އިބްރާހިމް ހަމީދު
ކުޅުދުއްފުށީ ދެކުނު އަވަށު ޒުވާނުންގެ ދިރުމާއި މަތިއުތުރު ޕްރޮވިންސް އޮފީހުގެ ވިޔަފާރީ ކުރިއަރުވާ މަރުކަޒާއި ގުޅިގެން ކުޅުދުއްފުށީ ފިހާރަތަކުގެ ކައުންޓަރުތަކުގައި މަސައްކަތް ކުރާ ސޭލްސް މުވައްޒަފުންނަށް އަމާޒު ކޮށްގެން “ކަސްޓަމަރ ކެއަރ އޮން އިންފޮމޭޝަން ސެޝަން” ގެ ނަމުގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.
މިބައްދަލުވުން ކުރިއަށް ދިޔައީ މިމަހު 21 ން 22 އަށް ތައުލީމީ މަރުކަޒުގެ ޓީޗަރ ރިސޯސް ސެންޓަރުގައެވެ. ކުޅުދުއްފުށީ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ޒުވާނުންގެ ދިރުމުގެ ރައީސް އަހްމަދު އާތިފު ވިދާޅުވީ މިބައްދަލުވުމަކީ ވަރަށް ގިނަ ވިޔަފާރިވެރިންގެ އެދުމުގެ މަތިން ބޭއްވުނު ބައްދަލުވުމެއްކަމަށެވެ. އަދި މިބައްދަލުވުމުގައި ފިހާރަތަކުގެ ކައުންޓަރުގައި މަސައްކަތް ކުރާކުދިންނަށާއި “ސޭލްގާލް” އާއި “ބޯއީޒް” އަށް މައުލޫމާތު ދެވިފައިވާކަމަށް އެފަރާތުން މަޢުލޫމާތުދެއެވެ.
51 ބައިވެރިންނާއެކު ފެށި މިބައްދަލުވުމުގައި މަޢުލޫމާތު ދެއްވީ ވިޔަފާރި ކުރިއަރުވާ މަރުކަޒުގެ ކޮންސަލްޓަންޓް ސޯލިހު ހުސެއިނާއި މިޕްރޮގުރާމް އިންތިޒާމް ކުރި ދެކުނު އަވަށު ޒުވާނުންގެ ދިރުމުގެ ރައީސް އަހްމަދު އާތިފެވެ.