twitterviber whatsapp telegramfacebookyoutube instagram
25th April 2024

މާލެއަށް ލިބިފައިވާފަދަ ތަރައްޤީއާއި އެންމެހާ ޚިދުމަތްތައް ކުޅުދުއްފުށީގައިވެސް ޤާއިމު ކުރެއްވުމަކީ، ސަރުކާރުގެ އަމާޒެއް – ރައީސް ނަޝީދު

Jan 26, 2011

މާލެއަށް ލިބިފައިވާފަދަ ތަރައްޤީއާއި އެންމެހާ ޚިދުމަތްތައް ކުޅުދުއްފުށީގައިވެސް ޤާއިމު ކުރެއްވުމަކީ، ސަރުކާރުގެ އަމާޒެއް ކަމަށް ރައީސުލްޖުމުހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އަދި ސަރުކާރުގެ ބޭނުންފުޅަކީ، ކުޅުދުއްފުށިން ދެވޭނެ ޚިދުމަތްތައް، އުތުރުގެ ހުރިހާ ރައްޔިތުންނަށް ބޭނުންކުރެވޭނެ ރަށަކަށް ހެއްދެވުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، ރޭ ކުޅުދުއްފުށީގައި ބޭއްވެވި އެމް.ޑީ.ޕީ.ގެ ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ، ތިލަދުންމަތީގެ ތަރައްޤީއަށް ސަރުކާރުން ރާއްވަވާފައިވާ ޕްރޮގްރާމްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. އަދި ތިލަދުންމަތިން ލިބެން ހުރި ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން، މިއަހަރުގެ ތެރޭގައި ތިލަދުންމަތީގެ ދިހަ ރަށެއްގައި ޓެލެމެޑިސިންގެ ޚިދުމަތް ޤާއިމް ކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ކުޅުދުއްފުށީގައި އަލަށް ހިއްކި ފަސްގަނޑުގައި ބޭއްވި އެމްޑީޕީގެ ބައްދަލުވުމުގައި ރައީސް ވިދާޅުވެފައިވަނީ މިރާއްޖޭގެ ތަރައްޤީގެ ޙަޤީޤީ ނާރެސްތަކަކީ، މަދަރުސާތައް ކަމަށާއި ރާއްޖޭގެ ދަރިވަރުންނަށް ވަށާޖެހޭ ތަޢުލީމެއް ދެއްވައި، ސްކޫލްތަކުގައި އެއްދަންފަޅިއަށް ކިޔަވައިދެއްވަން ފެށްޓެވުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން، މަތިއުތުރު ޕްރޮވިންސްގައި މިހާތަނަށް 28 ކްލާސްރޫމް ޢިމާރާތް ކުރެވި، އިތުރު 54 ކްލާސްރޫމެއްގެ މަސައްކަތް ހިނގަމުންދާކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި އިތުރު 20 ކްލާސްރޫމް ޢިމާރާތް ކުރެއްވުމުގެ މަސައްކަތް ސަރުކާރުން ފަށްޓަވާނެ ކަމަށާއި ރާއްޖޭގެ ތަޢުލީމީ ޙާލަތު ރަނގަޅު ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ޙަޤީޤީ ނަތީޖާ ހާމަވަނީ، 2010 ވަނަ އަހަރުގެ އޯ ލެވެލް އިމްތިހާނުގެ ނަތީޖާއިން ކަމަށާއި، 2008 ވަނަ އަހަރާ އަޅާބަލާއިރު 2010 ވަނަ އަހަރު، މުޅި ޕްރޮވިންސްގެ ނަތީޖާ، 7 ޕަސެންޓުން މައްޗަށް ގޮސްފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިގުމުއްދަތުގައި ފައިސާ ދައްކާ ޚަލާޞްކުރާ އުސޫލުން ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމާއި، ރައްޔިތުން ބިންވެރި ކޮށްދެއްވުމަކީ، ސަރުކާރުގެ ވަޢުދެއް ކަމަށް ވިދާޅުވިއެވެ. އަދި އާބާދީ މަދު، ބިން ކުޑަ ރަށްރަށުގެ ބިން ބޮޑުކުރައްވައި، ރައްޔިތުންނަށް ފާގަތި މުސްތަޤްބަލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދު ފުއްދެވުމަށް ސަރުކާރުންވަނީ ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތް ކުރައްވާފައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިގޮތުން، މަތި އުތުރު ޕްރޮވިންސްގެ ދިއްދޫއާއި ކުޅުދުއްފުށީގެ ބިން ބޮޑުކުރައްވާފައިވާ ކަމަށާއި، އެބިމުގެ ފުރިހަމަ ބޭނުން، މުޅި ބޮޑު ތިލަދުންމަތީގެ ހުރިހާ ރައްޔިތުންނަށް ހިފޭނެކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވޭތުވެދިޔަ އަހަރުގެ ތެރޭގައި، މަތި އުތުރު ޕްރޮވިންސްގެ 11 ރަށެއްގައި ބަނދަރު ހައްދަވައި، ބިންހިއްކުމުގެ މަސައްކަތް ހިންގަވާފައިވާ ކަމަށާއި، މި 2011 ވަނަ އަހަރު އިތުރު 13 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމުގައި ވިދާޅުވިއެވެ. އަދި ބަނދަރާ ގުޅުވައިގެން ބަނދަރުމަތި ނުވަތަ ބާޒާރު ބަނދަރު ތަރައްޤީ ކުރެއްވުމުގެ ޕްރޮގްރާމް، 2011 ވަނަ އަހަރު، މަތި އުތުރު ޕްރޮވިންސްގެ ކުޅުދުއްފުށީގަޔާއި، ހޯރަފުށީގަޔާއި، އިހަވަންދޫގަޔާއި، ދިއްދޫގައި ކުރިއަށް ގެންދަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމުގެ ވަޢުދުގެ ތެރެއިން، މަތި އުތުރު ޕްރޮވިންސްގައި 625 ހައުސިންގ ޔުނިޓް ބިނާކުރެއްވުމުގެ ކޮންޓްރެކްޓްގައި ސޮއި ކުރައްވާފައި ކަމަށާއި، މިއަހަރުގެ ތެރޭގައި، މި ޕްރޮވިންސްގެ އެކި ރަށްރަށުގައި މި ހައުސިން ޔުނިޓްތައް އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

2010 ވަނަ އަހަރާއި، މިއަހަރުގެ ކުރީކޮޅުގެ ތެރޭގައި، ކުޅުދުއްފުށީގެ ފެނާއި ނަރުދަމާގެ މަސައްކަތް މުޅިން ނިމި، 2011 ވަނަ އަހަރުގެ ތެރޭގައި، މަތިއުތުރު ޕްރޮވިންސްގެ 4 ރަށެއްގެ ނަރުދަމާއާއި، 3 ރަށެއްގެ ފެނުގެ މަސައްކަތް ބަޖެޓްގައި ހިމެނި، މަސައްކަތް ފެށޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ގިނަ އަދަދެއްގެ އާންމުން ބައިވެރިވި މި ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ސަރުކާރުގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ ތެރެއިން، ބޭސްފަރުވާއަށް ސަލާން ޖެހުން ނައްތާލެއްވުމުގެ މަސައްކަތުގެ ދަށުން، ތިލަދުންމަތީގެ 9076 މީހުންގެ މަދަނައިގައި ރަޖިސްޓްރީކުރެވި، ދޮށީ އުމުރުގެ މީހުންނަށް ދެއްވަން ފެށްޓެވި ޕެންޝަން، ތިލަދުންމަތީގެ 3027 މީހަކަށް ލިބެމުންދާ ކަމަށެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި، އެކަނިވެރި މައިންނާއި، ޔަތީމު ކުދިންނަށް ސަރުކާރުން ދެއްވަން ފެށްޓެވި ޢިނާޔަތް، ތިލަދުންމަތީގެ 839 ރައްޔިތަކަށް ލިބެމުން ގޮސްފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355