twitterviber whatsapp telegramfacebookyoutube instagram
26th April 2024

އާޖެންޓީނާ ބަލިކޮށް ކޮޕާ އެމެރިކާގެ ތަށި ޗިލީއިން އުފުލާލިއިރު, މެސީ އިންޓަނޭޝަނަލް ފުޓްބޯޅައިން ރިޓަޔާކޮށްފި

Jun 27, 2016

ކޮޕާ އެމެރިކާ 2016 ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ ބަލިކުރުމަށްފަހު ޗިލީއިން ތަށި އުފުލާލިއިރު، މެސީ އިންޓަނޭޝަނަލް ފުޓްބޯޅައިން ރިޓަޔާ ކޮށްފި އެވެ. މިއީ ޗިލީއިން ޖެހިޖެހިގެން ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ ބަލިކުރި ދެވަނަ ފަހަރެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ 15 މިނެޓްގެ ދެ ހާފު ކުޅުނުއިރުވެސް އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައިނުވާއިރު ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޗިލީއިން ވިޑާލް ޖެހި ޕެނަލްޓީ، އާޖެންޓީނާގެ ކީޕަރު ރޮމެރޯ ދިފާއުކުރިއިރު އާޖެންޓީނާގެ ފުރަތަމަ ޕެނަލްޓީ މެސީ ފޮނުވާލާފައިވަނީ ދަނޑިމަތިން ބޭރަށެވެ. ޗިލީއިން ދެން ޖެހި ހުރިހާ ޕެނަލްޓީއެއްވެސް ކާމިޔާބުކުރިއިރު، ލޫކަސް ބިޖީލިއާ ފޮނުވާލި އާޖެންޓީނާގެ ހަތަރު ވަނަ ޕެނަލްޓީ، މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޗިލީގެ ކީޕަރު ކުލައުޑިއޯ ބުރާވޯ ވަނީ ދިފާއު ކޮށްފަ އެވެ.

މި މެޗުގެ 28 ވަނަ މިނެޓްގައި ޗިލީގެ މާސެލޯ ޑައަޒް އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކާފައިވާއިރު، އާޖެންޓީނާގެ މާކޯސް ރޯހޯ އަށް ވަނީ މެޗުގެ 43 ވަނަ މިނެޓްގައި ސީދާ ރަތް ކާޑެއް ދައްކާފަ އެވެ.

މިއީ އާޖެންޓީނާ އިން މި މުބާރާތުގެ ފައިނަލުގައި ޖެހިޖެހިގެން ބަލިވި ތިން ވަނަ އަހަރެވެ. އަދި މި މެޗާއެކު އާޖެންޓީނާގެ ކެޕްޓަން އުމުރުން 29 އަހަރުގެ ލިއޮނަލް މެސީ ވަނީ އިންޓަނޭޝަނަލް ފުޓްބޯޅައިން ރިޓަޔާކޮށްފަ އެވެ. މެސީއަށް ޤައުމީ ޓީމަށް ޓްރޮފީއެއް ހޯދާދެވިފައި ނުވާއިރު މިއީ މެސީ އާޖެންޓީނާއާއެކު ފައިނަލެއްގައި ބަލިވި ހަތަރު ވަނަ ފަހަރެވެ.

ރޭގެ މެޗުގައި ބިޖީލިއާގެ ޕެނަލްޓީ ނުވަނުމާއެކު މެސީ ދަނޑު މަތީގައި

މެސީއާ އެކު އާޖެންޓީނާގެ ހާވިއާ މަސެރާނޯ، ސާޖިއޯ އެގުއޭރޯ، އެޒީކުއެލް ލަވޭޒީ، ގޮންޒާލޯ ހިގައިން އަދި އެންޖަލް ޑި މާރިއާ ވެސް އިންޓަނޭޝަނަލް ފުޓްބޯޅައިން ރިޓަޔާ ކުރާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

އާޖެންޓީނާ އަށް އެންމެ ފަހުން ތައްޓެއް ކާމިޔާބުކުރެވިފައިވަނީ 1993 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355