twitterviber whatsapp telegramfacebookyoutube instagram
28th March 2024

ޔޫތު ސެންޓަރު އަޅަނީ ނަމަކަށްތަ؟

Jun 17, 2017

ޒުވާނުންގެ އާބާދީ ކިތަންމެ ބޮޑަސް ޒުވާނުންނަށް ބޭނުންވާ ކުޅިވަރުތަކާއި މުނިފޫހިފުލުވުމުގެ ވަސީލަތްތަކާއި ސެންޓަރުތަކެއް މާލޭއިން އުތުރުގެ އެންމެ ބޮޑު އާބާދީ އޮންނަ ކުޅުދުއްފުއްޓަކު ނެތެވެ. އެއީ އެކި ސަރުކާރުތަކުން ކުޅުދުއްފުއްޓަށް އިހުމާލުވެފައިވާކަން އަންގައިދޭ އަލިގަދައެއް ހެއްކެވެ. އަބަދުވެސް އިވެނީ ހުޅުމާލެއަކުން ނުނެއްޓިގެން ސަރުކާރުން އުޅޭތަނެވެ. މިހެން އުޅެނިކޮށް ކުޅުދުއްފުށީގައި ޔޫތް ސެންޓަރެއް އަޅާ ވާހަކަ ރައީސް ޔާމީންގެ ސަރުކާރުން އިއުލާންކުރި ހަބަރުވެގެންދިޔައީ ކުޅިވަރު ކުޅޭ ޒުވާނުންނަށް ލިބިގެންދިޔަ އުފާވެރި ހަބަރަކަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ކުޅުދުއްފުއްޓަކަށް މާގިނަ ކަންތައްތަކެއް ކޮށްދީފައެއް ނުވެ އެވެ. ނަމަވެސް ޒުވާނުންނަށް ފުޓްސަލް ދަނޑެއް އަޅައި ދީފައިވެ އެވެ. އަދި އިތުރު ދަނޑެއްވެސް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

4.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން ޔޫތް މިނިސްޓްރީގެ ބަޖެޓުން ހަދާ އިންޑޯ ކުޅިވަރު ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ހަފްތާ ތެރޭގަ އެވެ. މިލިޔަނުން ގުނާލެވޭ އަގުތައް ކިޔާފައި ހަދައިދޭ ކުޅިވަރު ސެންޓަރުތަކުގައި އެބުނާ އަގާ ކައިރިކުރާވަރަށްވެސް ވަސީލަތްތަކެއް ގާއިމުވެފައެއް ނުހުރެއެވެ. ކުޅުދުއްފުށީގައި ހަދާ ޔޫތު ސެންޓަރުގައި ވަސީލަތްތައް މަދުވުމުގެ ސަބަބުން ޒުވާނުން މިހާރު ވަނީ ޝަކުވާ ކުރަން ފަށައިފައެވެ.

“މަސައްކަތް ފެށީމަ މިއެނގުނީ މިއީ ކިހާވަރެއްގެ ކުޑަ އަދި ވަސީލަތް މަދުކޮށް ހަދާ ތަނެއްކަން.” ޒުވާނަކު ބުންޏެވެ.

މިމަރުކަޒާ މެދު ޒުވާނުން އެއްވެސް ވަރަކަށް ހިތްހަމައެއް ނުޖެހެ އެވެ. އެއީ މިތަނުގައި ކުޅެވޭ ކުޅިވަރުތައް މަދުކަމުންނާއި  މިހާ ބޮޑު އާބާދީއަކަށް އެކަށީގެންވާ ވަރަށް ވުރެ މާބޮޑަށް ވެސް ކުޑަ ތަނަކަށް ވާތީ އެވެ. 125 ފުޓް ދިގު 52 ފޫޓް ފުޅާ މި ޔޫތް ސެންޓަރުގައި އެކުލެވެނީ އެއް ބެޑްމިންޓަން ކޯޓާއި ބިލިޔާޑް މޭޒާއި ޖިމް އެއް އަދި ސެމިނާ ހޯލަކާއި އޮފީހެކެވެ. 2000 މީހުން ހަމަނުވާ އާބާދީތަކުގައިވެސް ސަރުކާރުން ގާއިމްކުރަނީ މިފަދަ ޔޫތް ސެންޓަރުތަކެކެވެ.

ސަރުކާރުން ކުޅުދުއްފުށީގެ ޒުވާނުންނަށް މިދިން ބޮޑު ހަދިޔާއާއެކު ގިނަ ޒުވާނުން ތިބީ ނުރުހިފަ އެވެ. އެކަމުގެ ޝަކުވާ ކައުންސިލަށްވަނީ ހިއްސާކޮށްފަ އެވެ. ނަމަވެސް ޒުވާނުންވެސް ގަބޫލު ކުރާ ގޮތުގައި ސަރުކާރުގެ މިނިސްޓްރީއަކަށް ސިޓީއެއް ފޮނުވާލުން ނޫން އިތުރު އެއްވެސް ކަމެއް ކައުންސިލަކަށް ނުކުރެވޭނެ އެވެ.

ޔޫތް ސެންޓަރެއްގެ ވާހަކަ ދައްކާލުމުން ހަނދާނަށް އަންނަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ކުޅުދުއްފުށީގައި އިމާރާތްކުރަން މަސައްކަތްކުރި ބިޔަ ޔޫތް ސެންޓަރުގެ މަތިންނެވެ. ބޭރުގެ ހިލޭ އެހީ ދޭ ޖަމްއިއްޔާއެއްކަމަށްވާ ފިދާ އިންޓަނޭޝަނަލް އާއި ސަރުކާރުން ހަރަދުކޮށްގެން 20000 އަކަށް ފޫޓްގެ ބިމެއްގައި 2011 ވަނަ އަހަރު އަޅަން ސޮއިވެސް ކުރި އެވެ. ނަމަވެސް ނަޝީދުގެ ވެރިކަން ވެއްޓުމުން އެމަޝްރޫއުވަނީ ވާނުވާ ނޭނގި ގެއްލިފައެވެ.

މިއީ އެމަޝްރޫއުގެ ވާހަކަދައްކާލަން އެންމެ މުނާސަބަތު ވަގުތުކަމަށް ގަބޫލުކުރެވޭތީ އެވާހަކަދައްކާލަނީ އެވެ. ކުރިއަށްދަމާ ހިނގާށެވެ. ނަޝީދުގެ ޔޫތް ސެންޓަރަކީ ފިދާއިން 27 މިލިއަން ރުފިޔާ އާއި ސަރުކާރުގެ އިތުރު ހަރަދުގައި ގާއިމްކުރަން ނިންމި ތަނެކެވެ. އެ ސެންޓަރު ގާއިމްކުރެވުނު ނަމަ އެތަން ވެގެންދިޔާހީ ރާއްޖޭގައި އިމާރާތްކުރި އެންމެ ބޮޑު ޔޫތް ސެންޓަރަށެވެ. އެތަނުގައި ކްލާސް ރޫމްތަކާއި، މީޓިންގ ރޫމްތައް، ޖިމް ފެސިލިޓީ، އެރޯބިކްސް ރޫމް، ލައިބްރަރީ، ސައިބާ ކެފޭ، ހުރުމުގެ އިތުރުން ޓޭބަލް ޓެނިސް، ބިލިއާޑް ފަދަ ކުޅިވަރުތައް ކުޅެވެން ހުންނާނެއެވެ. އަދި ބާސްކެޓްބޯލް، ވޮލީބޯލް، ނެޓްބޯލް، ބެޑްމިންޓަން ކުޅެވޭނެ އިންޑޯ ހޯލްއެއް ހިމެނިފައިވެއެވެ.

އެހެންކަމުން މިހާރު ކުޅުދުއްފުށީގައި އަޅާ ޔޫތް ސެންޓަރާ އަޅާ ކިޔާލަން ކިޔުންތެރިންނަށް ދޫކޮށްލާނަމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355