twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކުޅުދުއްފުށި އެއްކޮށް 10 ބުރިއަށް ނަގާހާ ފައިސާ ސަރުކާރުން ވަގަށް ނަގައިފި: ގަފޫރު

Jul 13, 2017

މި ސަރުކާރުން ހދ. ކުޅުދުއްފުއްޓަށް ތަރައްގީ ގެންނަން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި މުޅި ކުޅުދުއްފުށި 10 ބުރިއަށް ނެގޭހާ ފައިސާ ސަރުކާރުން ވަގަށް ނަގާފައިވާ ކަމަށް ވިދާޅުވެ ސަރުކާރަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބުދުލް ގަފޫރު މޫސާ ފާޑުވިދާޅުވެއްޖެ އެވެ.

“އިހުސާސްނުކުރެވޭހާ ބޮޑެތި ވައްކަންތައް ހިނގަމުން މިދަނީ، މިދިޔަ 800 އަހަރު ތެރޭގައި ނުހިނގާ ވަރަށް އެންމެ ދުވަހެއްގެ ތެރޭގައި މި ސަރުކާރުން ކޮށްލާ ވައްކަން ވެސް މާބޮޑު، ހަމައެކަނި އެމްއެމްޕީއާރްސީ މައްސަލާގައި ތިޔަ ބޭފުޅުން ބައްލަވާ ކިތައް ބިލިއަން ރުފިޔާތޯ، މި ދައުލަތުން މިހާރު ވަގަށް ނަގައިފި މި ކުޅުދުއްފުށި އެއްކޮށް 10 ބުރިއަށް ނަގާހާ ލާރި، މި ހަގީގަތް، މި ކަންކަމުގައި ދެކޮޅެއް ނުހެއްދެވޭނެ އެއްވެސް ބޭފުޅަކަށް،” ކުޅުދުއްފުށީގައި އިދިކޮޅު އިއްތިހާދުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގަފޫރު ވިދާޅުވި އެވެ.

ގަފޫރު ވިދާޅުވީ، ސަރުކާރަށް ހަތަރު އަހަރު ފުރެން ކައިރިވެފައިވާއިރު، ކުޅުދުއްފުއްޓަށާއި ހދ. އަތޮޅުގެ އެއްވެސް ރަށަކަށް ތަރައްގީގެ އެއްވެސް މަޝްރޫއެއް އައިސްފައި ނެތް ކަމަށާއި މުޅިން ވެސް ސަރުކާރުގެ އަމާޒުހުރީ ވައްކަމާއި އަނިޔާވެރިކަމަށް ކަމަށެވެ. އެ ނޫން ކަމެއް ސަރުކާރުން ކުރަމުން ނުދާ ކަމަށެވެ.

“މި ސަރުކާރުން ކޮން ކަމެއްތޯ ކުރީ، މި ހަތަރު އަހަރު ތެރޭގައި ކުޅުދުއްފުއްޓަށް 800 މިލިއަން ރުފިޔާ ދިވެހި ދައުލަތުގެ ބަޖެޓްގަ ޖަހައިފި، އެބަ އޮތްތޯ އެއްވެސް ކަމެއް ވެފަ؟، މީ އަޅުގަނޑު ދައްކާ ވާހަކައެއް ނޫން، މިއޮތީ ރަށް ރޯ ހާމައަށް ފެންނަން، ބައްލަވާ ތިޔަ ބޭފުޅުން، ކޮން ކަމެއްތޯވީ؟، އަދި ހދ. އަތޮޅުގަ ކޮން ރަށެއްގައިތޯ ކަމެއް ކޮށްފައި އޮތީ، ހަމަ އެއްވެސް ރަށެއްގައި އެއްވެސް ކަމެއް ނުކުރޭ، އަނގައަށް ބާރު ލާފަ މި ބުނަނީ ތަރައްގީއަށް ހުރަސް އަޅަނީއޭ، ތަރައްގީއެއް މި ގައުމުގާ އެބަ އޮތްތޯ؟، އަޅުގަނޑަކަށް މި ނުފެނޭ މި ގައުމު ތަރައްގީ ވާތަނެއް، ވައްކަމާއި ފަސާދައިގެ ހާއްޔަކަށް މުޅި ގައުމުވެފައި މިއޮތީ، ވައްކަން ނޫން އެހެން ކަމެއް މި ގައުމުން ފެންނާކަން ނެތް، އަނިޔާވެރިކަމާއި ފިތުނައިގެ ތެރޭގައި މުޅި ގައުމު ފަސާދަ ކުރަމުން މިދަނީ،” ގަފޫރު ވިދާޅުވި އެވެ.

އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި މަޖިލީހުގައި ކުޅުދުއްފުށި ތަމްސީލު ކުރައްވާ ގަފޫރު ވިދާޅުވީ، ހިޔާލާއި ފިކުރު ތަފާތު ނަމަވެސް އެންމެން އެކުގައި މަސައްކަތް ކުރަމުން ދަނީ ގައުމަށް ދިމާވެފައިވާ އަނިޔާވެރި ހާލަތާއި ފިތަނަ އާއި ފަސާދައިން ގައުމު ސަލާމަތް ކުރުމަށް ކަމަށެވެ. އަދި މި ސަރުކާރު “ބޮޑުތަނުން” ބަލިކޮށް، ރައްޔިތުން އެދޭފަދަ ވެރިކަމެއް ގާއިމުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

“އަޅުގަނޑުމެން މި ސަރުކާރު ބޮޑުތަނުން ބަލިކުރާނަން، އަދި 2018 ގައި އަބްދުﷲ ޔާމީންގެ ނަމެއް ވޯޓު ކަދުރާސް ކޮޅެއްގައި ނޯންނާނެ، އެ ޔަގީންކަން އަޅުގަނޑުމެން މި އަރުވަނީ ތިޔަ ބޭފުޅުންނަށް، އަޅުގަނޑުމެން އެބަޖެހޭ ސާބިތުކަމާއެކު ތިބެން، ހައްގަށް ކާމިޔާބު ލިބޭނީ ބާތިލަށް ލިބޭނެ ކާމިޔާބެއް ނެތް،” ގަފޫރު ވިދާޅުވި އެވެ.

ގަފޫރު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން “ހަލާކުވެގެން” ދަނީ އިދިކޮޅުގައި ތިބި ބަޔަކު ކަމެއް ކޮށްގެން ނޫން ކަމަށާއި އެމަނިކުފާނުގެ އަމިއްލަ އަމަލުފުޅުތަކުގެ ސަބަބުން ކަމަށެވެ. ގަފޫރު ވިދާޅުވީ، ސަރުކާރު ހަލާކުވެގެން ދިޔައީ، “އަނިޔާވެރިކަމާއި ފަސާދަ އާއި ފިތުނައިގެ ތެރޭގައި ވަގަށް ލާރިކާންވެގެން އުޅެން ހަދައިގެން” ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355