ޔޫރޯ 2016 ފުޓްބޯޅަ މުބާރާތުގައި ހައިރާންކުރުވަނިވި ގޮތަކަށް ކުއާޓާއަށް ދަތުރުކުރި އައިސްލެންޑް 5-2 އިން ބަލިކޮށް ފުރާންސުން ސެމީގެ ޖާގައެއް ހޯދައިފި އެވެ.
މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ފުރާންސުން ރޭގެ މެޗުގެ 12 ވަނަ މިނެޓްގައި ވަނީ ލީޑު ނަގާފަ އެވެ. މިއީ މަޓުއިޑީ މެދު ރޮނގު މަތީ ހުރެފައި އައިސްލެންޑް ކުޅުންތެރިންގެ ބޯ މަތިން ވައްޓާލި ބޯޅައަކުން އޮލިވިއާ ޖިރޫ ޖަހައިދިން ލަނޑެކެވެ. އޭގެ 7 މިނެޓް ފަހުން އެންޓޮއިން ގުރިޒްމަން ނަގައިދިން ކޯނަރަކުން ބޮލުން ޖަހައި ލަނޑެއް ޖަހައި ޕޮގްބާ ވަނީ ފުރާންސަށް ލީޑު ފުޅާކޮށްދީފަ އެވެ.
ރޭގެ މެޗުގައި އެއް ލަނޑު ޖަހައި ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދިން ގުރިޒްމަން
ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ގުރިޒްމަން ތަނަވަސް ކޮށްދިން ފުރުސަތަކުން ޕައޭޓް ޕެނަލްޓީ އޭރިޔާ ބޭރުން ތިރިތިރިން ގޯލުގެ ކަނަށް އަމާޒުކޮށް ފޮނުވާލާ ލަނޑެއް ޖަހާފައިވާއިރު، ފުރަތަމަ ހާފުގެ ފަހު މިނެޓްގައި ޕޮގްބާ ފުރާންސުގެ ހާފު ތެރޭ ހުރެފައި ދިން ޕާހަކުން ގުރިޒްމަން ވަނީ ކީޕަރު ބޯ މަތިން ވައްޓާލައި ލަނޑެއް ޖަހާފަ އެވެ. މިއީ މި މުބާރާތުގައި ޖެހި 100 ވަނަ ލަނޑަށްވާއިރު މިއީ މި މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ގުރިޒްމަން ޖެހި 4 ވަނަ ލަނޑެވެ.
ފަހު ހާފު ފަށައިގެން 56 ވަނަ މިނެޓްގައި އައިސްލެންޑްގެ ސިގަޑްސަން ނަގައިދިން ހުރަހަކުން ސިގްތޯސަން ލަނޑެއް ޖަހައި އުއްމީދު އާކުރި ނަމަވެސް އޭގެ ތިން މިނެޓް ފަހުން ހާފުގެ މެދަކާ ހިސާބުން ލިބުނު ހިލޭ ޖެހުމަކުން ޕައޭޓް ނަގައިދިން ހުރަހަކުން ޖިރޫ ވަނީ ބޮލުން ޖަހައި ލަނޑު ޖަހައި ނަތީޖާ 5-1 އަށް ބަދަލުކޮށްލާފަ އެވެ. މިއީ ޖިރޫ މި މުބާރާތުގައި ޖެހި 3 ވަނަ ލަނޑެވެ.
ފުރާންސް ކުޅުންތެރިން ރޭ ޕޮގްބާގެ ލަނޑަށް ފަހު އުފާ ފާޅު ކުރަނީ
މި މެޗުގައި އައިސްލެންޑުން ޖެހި ފަހު ލަނޑު ޖަހާފައިވަނީ މެޗުގެ 84 ވަނަ މިނެޓްގައި އަރި ސްކްލާސަން ނަގައިދިން ހުރަހަކުން ޖާނަސަން ބޮލުން ޖަހައި ކާމިޔާބުކުރި ލަނޑެކެވެ.
މިއީ މި މުބާރާތުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ލަނޑު ގިނަ މެޗަށްވާއިރު، މިއީ ފުރަތަމަ ހާފުގައި ފުރާންސުން ލަނޑު ޖެހި ފުރަތަމަ މެޗެވެ. އަދި މިއީ މިހާތަނަށް ޔޫރޯގެ ތާރީހްގައި ފުރަތަމަ ހާފު 4 ލަނޑު ޖެހި ފުރަތަމަ މެޗެވެ.
ޔޫރޯގެ ސެމީގައި ފުރާންސަށް ނުކުންނަން ޖެހޭނީ ދުނިޔޭގެ ޗެމްޕިއަން ޖާމަނީއާ ދެކޮޅަށެވެ. މި މެޗު ޖުލައި 8 ވަނަ ދުވަހު 0000 ގައި ކުޅޭއިރު ފުރަތަމަ ސެމީ ކުޅޭނީ ޖުލައި 7 ވަނަ ދުވަހު 0000 ގަ އެވެ. އެ މެޗުގައި ކުޅޭނީ ވޭލްސް އަދި ޕޯޗުގަލް އެވެ.