twitterviber whatsapp telegramfacebookyoutube instagram
20th April 2024

މެއިމަސް ނިމެނީ، ކުޅުދުއްފުށީ ހޮސްޕިޓާ ނިމްސްއާ ހަވާލެއް ނުކުރެވުނު !؟

May 31, 2017

ކުޅުދުއްފުށީ ހޮސްޕިޓަލް 150 އެނދުގެ މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލެއްގެ ފެންވަރަށް ބަދަލު ކުރުމަށް އިންޑިޔާގެ ނިމްސް ހޮސްޕިޓަލާ މި މެއިމަހު ހަވާލުކުރައްވާނެކަމަށް ހދ އަތޮޅުގެ ކަންކަން ބެލުމަށް ރައީސްގެ މަންދޫބެއްގެ ގޮތުގައި ކަނޑައަޅުއްވާފައި ހުންނެވި ހައުންސިންގ މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ކައުންސިލް އިންތިހާބު ބޯމަތިވެފައިވާ ވަނިކޮށް ވަނީ ވިދާޅުވެފަ އެވެ.

ކުޅުދުއްފުށީ ކައުންސިލަށް ޕީޕީއެމްގެ ކެނޑިޑޭޓުންގެ ގޮތުގައި ވާދަކުރައްވާ ބޭފުޅުންނަށް ކެމްޕެއިން ކުރެއްވުމަށް މެއި 1 ވަނަ ދުވަހު ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލްގައި ބޭއްވި ޖަލްސާގައި ހެލްތު މިނިސްޓަރާ ހަވާލާދެއްވާ މިނިސްޓަރު މުއިއްޒު ވިދާޅުވީ މިހާރު ކުރިއަށްދަނީ ގާނޫނީ ގޮތުން އެގްރިމެންޓަށް ގެންނަ ޖެހޭ ފައިނަލް ބަދަލުތައް އޭޖީ ގެނައުމުގެ މަސައްކަތް ކަމަށެވެ. އަދި މި މެއި މަސް ނިމުމުގެ ކުރިން ނިމްސްއާ ހަވާލުކުރެވޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

” އެންމެ ގިނަވެގެން ވެސް މިމަސް ތެރޭގައި އިންޑިޔާގެ ނިމްސްއާ ހަވާލުކުރެވިގެން ގޮސް އެފަރާތުން މިހާރު ދެއްވާފައިވާ ޔަގީންކަމާއެކީގައި ހަވާލުކުރާތަނުން މަސައްކަތް ފަށާނެކަމަށް. އެހެންވީމަ މި މޭ މަސް ނިމުމުގެ ކުރީގައި ހަވާލުކުރެވިގެންދާނެކަމުގެ ޔަގީންކަން މިރޭ އަޅުގަނޑަށް ހެލްތް މިނިސްޓަރ ދެއްވި” ކުޅުދުއްފުށީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއިއްޒު އޭރު ވިދާޅުވި އެވެ.

އެހެންނަމަވެސް މިއަދަކީ މެއިމަހުގެ ފަހު ދުވަހެވެ. ނިމްސްއާ ކުޅުދުއްފުށީ ހޮސްޕިޓާ ހަވާލުކުރުމުގެ އެއްވެސް މަސައްކަތެއް މިއަދަކަށް ތާވަލްކޮށްފަ ނެތެވެ.

މިކަމާ ގުޅިގެން ހެލްތް މިނިސްޓްރީގެ ބަހެއް ހޯދާލުމަށް ގުޅާލުމުން އެ މިނިސްޓްރީގެ ބޭފުޅަކު ވިދާޅުވީ އެކަމުގައި އިސްކޮށް އުޅުއްވާ ސްޓޭސް މިނިސްޓަރު އާލާސްކަންފުޅާ އުޅުއްވާތީ މިއަދު އޮފީހަށް ވަޑައިނުގަންނަވާތީ އެކަމުގެ މައުލޫމާތު ދެވެން ނެތް ކަމަށެވެ. އަދި އެމިނިސްޓްރީގެ ލީގަލް ބޭފުޅުން ވެސް މިނިސްޓްރީގައި ނެތުމުން އެކަމުގެ މައުލޫމާތު މިއަދު ދެވެން ނެތް ކަމަށް އެ ބޭފުޅާ ވިދާޅުވި އެވެ.

މިދިޔަ އޭޕްރީލްމަހު މިމަސައްކަތް ކުރިއަށްދާ ގޮތް ބެލެވުމަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ މުހައްމަދު ހަބީބު އާއި ޑެޕިއުޓީ މިނިސްޓަރ މުހައްމަދު މާހިރުވެސް ވަނީ ކުޅުދުއްފުއްޓަށް ވަޑައިގަންފަ އެވެ. އަދި އެ ދެ ބޭފުޅުން ކައުންސިލާ ބައްދަލުކުރައްވާ ކުރިއަށް އޮތް ދެމަސް ތެރޭގައި ހޮސްޕިޓާ ނިމްސްއާ ހަވާލުކުރެވޭނެކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.

މެއި މަސް ނިމުނުއިރުވެސް ނިމްސްއާ ހަވާލުނުކުރެވޭތީ ބޮޑުތިލަދުންމަތީގެ ރައްޔިތުންދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355