twitterviber whatsapp telegramfacebookyoutube instagram
29th March 2024

އެމްޕީ ނަޝީދުގެ ވޯޓު ވެސް މަސީހާ ދެކޮޅަށް ލިބޭނެ: އެމްޕީ ގަފޫރު

Jul 13, 2017

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ކާމިޔާބު ކުރާނެ ކަމަށާއި އެ ވޯޓު ކާމިޔާބު ކުރާނީ ހދ. އަތޮޅުގެ ހުރިހާ މަޖިލިސް މެންބަރުންގެ ވޯޓާއެކު ކަމަށް ކުޅުދުއްދުށީ އުތުރު ދާއިރާގެ މަޖިލިސް މެންބަރު އަބްދުލް ގަފޫރު މޫސާ މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭ އިދިކޮޅު ފަރާތްތަކުން ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގަފޫރު ވިދާޅުވީ، މި މަހުގެ 24 ވަނަ ދުވަހު މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގެ ވޯޓު އޮންނާނެ ކަމަށެވެ. އެ ވޯޓުގައި ހދ. އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ ހުރިހާ މެންބަރުން ވޯޓު ދެއްވާނެ ކަމަށާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވެސް ވޯޓު ދެއްވާނީ މަސީހުގެ އިތުބާރު ނެތް ކަމަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ގަފޫރު މިހެން ވިދާޅުވި ނަމަވެސް، މަސީހުގެ މައްސަލާގައި މިހާތަނަށް މެންބަރު ނަޝީދު އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް މަސީހުގެ މައްސަލައާ ދިމާކޮށް، ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ވެއްދި ދުސްތޫރީ މައްސަލައަށް ނަޝީދު ވަނީ ފާޑުވިދާޅުވެފަ އެވެ. އެ މައްސަލައަކީ އިންތިހާބުވާ ޕާޓީ ދޫކޮށްފިނަމަ މެންބަރުކަމުގެ ގޮނޑި ގެއްލޭ މައްސަލައެވެ. މިއަދު ސުޕްރީމް ކޯޓުން ވަނީ ބަންޑާރަ ނައިބު އެދިވަޑައިގެންނެވި ގޮތަށް ހުކުމް ވެސް ކުރައްވާފަ އެވެ. ނަޝީދު ވިދާޅުވެފައިވަނީ، މެންބަރުގެ ގޮނޑި ގެއްލޭނެ ގޮތް ގާނޫނު އަސާސީގައި ލިޔެވިފައި އޮތްވައި، ގާނޫނު އަސާސީއަށް ބަދަލު ނުގެނެސް ގޮނޑި ގެއްލޭ ގޮތަށް ކޯޓަށް ކަނޑަނޭޅޭނެ ކަމަށެވެ.

މިރޭ ގަފޫރު ވެސް ވަނީ އެ ހުކުމަށް ފާޑުވިދާޅުވެ، ވާހަކަ ދައްކަވާފަ އެވެ. ގަފޫރު ވިދާޅުވީ، ގާނޫނު އަސާސީގެ ދިފާއުގައި އިދިކޮޅުން މަސައްކަޔް ކުރާނެ ކަމަށާއި ގާނޫނު އަސާސީއާ ހިލާފަށް ކުރެވޭ އެއްވެސް ހުކުމަކީ ބަލައިގަންނާނެ ހުކުމެއް ނޫން ކަމަށެވެ.

ގަފޫރު ވިދާޅުވީ، އެފަދަ ހުކުމެއް އައިސްފައިވީ ނަމަވެސް މެންބަރުން ތިއްބެވީ ވަރަށް ސާބިތުކަމާއެކު ކަމަށެވެ. މަސީހުގެ މައްސަލާގައި ސޮއިކުރައްވާފައިވާ ޕީޕީއެމް މެންބަރުން، އެގޮތުގައި ދެމިތިއްބަވާނެ ކަމަށެވެ. ގަފޫރު ވަނީ ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީގެ ނަން ފާހަގަކުރައްވާފަ އެވެ.

“ހީފުޅު ނުކުރައްވާތި އަޅުގަނޑުމެން ފަހަތަށް ޖެހޭނެއޭ، އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން، އަޅުގަނޑުމެންނާއެކު ވަޑައިގެންނެވި މެންބަރުން އެ ތިއްބެވީ ސާބިތުކަމާއެކު، ހަނިމާދޫ ދާއިރާގެ މެންބަރު ޝަހުދީ އެ ހުންނެވީ ވަރަށް ސާބިތުކާއެކު އަޅުގަނޑުމެންނާއެކު، އަދި އަޅުގަނޑަށް މައުލޫމާތު ލިބޭ ގޮތުގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ވެސް އަޅުގަނޑުމެންނަށް މި ވޯޓުގައި ވޯޓު ދެއްވާނެ، އެއީ އަޅުގަނޑުމެން އުފާކުރަންޖެހޭ ކަމަކީ، އަޅުގަނޑުމެން ބިރަކުން ނޫޅެން،” ގަފޫރު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރައްވާފައިވާ ހުކުމުގައިވާ ގޮތުން ޕާޓީގެ ފިކުރާ ހިލާފުވެއްޖެނަމަ ނޫނީ، ޕާޓީ ވަކިވެއްޖެނަމަ ނޫނީ ޕާޓީން ވަކިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ އެވެ. އެހެންކަމުން މެންބަރު ޝަހުދީ ޕީޕީއެމް މެންބަރެއްގެ ގޮތުގައި ހުންނަވާ ޕީޕީއެމްގެ ވިލްލައިނާ ހިލާފަށް ވޯޓު ދެއްވައިފިނަމަ ގޮނޑި ގެއްލޭނެ އެވެ. މެންބަރު ޝަހުދީ ޕީޕީއެމްއިން ވަކިވެވަޑައިގަތުމަށް އެދި ސިޓީ ފޮނުވާފައިވީ ނަމަވެސް އަދި ޕާޓީން ވަކިކޮށްދީފައެއް ނުވެ އެވެ. ހުކުމުގައިވާ ގޮތުން، މެންބަރަކު ޕާޓީން ވަކިވެއްޖެ ކަމަށް ކަނޑައަޅާނީ އިލެކްޝަން ކޮމިޝަނުން އެކަން އިއުލާންކުރުމުންނެވެ.

“ޔަގީންކުރައްވާ އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ މަގާމުން ބާލައި، މި ގައުމުގަ އަމާން އޮމާން ވެއްޓެއް ގާއިމުކޮށް ދިވެހިން ބޭނުންވާފަދަ ވެރިކަމެއް މި ގައުމުގައި ގާއިމުކޮށްދޭނަން، އެއީ އަޅުގަނޑުމެންނަށް ޝައްކުވާ ކަމެއް ނޫން، އެކަން އަޅުގަނޑުމެން ސާބިތުކަމާއެކު ކުރާނަން، ދައްކާލާ ބިރަކުން ތިޔަ ގޮތަށް ޖަހާ ކޯޓު އަމުރަކުން އަޅުގަނޑުމެން ނުސިހޭނެ، އަޅުގަނޑުމެން މިތިބީ ޖަލަށް ދާން ޖެހިއްޖެޔާ ޖަލަށް ދާން، އަޅުގަނޑުމެން މިތިބީ ފުރާނަ ދުއްވާލަން ވެސް ތައްޔާރަށް، ފަހަތަކަށް ނުޖެހޭނަން، އަޅުގަނޑުމެން ލީޑަރުންގެ އެ ހިތްވަރު އެބަހުރި،” ގަފޫރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355