މީގެ ކުރީގެ ރޯދަމަސްތަކާ ހިލާފަށް މި ފަހަރު ކުޅުދުއްފުށީ ސަރަހައްދުގެ ރައްޔިތުނަށް ހެޔޮއަގުގައި ރޯދަމަހަށް ބޭނުންވާ ތަކެތި ކުޅުދުއްފުށީގައި ގާއިމްކޮށްފައި ހުރި އެސްޓީއޯ ފިހާރައިން ނުލިބުނެވެ.
މީގެ ކުރިން ފިޔާ، އަލުވި، ބިސް ރޯދަ މަސް އައުމުގެ ކުރިން އެސްޓީއޯއިން ހުސްވާއިރު މިފަހަރު މި ތަކެތި ހުސްކުރަން ނުވެސް ލިބުނެވެ. ހަމަ އެކަނި ފިޔާ، އަލުވި ބިހެއް ނޫނެވެ. މަސްދަޅުވެސް ވެސް އެ ފިހާރައިން ލިބޭކަށް ނެތެވެ. ރޯދަމަސް ފެށެން ދެތިން ދުވަހަށް ވެފައިވާއިރު މިހާތަނަށް އެތަކެތި ލިބޭނެކަމެއްވެސް ޔަގީނެެއް ނޫނެވެ. ކުޅުދުއްފުއްޓަށް ތަކެތި ގަންނަން އަންނަ އެހެން ރަށްރަށުގެ ރައްޔިތުން އެއްހަފުތާ އައިސް ތަކެތި ނުލިބިގެން ވިދި ވިދިގެން 2 ހަފްތާ އައިރުވެސް އެސްޓީއޯއިން ތަކެތި ލިބޭގޮތެއް ނުވި އެވެ.
ހަމައެކަނި ކެއުމަށް ބޭނުންތަކެތި އެކަންޏެއް ނޫނެވެ. ރޯދަމަހަކީ ބަނދިގެތެރޭގެ ހިފާގެންގުޅޭ ތަކެއްޗާއި ގޭގެ ކުލަވެސް އެއްކޮށްހެން ބަދަލުކޮށްލާ މަހެކެވެ. އިލެކްޓްރޯނިކް ތަކެއްޗަކީ އެސްޓީއޯއިން ވިޔަފާރި ރަނގަޅަށް ހިނގާތަކެއްޗެވެ. އެހެން ނަމަވެސް ބަނދިގެ ތެރެ އާކޮށްލާނެ ނަސީބުވެސް މިފަހަރު ނުލެއްވި އެވެ. މީގެ އިތުރުން ގޭގައި ކުލައާކުރުމަށް ބޭނުންވާނަމަ އަލި ކުލަތައް ހެދޭނެގޮތެއްވެސް އެސްޓީއޯއިން މިވަގުތު ނެތެވެ.
ކުޅުދުއްފުށީގެ އަމިއްލަ ވިޔަފާރިވެރިން ތަކެތި ގެނެސް ވިއްކަމުން ދާއިރު މިރަށުގައި ހުރި ސަރުކާރު ހިއްސާވާ ފިހާރައިން މިތަކެތި ނުލިބުން މިއީ ރައްޔިތުންނަށް އެޅި ދަތިކުރުމުގެ ފިޔަވަޅެއްތޯ އެ ނުވަތަ ސިޔާސީ ގޮތުން ޖައްސާލި ޖައްސާލުމެއް ތޯ ވެސް ގިނަ ރައްޔިތުން ދަނީ ސުވާލު އުއްފަދަމުންނެވެ. ގައިމުވެސް މިއީ މިރަށާއި މި ތިން އަތޮޅުގެ ރައްޔިތުންނަށް ސަރުކާރުންގެ ކުންފުންޏަކުން ވި ވަރަށް ބޮޑު އިހުމާލެކެވެ.
ސަބަބެއްނެތި ދަތިކުރުމުގެ ފިޔަވަޅެއްވެސް ނާޅާނެ ދެއްތޯއެވެ. ދެން އޮތީ ސީޔާސީ ގޮތުން ޖައްސާލުމުގެ ވާހަކަ އެވެ. މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މިހާރު މިއޮތް ސަރުކާރަށް ކުޅުދުއްފުށިން 0.5 ފަސެންޓްވެސް ތާއީދު ނުލިބުނެވެ. ރަށު ކައުންސިލާއި އަތޮޅު ކައުންސިލްގެ ގޮޑިތައްވެސް ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީންނެވެ. މިއީ ސިޔާސީގޮތުން ޖައްސާލާ ކުޅުދުއްފުށީ ރައްޔިތުނަށް މި އަންނަ ރޯދަމަހަށް ބޭނުންވާ ޒަރޫރީތަކެތިން މަހުރޫމްކޮށް، ބޮޑުއަގުގައި އެތަކެތި ގަތުމަށް މަޖުބޫރުކުރި ސަބަބެއްކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ.
ލިބުނު ނާކާމިޔާބުގައި އާސަންދައިގެ ހިދުމަތް ވެސް ކަނޑާލުމާށްފަހު އަލުން ދޫކުރަން ވެސް ފެށީތާ އެވެ. ހަމަ އެގޮތަށް ކުޅުދުއްފުށީ ރައްޔިތުން ސަރުކާރަށް ފުރަގަސް ދިނުމުން އެކަމުގެ ހިތިރަހަ އަރުގަ ލައްވާލުމަށް ބޭނުން ކުރި އުކުޅަކަށްވެސް މިކަން ވެދާނެ އެވެ.