ޔޫރޯ 2016 ފުޓްބޯޅަ މުބާރާތުގައި ޕޯޗްގަލް އާއި އައިސްލެންޑް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.
މުޅިން އަލަށް މި މުބާރާތުގައި ވާދަކުރާ އައިސްލެންޑުން މި މެޗު އެއްވަރުކުރީ ޕޯޗްގަލްއިން ލަނޑު ޖަހާފައިވަނިކޮށް މެޗުގެ 50 ވަނަ މިނެޓްގައި އައިސްލެންޑްގެ ގުޑްމުންޑްސަން ނަގައިދިން ހުރަހަކުން އެއްފަހަރުން ޖަހައި ޔާނަސަން ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ޕޯޗްގަލްއިން މެޗުގައި ލީޑު ނެގީ މެޗުގެ 31 ވަނަ މިނެޓްގައި އެންޑްރޭ ގޮމޭސް ނަގައިދިން ހުރަހަކުން ލުއިސް ނާނި އެވެ. މި މެޗުގައި ޕޯޓްގަލްއިން ގިނައިރު ބޯޅަ ހިފަހައްޓާ ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އިތުރު ލަނޑެއް ޖެހުމުގައި ވަނީ ނާކާމިޔާބުވެފަ އެވެ. އެގޮތުން މެޗު ނިމެން 5 މިނެޓަށް ވެފައި ވަނިކޮށް ޕޯޗްގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބުނު ފުރުސަތު ފާހަގަ ކޮށްލެވެ އެވެ. އެ ހަމަލާ ރޮނާލްޑޯ ބޮލުން ފޮނުވާލެވުނީ ކީޕަރުގެ އަތަށެވެ.
ރޭ މި ގުރޫޕްގެ އަނެއް މެޗުގައި ހަންގޭރީ އިން ވަނީ 2-0 އިން އޮސްޓްރިއާ ބަލިކޮށްފަ އެވެ. މި މެޗުގެ ފުރަތަމަ ހަމަލާ މެޗުގެ 28 ވަނަ ސުކުންތުގައި އޮސްޓްރިޔާގެ ޑޭވިޑް އަލާބާ ފޮނުވާލިއިރު މި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މި ހަމަލާ ލަނޑަކަށް ވީ ނަމަ، އެ ލަނޑު ވެގެން ދިޔައީހީ ޔޫރޯގެ ތާރީހުގައި ވަތް އެންމެ އަވަސް ގޯލަށެވެ.
މި މެޗުގައި ހަންގޭރީ އިން ޖެހި ފުރަތަމަ ލަނޑަކީ މެޗުގެ 63 ވަނަ މިނެޓްގައި އާދަމް ސަލާއީ އެ ޓީމުގެ ލާސްލޯ ކްލެއިންހެއިސްލާއާ ވަން ޓޫ އެއް ޖެހުމަށް ފަހު ކާމިޔާބުކުރި ލަނޑެކެވެ.
މި މެޗުގެ 66 ވަނަ މިނެޓްގައި އޮސްޓްރިޔާގެ އެލްކްސެންޑަރ ޑްރާގޮވިޗް އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކާފައި ވާއިރު ހަންގޭރީގެ ދެވަނަ ލަނޑު މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ޒޮލްޓާން ސްޓައިބަރ ޖަހައިދިން ލަނޑެކެވެ. މިއީ މުޅިން ހުސްކޮށް ލިބުނު ފުރުސަތެއްގައި ކީޕަރުގެ ބޯމަތިން ޖަހާ ކާމިޔާބު ކުރި ލަނޑެކެވެ.
މިއަދު މި މުބާރާތުގައި ކުޅެވޭ މެޗުތަކުގައި ބައްދަލުކުރާނީ ރަސިޔާ އާއި ސްލޮވާކިޔާ، ސްވިޒަލެންޑާއި ރޮމޭނިޔާ އަދި ފްރާންސާއި އަލްބޭނިޔާ އެވެ.