twitterviber whatsapp telegramfacebookyoutube instagram
25th April 2024

މަތި އުތުރު ޕްރޮވިންސްގައި ސަރުކާރުން ހިންގަން ރާވާފައިވާ މަޝްރޫއުތައް ވީހާވެސް އަވަހަކަށް ފެއްޓެވުމަށް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު ނިންމައިފި

Jan 25, 2011

ކުޅުދުއްފުށީގައި މިއަދު ބޭއްވި ތާރީޚީ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަތިއުތުރު ޕްރޮވިންސްގައި ހިންގެވުމަށް ސަރުކާރުން ރާއްވަވާފައިވާ މަޝްރޫޢުތަކުގެ ތެރެއިން، މިހާރު ފެށްޓެވެން ހުރި މަޝްރޫޢުތަކުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށްޓެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު މެންދުރުކުރީގައި ކުޅުދުއްފުށީގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމުގައި، މިމަޝްރޫޢުތައް ކުރިއަށް ގެންދާނެ ގޮތާއި އަދި މިމަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި ހުރި ދަތިތަކާ ބެހޭގޮތުން ކުރެއްވި މަޝްވަރާތަކަށް، ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ރިޢާޔަތް ކުރެއްވުމަށްފަހުގައެވެ.

ކުޅުދުއްފުށީގައި، މިއަދު މެންދުރުފަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މި މަޝްރޫޢުތަކުގެ ތެރެއިން ބައެއް މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި ދަތިތައް ހުރުމާއެކު، އެ ހުރި ދަތިތަކާބެހޭގޮތުން ޕްރޮވިންސް އޮފީހާއި ކަމާބެހޭ ވުޒާރާ މެދުވެރިކުރައްވައި، މަޝްވަރާ ކުރައްވައިގެން މަޝްރޫޢުތައް ފެށްޓެވޭނެ މަގު ހޯއްދެވުމަށް ނިންމެވިއެވެ.

ސަރުކާރުން މިއަހަރު މަތި އުތުރު ޕްރޮވިންސްގައި ހިންގެވުމަށް ހަމަޖެހިފައިވާ ތަފާތު މަޝްރޫޢުތަކުގެ ތެރޭގައި، ނޭޝަނަލް ޕްލޭނިންގ ކައުންސިލުން ފާސްކުރައްވާފައިވާ މަޝްރޫޢުތަކާއި، ޕީ.އެސް.އައި.ޕީ.ގެ މަޝްރޫޢުތަކާއި، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ހިންގަވާ މަޝްރޫޢުތައް ހިމެނެއެވެ. މި މަޝްރޫޢުތަކުގެ ދަށުން، މަތިއުތުރު ޕްރޮވިންސްގެ ބައެއް ރަށްރަށުގެ ތަޢްލީމީ ޙާލަތު ތަރައްޤީ ކުރެއްވުމާއި، ޞިއްޙީ ޚިދްމަތްތައް ތަރައްޤީ ކުރެއްވުމާއި، ބައެއް ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ތަރައްޤީ ކުރެއްވުމާއި، ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރުތައް ޤާއިމުކުރެއްވުން ހިމެނެއެވެ. އަދި މީގެ އިތުރުން، އައުޓަރ އައިލެންޑް އިލެކްޓްރިފިކޭޝަން ޕްރޮޖެކްޓް ހިންގެވުމާއި، ހައުސިންގ ޑިވެލޮޕްމަންޓް ޕްރޮގްރާމާއި، ތިލަވެފައިވާ ބަނދަރާއި ނެރުފަދަ ތަންތަން ފުން ކުރުމުގެ ޕްރޮގްރާމާއި، ބަނދަރު ހެދުމުގެ މަޝްރޫޢުއާއި، ސުނާމީގައި ހަލާކުވި ގެތަކާއި އިންފްރާސްޓްރަކްޗަރ ޤާއިމު ކުރެއްވުމުގެ ޕްރޮގްރާމާއި، އަލަށް މިސްކިތް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ ރަށްރަށުގެ މިސްކިތްތައް ޢިމާރާތް ކުރެއްވުމުގެ ޕްރޮގްރާމާއި، ޕްރޮވިންސަށް ފަތުރުވެރިކަން ފުޅާ ކުރެއްވުމަށް ހިންގަވާ ޕްރޮގްރާމް ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355