twitterviber whatsapp telegramfacebookyoutube instagram
19th April 2024

ގައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޅުދުއްފުށީގައި ހާއްސަ ހަރަކާތްތަކެއް ބާއްވައިފި

Feb 4, 2011

އިބްރާހިމްހަމީދު

ދިވެހިރާއްޖޭގެ ގައުމީ ދުވަހަކީ ރަބީއުލްއައްވަލް މަހުގެ ފުރަތަމަ ދުވަހެވެ. މިދުވަސް ދިވެހިރާއްޖޭގެ ގައުމީ ދުވަހެއްގެ ގޮތުގައި ފާހަގަކުރަމުން ދަނީ މިބޮޑުތިލަދުންމަތީ ދަރިއެއްކަމަށްވާ އުތީމު އަލްސުލްޠާން މުހައްމަދު ތަކުރުފާނު ޕޯޗްގީޒުންގެ އަތްދަށުން ދިވެހި ގައުމު މިނިވަންކަން ކޮށްދެއްވި ދުވަހާ ގުޅުވައިގެންނެވެ.

ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުޅުދުއްފުށީގައި މިއަދު ދަނީ ތަފާތު ހަރަކާތްތަކެއް ހިންގަމުންނެވެ. ގައުމީ ދުވަހުގެ ހަރަކާތްތައް ފެށިގެން ދިޔައީ މިއަދު ހެނދުނު މަތިއުތުރު ޕްރޮވިންސް އޮފީހުގައި ބޭއްވުނު ދިދަ ނެގުމުގެ ރަސްމިއްޔާތާއި އެކުގައެވެ. މިއަދު ކުޅުދުއްފުށީގައި ގައުމީ ދިދަ ނަންގަވައި ދެއްވީ ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ އުތުރުދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާއެވެ.

މިރަސްމިއްޔާތުގައި މަތި އުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުގެ ނައިބު ހަސަން ޒިޔާދާއި ކުޅުދުއްފުށީގައި ހުރި ސަރުކާރު އޮފީސް ތަކުގެ މުވައްޒަފުންގެ އިތުރުން ޖަލާލުއްދީން ސްކޫލުގެ ދަރިވަރުން ބައިވެރިވިއެވެ.

މީގެއިތުރުން ބައެއް ސިޔާސީ ޕާޓީތަކުން ކޮންމެޕާޓީއަކުން ވަކިވަކިން އިންތިޒާމްކޮށްގެން ބޮޑެތި މަގުތަކުގައި ހަވީރު ވަނީ ލޮރީ ބުރެއް ބާއްވާފައެވެ.

އަދި ގައުމީދުވަސް ފާހަގަ ކުރުމުގެގޮތުން ކުޅުދުއްފުށީގެ ސްކޫލުތަކުންވެސް ތަފާތު ހަރަކާތް ތަކެއް ކުރިއަށް ގެންދިޔަކަމަށް ހަބަރު ލިބެއެވެ. މިގޮތުން ޖަލާލުއްދީން ސްކޫލްގެ ދިވެހި ޖަމްއިއްޔާއިން އިންތިޒާމް ކޮށްގެން ދުވަހުގެ މުނާސަބަތުގައި ހާއްސަ ޖަލްސާއެއް ރޭ ވަނީ ބާއްވާފައެވެ. އަދި އޭގެ އިތުރުން އަފީފުއްދީން ސްކޫލުގައި އިއްޔެ ގައުމީ ދުވަހުގެ މުނާސަބަތުގައި ހާއްސަ އެސެމްބްލީއެއް ވަނީ ބާއްވާފައެވެ. ގައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ ހަރަކާތްތަކެއްގައި ކުޅުދުއްފުށީގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355