twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށި ބޮޑު މެޗަކަށް، ސަޕޯޓަރުންގެ އެހީތެރިކަން ބޭނުންވޭ

Jul 13, 2017

ކުޅުދުއްފުށި ފުޓުބޯޅައިގެ ހަޔާތުގައި މިއަދަކީ ޔަގީނުންވެސް ބޮޑު ދުވަހެކެވެ. މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި މިއަދު މިލަންދޫ އާއި ދެކޮޅަށް ކުޅޭ ގްރޫޕް ގެ ފަހު މެޗުން މޮޅުވެއްޖެ ނަމަ ރާއްޖޭގެ އެންމެ ބޮޑު ކްލަބް މުބާރާތް ކަމަށްވާ ޕްރިމިއަރ ލީގުން ޖާގަ އެއް ލިބިގެންދާނެ އެވެ. އަދި މުބާރާތުގެ ސެމީފައިނަލުންވެސް ފުރުސަތު ލިބިގެންދާނެ އެވެ.

ކުޅޫދުއްފުށި ޓީމުގެ އެންމެ ބޮޑު ހަތިޔާރަކީ ޓީމުގެ ސަޕޯޓަރުންނެވެ. ނުވަތަ ބާރަ ވަނަ ކުޅުންތެރިޔާއެވެ. އެކަން ޓީމުގެ ކޯޗު މުހައްމަދު ދާއޫދު ގަބޫލުކުރެއެވެ.

“މުބާރާތުގަ ޓީޟު މިހާހިސާބަށް މި އައީ ސަޕޯޓަރުންގެ އެހީތެރިކަމާއެކު ބުންޏަސް ދޮގަކަށް ނުވާނެ، އެއީ އެންމެ ބޮޑު ހަތިޔާރަކީ މި ޓީމުގެ، އަނެއްކާ އަމިއްލަ ދަނޑުގައި މި މެޗުތައް ކުޅެން ލިބުމަކީވެސް ލިބޭ ބޮޑު އެޑްވާންޓޭޖެއް، މިހާތަނަށް މެޗޔތަށް މި ދިޔައީ އެންމެ ބޭނުންވި ގޮތަކަށް ނޫން، އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ ފަހު މެޗުން މޮޅުވެވޭނެ، ސަޕޯޓަރުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުން” ކުޅުދުއްފުށީގެ ޒުވާން ކޯޗު ދާއޫދު ބުންޏެވެ.

މުބާރާތުގައި ކުޅުދުއްފުށި މިހާތަނަށް ކުޅުނު އެއްވެސް މެޗެއްގައި އިދިކޮޅު ޓީމު ކޮޅަށް ގޯލެއް ނުޖެހުން މިއީ ސަޕޯޓަރުން އަދި ޓީމުންވެސް ކަންބޮޑުވި ކަމެކެވެ. އެންމެ ފަހުގެ ޗެމްޕިއަން އޭދަފުއްޓާއި މި ގްރޫޕުން ސެމީފައިނަލަށް ދަތުރުކޮށް، ދިވެހި ޕްރިމިއަރ ލީގުން ޖާގަ ހޯދި ފުރަތަމަ ޓީމު ކަމަށްވާ މާޅޮހާއި ދެކޮޅަށް ކުޅުނު މެޗުވެސް ނިމުނީ ދެޓީމުންކުރެ ޓީމަކަށް ގޯލެއް ނުޖެހިއެވެ.

“ނިންމާނުލެވެނީ، އެހެން ހުރިހާ ކަމެއް ރަނގަޅު ޓީމުގެ، އެކަން އިރާދަކުރެއްވިއްޔާ މިލަންދޫ މެޗުގަ ރަނގަޅު ކުރެވޭތޯ މަސައްކަތް ކުރާނަން، މިއީ ބަލި ނުކުރެވޭ ވަރުގެ ޓީމުތަކެއް ނޫން” ދާއޫދު ބުންޏެވެ.

މި މެޗުން މޮޅުވެއްޖެނަމަ އެކަން ވެގެންދާނީ ކުޅުދުއްފުށީގެ ފުޓުބޯޅައިގެ ހަޔާތުގައި ލިބިގެންދާނެ އެންމެ ބޮޑު ކާމިޔާބަށެވެ. އެއީ ރާއްޖޭގެ އެއްވަނަ ޑިވިޝަނުގެ ޓީމުތަކާއި ދެކޮޅަށް ކުޅުމުގެ ފުރުސަތު ލިބޭތީ އެކަންޏެއް ނޫނެވެ. މުޅި ރާއްޖެއަށް ކުޅޫދުއްފުށީގެ ފެންވަރު އެނގިގެންދާނެ ތީއެވެ. އަދި ފުޓުބޯޅާއިގައި މި ރަށަކީ ވަކި ދޫދޭނެ ރަށެއް ނޫންކަން އެނގިގެންދާނެތީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355