twitterviber whatsapp telegramfacebookyoutube instagram
18th April 2024

ކައުންސިލް އިންތިހާބުގެ ކެމްޕޭން ފޯރިއާއެކު ކުރިއަށްއެބަދޭ

Jan 29, 2011

އިބްރާހިމް ހަމީދު

ފެބްރުއަރީ މަހުގެ 05  ވަނަ ދުވަހު ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައި  ކުރިއަށް ދާއިރު ކުޅުދުއްފުށީގައި ވެސް ކެމްޕޭންގެ ހަރަކާތްތައް ވަރަށް ފޯރިއާއެކު ކުރިޔަށް އެބަދެއެވެ.

ކުޅުދުއްފުށީގެ ކައުންސިލަށް ކުރިމަތިލައިފައިވާ އެމްޑީޕީއާއި ޑީއާރުޕީގެ އިތުރުން އަދާލަތު ޕާޓީއާއި ގައުމީ އިއްތިހާދުންނާއި އަމިއްލަ ގޮތުން  ކުރިމަތިލާފައިވާ ކެންޑިޑޭޓުންނާއި ސަޕޯޓަރުން ދަނީ ގޭގެއަށް ވަދެ ވޯޓާބެހޭ މަޢުލޫމާތު ދީ ވޯޓްލާންވީގޮތާއި ފޮށި ބެހެއްޓިފައިވާ ސަރަހައްދުތައް ރައްޔިތުންނަށް އޮޅުން ފިލުވައިދެމުންނެވެ.  އަދި ކެންޑިޑޭޓުންގެ ފޮޓޯ ތަންތަނުގައި ތަތްކުރުމާއިޕާޓީތަކުގެ ދިދަފަތިތައް ރަށުތެރޭގައިވަނީ ދަމާފައެވެ. މީގެ އިތުރުން ކެމްޕޭން ގެ ކަންތައްތައް އިންތިޒާމުކުރުމަށް ހުޅުވާފައިވާ ޖަގަހަތަކުގައިވެސް  މިއިންތިހާބަށް ރައްޔިތުން ހޭލުން ތެރި ކުރުމަށް ސްކްރީން ބަހައްޓައިގެން ތަފާތު ޕްރޮގުރާމްތައް ހިންގަމުން އެބަދެއެވެ.

އައިޑީ ކާޑް ނެތް މީހުންނާއި މުއްދަތު ހަމަވެފައިވާ މީހުންނަށް ކާޑް ހެދޭނެ ގޮތް ހަމަޖައްސައިދިނުމާއި މަދަނައިގެ ހިދުމަތަށް ބޭނުންވާ ފަރާތްތަކަށް ފޯމްފުރާ ދިނުމުގެ ހިދުމަތްވެސް  ކެމްޕޭން ކުރާފަރާތްތަކުން ކުރިޔަށް ގެންދެއެވެ.

ދާދިފަހުން މާލެ ފިޔަވާ ރާއްޖޭގެ އެހެން ރަށެއްގައި ފުރަތަމަ ފަހަރަށް ކެބިނެޓް ޖަލްސާއެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ ވަޒީރުން ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުގައިވެސް ލޯކަލް ކައުންސިލްގެ އިންތިހާބުގައި އެމްޑީޕީއަށް ތާއީދު ހޯއްދެވުމުގެ ގޮތުން ކެމްޕޭން ކުރުމަށް ތަފާތު އެތަށް ޕްރޮގްރާމްތަކެއް ވަނީ ބާއްވާފައެވެ. އަދި އޭގެ ކުރިންވަނީ ޑީއާރުޕީއަށް ސަޕޯޓް ހޯއްދެވުމަށް އެޕާޓީގެ ޒައީމްވެސް ކުޅުދުއްފުއްޓަށް ދަތުރު ކުރައްވާފައެވެ. އަދި އެ ޕާޓީގެ ލީޑަރު ތަސްމީން އަލީވެސް ކެމްޕެއިން ދަތުރެއްގައި ކުޅުދުއްފުއްޓަށް ވަޑައިގަތެވެ.

މިފަހަރު މިބޭއްވޭ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަކީ ރައްޔިތުންގެ ވެރިކަމެއް ކުރުމަށް އެރަށެއްގެ ރައްޔިތުން އަތްމައްޗަށް ކަންކަން ނިންމުމުގެ ބާރު ދިނުމަށް ކައުންސިލަރުން ހޮވުމަށް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވޭ އިންތިހާބަކަށް ވާތީ، މިއިންތިހާބަށް ރާއްޖޭގައާއި ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންވެސް އެބަޔަކު ތާއީދު ކުރާ ބަޔަކަށް ކެމްޕޭންކޮށް މިކަމުގެ ފޯރި ނަގަމުންދާކަމަށް މަޢުލޫމާތު ލިބެއެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް އެންޓި ކެމްޕޭން ޖައްސަމުންދާ ކަމަށްވެސް އެކިފަރާތްތަކުން ތުހުމަތު ކުރެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355