓޭކިން ސްޓެޓްސް ރަނގަޅު ޓީމާއި އެންމެ ޑިފެންސިވް ސްޓެޓްސް ރަނގަޅު  ޓީމުކަން ފާހަގަކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355