އިބްރާހިމް ހަމީދު
ކުޅުދުއްފުށީގައި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުނުކަމަށްޓަކައި އުފާފާޅު ކުރައްވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުން ނިންމަވާލެއްވުމަށްފަހު މީޑިއާއަށް ދެއްވި ހާއްސަ ބަސްދީ ގަތުމެއްގައެވެ.
އެމަނިކުފާނު ވާހަކަފުޅު ދައްކަވަމުން އިތުރަށް ވިދާޅުވީ މިއަދު ވަޒީރުންގެ ބައްދަލު ވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާ ކުރެއްވީ އުތުރުގެ ތަރައްގީގެ މަޝްރޫއު ތަކާއި ގުޅޭގޮތުންނާއި އެކަންކަން މިހާރު ގޮސްފައިވާ ހިސާބާއި ކުރިއަށް އެމަޝްރޫއުތައް ގެންދަންވީ ގޮތްތަކާއި ގުޅޭގޮތުން ފުރިހަމަ ގޮތްތަކެއް ނިމިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ހާއްސަގޮތެއްގައި މިރަށްރަށުގައި ތިބެގެން މަޝްވަރާކުރެވި އެކަން ކަމާއި ގުޅޭ ގޮތުން ހިޔާލު ބަދަލު ކުރެވުނީތީ އެއީ ލިބުނު ކާމިޔާބީއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ވީހާވެސް ރައްޔިތުންނާއި ގާތުން ކަންކަން ނިމިގެން ދިއުމުން ރައްޔިތުން އެކަންކަމާއި ދެކޭގޮތް އެނގިގެން ހިގައްޖެކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި އެހެން ތަންތަނުގައި މިބާވާތުގެ ބައްދަލުވުންތައް ކުރިއަށް ގެންދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.