ޔޫރޯ 2016 ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ފުރާންސުން ފަހަތުން އަރާ 2-1 އިން އަޔަލެންޑް ބަލިކިރުއިރު ޖާމަނީ އާއި ބެލްޖިއަމް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ އެވެ.
ރޭ ފުރާންސާއި އަޔަލެންޑް ކުޅުނު މެޗުގެ ދެވަނަ މިނެޓްގައި އަޔަލެންޑްގެ ރޮބާޓް ބްރޭޑީ ވަނީ ޕެނަލްޓީ އަކުން ލަނޑެއް ޖަހައި އަޔަލެންޑަށް ލީޑު ހޯދާދީފަ އެވެ. ނަމަވެސް ރޭގެ މެޗުގައި މޮޅަށް ކުޅުނު ފުރާންސުގެ އެންޓޮއިން ގުރިޒްމަން ވަނީ 58 ވަނަ މިނެޓްގަ އާއި 61 ވަނަ މިނެޓްގައި ލަނޑު ޖަހައި ފުރާންސް މޮޅުކޮށްދީފަ އެވެ. މި މެޗުގެ 66 ވަނަ މިނެޓްގައި އަޔަލެންޑްގެ ސޭން ޑަފީއަށް ވަނީ ރަތްކާޑެއް ދައްކާފަ އެވެ.
ރޭ ދެވަނަ ބުރުގައި ޖާމަނީއިން ވަނީ 3-0 އިން ސްލޮވާކިޔާ ބަލިކޮށްފަ އެވެ. މެޗުގެ 8 ވަނަ މިނެޓްގައި ބޯޓެންގް ވަނީ ޕެނަލްޓީ އޭރިޔާ ބޭރުން ހެދި ސޮޓެއްގައި ލަނޑު ޖަހައި އެ ޓީމަށް ލީޑު ހޯދާދީފަ އެވެ. މެޗުގެ 13 ވަނަ މިނެޓްގައި ޖާމަނީ އަށް ލިބުނު ޕެނަލްޓީއެއް މެސުޓް އޯޒިލް ޖެހިއިރު، ކީޕަރު ވަނީ މި ޕެނަލްޓީ ދިފާއުކޮށްފަ އެވެ.
ބޯޓެންގް ލަނޑު ޖެހުމަށް ފަހު
މެޗުގެ 43 ވަނަ މިނެޓްގައި ޖޫލިއަން ޑްރެކްސްލާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި މާރިއޯ ގޯމޭޒް ޖާމަނީ އަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދިން އިރު. ޑްރެކްސްލާ ވަނީ 63 ވަނަ މިނެޓްގައި ވޮލީ އަކުން އިތުރު ލަނޑެއް ޖަހައި 3-0 އަށް ނަތީޖާ ބަދަލުކޮށްލާފަ އެވެ.
ރޭ ކުޅުނު ފަހު މެޗުގައި ބެލްޖިއަމް އިނަ ވަނީ 4-0 އިން ހަންގޭރީ ބަލިކޮށްފަ އެވެ. މެޗުގެ 10 ވަނަ މިނެޓްގައި ބެލްޖިއަމް އިން ލީޑު ނެގީ ލިބުނު ހިލޭ ޖެހުމެއްގައި ކެވިން ޑި ބުރުއިން ހުރަސް ކޮށްލި ބޯޅަ އަކުން ޓޮބީ އަލްޑަވެއިރަލްޑް ބޮލުން ޖަހައި ކާމިޔާބުކުރި ލަނޑުންނެވެ. މެޗުގެ 78 ވަނަ މިނެޓްގައި އެޑެން ހަޒާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ބެޓްޝޫއާޔީ އިތުރު ލަނޑެއް ޖެހިއިރު އޭގެ ދެ މިނެޓް ފަހުން ހަޒާޑް ވަނީ އިދިކޮޅު ތިން ކުޅުންތެރިން ކައިރިން ނެއްޓުމަށްފަހު ލަނޑެއް ޖަހާފަ އެވެ.
ބެޓްޝޫއާޔީ ލަނޑު ޖެހުމަށްފަހު ބުރެއް އަޅަނީ
ބެލްޖިއަމްއިން ޖެހި ފަހު ލަނޑަކީ މެޗުގެ 91 ވަނަ މިނެޓްގައި ޔެނިކް ފެރެއިރާ ކަރަސްކޯ އަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތެއްގައި ކާމިޔާބުކުރި ލަނޑެކެވެ. ބެލްޖިއަމް އަށް ދެވަނަ ބުރުގައި ވޭލްސްއާ ދެކޮޅަށް ކުޅެން ޖެހޭއިރު، ފުރާންސުން ކުއާޓާގައި ނުކުންނާނީ އިންގްލެންޑާއި އައިސްލެންޑާ ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. އަދި ޖާމަނީ އަށް ކުއާޓާގައި ނުކުންނާނީ އިޓަލީ އަދި ސްޕެއިން ކުޅޭ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
މިރޭ ދެވަނަ ބުރުގައި 2100 ގައި ކުޅޭ މެޗުގައި އިޓަލީއާއި ސްޕެއިން ބައްދަލުކުރާއިރު 0000 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ އިންގްލެންޑާއި އައިސްލެންޑެވެ.