twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކައުންސިލްއަށް ހޮވުނީ މުޅިންވެސް އެމްޑީޕީ މެންބަރުން – ސަރުކާރުން ދެން ކަންތައް ކުރާނީ ކިހިނެތް؟

May 18, 2017

ނިމިގެންދިޔަ ލޯކަލް އިންތިޚާބުގެ ނަތީޖާ ނުކުމެފައިވަނީ ސަރުކާރުން ހީކުރި ގޮތާ މުޅިން ހިލާފަށެވެ. ހާއްސަކޮށް އާބާދީ ބޮޑު ހިސާބުތަކުން ސަރުކާރަށް ނިސްބަތްވާ ޕާޓީގެ މެންބަރުން ބަލިވެގެން ދިޔައީ ބައިކޮޅަށްވެސް އެންމެ ލަނޑެއްވެސް ޖަހައި ނުލެވި އެވެ. ކުޅުދުއްފުށިން އެއްވެސް ޕްރެކްޓިހެއް ނުކޮށް އިންތިޚާބު މުބާރާތުގެ ސެމީ ފައިނަލަށް ނުކުތް އެމްޑީޕީގެ ކެނޑިޑޭޓުން މެޗު ކާމިޔާބުކުރީ 7-0 އިންނެވެ. ހަމަ ޔަޤީނުންވެސް، 2014 ގެ ވޯލްޑް ކަޕު ހޮސްޓް ކުރިއިރު ސެމީ ގައި ބްރެޒިލް 1 ލަނޑުނަމަވެސް ޖެހިކަން ހަނދާންވާނެ އެވެ. އެވަރުވެސް ސަރުކާރަށް ނުވި އެވެ. މިހެންވުމުން، 2018 ގައި އޮންނަ ބޮޑު ފައިނަލަށް ސަރުކާރު ނިސްބަތްވާ ޕާޓީ ކަންތައް ކުރާ ގޮތް ބަލާލަން ވާނެތާ އެވެ.

ކުޅުދުއްފުށީ ރައްޔިތުން މި ވަނީ ސަރުކާރަށް ނޫނެކޭ ބުނެފަ އެވެ. ވައުދު ފުންޏަކުން ނުވާނެކަން ސާބިތުކޮށްދީފަ އެވެ. ބައެއް ފަރާތްތަކުން ސިޔާސީ ޕޯޑިއަމް ތަކަށާއި މައިޒާން ތަކަށް އަރައި މި ބުނަނީ އެ ބޭފުޅުން ނުހޮވައިފިއްޔާ އެ ރަށަކާމެދު އަޅާނުލެވޭނެ ވާހަކައެވެ. އެގޮތުން ދެން ވާނެ އެއްގޮތަކީ ނޫނެކޭ ބުނީތީ ކުޅުދުއްފުށި ރައްޔިތުންނަށް ދެން ކޮށްދޭނެ ކަމެއް ނެތުމެވެ. އަދި “ވައުދު” ކޮށްފައިވާ އެއްވެސް ޕުރޮޖެކްޓެއް ކުރިއަށް ނުގެންދިއުމެވެ. އަދި ނުވިތާކަށް ފިނިހަކަ ސްޕީޑްގައި ކުރިއަށް ކަނޑާ ޕުރޮޖެކްޓްތައްވެސް ހުއްޓުމަކަށް އައުމެވެ. އެހެން ކަމަށް ވެއްޖެނަމަ ހަނދާން ކުރާށެވެ. މިއީވެސް ލައްކަ ވޯޓެވެ. އޮޓޮމެޓިކް ކޮލިފިކޭޝަނުން ލިބުނު ފައިނަލުގެ ޖާގައިން ބޮޑު ބައްޔަކުން ކުޅުދުއްފުށިން އަނެއްކާވެސް ބަލިވާން “ރެޑީ” ވާށެވެ.

ދެން އޮތް އަނެއްގޮތަކީ ސަރުކާރުން ގޮތް ދޫކޮށް ވޭތުވެދިޔަ ތިން އަހަރުގެ ގޮތް ގަނޑު ދޫކޮށްލުމެވެ. ކުޅުދުއްފުށީ ރައްޔިތުންނާމެދު ފާއިތުވެދިޔަ ތިން އަހަރު އަޅައިނުލެވި ދޫކޮށްލެވުނީތީ އެކަމާ ވިސްނާ، ކުޅުދުއްފުށިން އަލުން ސަޕޯޓް ހޯދަން މަސައްކަތް ފެށުމެވެ. ވެފައިވާ ހޮސްޕިޓަލުގެ ވައުދާއި، އެއާޕޯޓްގެ ވައުދާއި، މަގު ހެދުމުގެ ވައުދާއި، ޓޫރިޒަމްގެ ވައުދާއި، ޔުނިވާސިޓީގެ ވައުދާއި، ވަޒީފާގެ ވައުދުތައް ފިނިހަކަ އަށް “ބޫސްޓް” ޖަހާލައިގެން ހަލުވި ސްޕީޑްގައި ފުއްދައިދިނުމެވެ. މިއީ އަޅުގަނޑުމެން ބޭނުންވާ ގޮތެވެ. ސަރުކާރުން ހަނދާން ބަހައްޓާށެވެ. ފުރަތަމަ ވައުދު ފުއްދާށެވެ. އޭރުން ވޯޓު ލިބޭނެ އެވެ.

މިއީ މެއި މަސް ކަމަށް ވުމުން މިނިސްޓާ މުއިއްޒު އަށާއި ސަރުކާރަށް ހަމަ ކަމެއް ހަނދާން ކޮށްލަ ނުދީ ކެތެއް ނުވި އެވެ. އެ މަނިކުފާނު ވަނީ މި މެއި މަހުގެ ތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އިންޑިއާގެ ނިމްސް އާ ހަވާލުކުރެވޭނެ ކަމުގެ ޔަޤީންކަން ދީފަ އެވެ. މެއި މަސް ނުނިމުނަސް ދެބައިވެއްޖެކަން ކަލަންޑަރު ބަލާލީމާ އެނގޭނެ އެވެ. އަބަދު ވައުދުތަކުގައި ކޮޅުފައިން ނުޖަހާށެވެ. ރައީސް އާއި ބަންޑާރަ ނައިބާއި ދެންވެސް ވާހަކަ ދައްކަން އޮތް ބަޔަކާ ވާހަކަ ދައްކައިގެން ސޮއި ކުރަން ޖެހޭ އެގްރީމެންޓެއްގަ ވިއްޔާ ސޮއިކޮށް މެއި މަސް ނިމުމުގެ ކުރިން ހޮސްޕިޓަލް ޒަމާނީ ފެންވަރުގެ ޓާޝަރީ ހޮސްޕިޓަލަކަށް ހެދުމަށްޓަކައި އެ ފަރާތާ ހަވާލުކުރާށެވެ. ނިމްސްއިން ސަރުކާރު ފަދައިން ދޮގު ނަހަދައިފިކަމުގައި ވަނީނަމަ އެއް އަހަރުތެރޭ ހޮސްޕިޓަލް ތަރައްޤީކޮށް ނިންމާނެ ކަމުގެ ޔަޤީންކަން އޮތީ ދީފަ އެވެ. ދޮގުހަދައި ސަކަރާތް ޖަހަންޏާ ރައްޔިތުން މިހާރު ސަކަރާތް ޖަހާނީ ވޯޓުންކަން ހަނދާން ބަހައްޓަންވާނެ އެވެ.

ރައްޔިތުންގެ ބަސް ނުލާހިކު ސާފެވެ. ރައްޔިތުންގެ ބަސް އަޑު އަހާށެވެ. “ފުރަތަމަ ވައުދު ފުއްދާށެވެ. ދެން ވޯޓާމެދު ވިސްނާށެވެ.” އަދިވެސް އަޑު ހަރުކޮށް ކައިރީގައި މީހަކު އިނިއްޔާ އިވޭވަރަށް ކިޔާލާށެވެ. “ފުރަތަމަ ވައުދު ފުއްދާށެވެ. ދެން ވޯޓާމެދު ވިސްނާށެވެ.” 2013 ގެ ރިޔާސީ އިންތިޚާބުގައި ވައުދުވެ ފުރިހަމަ ނުކޮށްދީ ހުރި ކަންކަން ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ފުރިހަމަ ކޮށްދޭށެވެ. ކުޅުދުއްފުށީގައި ވޯޓު ލުމުގެ ހައްޤު ލިބިފައިވާ ހަ ހާހަށް ވުރެ ގިނަ ރައްޔިތުން ތިބި ކަމާއި، މި ބޮޑު ތިލަދުންމަތީގެ އެތައް ހާސް ވޯޓެއްގެ މަތީން ހަނދާން ނައްތައި ނުލާށެވެ. ނިންމައިލުމުގެ ކުރިން މިއީ މެއި މަސް ކަން މިނިސްޓާ މުއިއްޒު އަށް ހަނދާން ކޮށްލަދޭން ބޭނުމެވެ..

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355