ޔޫރޯ 2016 ފުޓްބޯޅަ މުބާރާތުގެ އެންމެ “ސަޕްރައިޒިން” އެއް ޓީމު ކަމަށްވާ ވޭލްސް 2-0 އިން ބަލިކޮށް ޕޯޗުގަލް ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.
މި މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ވޭލްސް އާ ދެކޮޅަށް ރޭ ޕޯޗުގަލް ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ މެޗުގެ 50 ވަނަ މިނެޓްގައި ޕޯޗުގަލް އިންނެވެ. މިއީ ރަފައެލް ގުރޭރޯ ނަގައިދިން ހުރަހަކުން ރޮނާލްޑޯ ބޮލުން ޖަހައި ލަނޑު ޖެހިއިރު ވޭލްސް ގެ ކީޕަރ ހެނެސީ އަށް ކުރެވުނު މާބޮޑު ކަމެއް ނެތެވެ.
މި ލަނޑާއެކު ރޮނާލްޑޯ އަކީ މިކެލް ޕްލެޓިނީއާ އެކު ޔޫރޯގެ ތާރީހްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. މި ދެ ކުޅުންތެރިން ވަނީ ޔޫރޯގައި ނުވަ ލަނޑު ޖަހާފަ އެވެ. އަދި ރޮނާލްޑޯ މިހާރު ވެފައިވަނީ ތަފާތު 4 ޔޫރޯއެއްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ވެފަ އެވެ.
ރޭގެ މެޗުގައި ބޭލް. ބޭލް އަކީ މި މުބާރާތުގައި ގޯލާ އަމާޒުކޮށް އެންމެ ގިނަ ސޮޓް ހެދި ކުޅުންތެރިޔާ
އެންމެ ފަހުން ކުޅުނު 5 ޔޫރޯގެ ތެރެއިން 4 ޔޫރޯގެ ސެމީގައި ކުޅެފައިވާ ޕޯޗުގަލްއިން ރޭގެ ދެވަނަ ލަނޑު ޖެހީ މެޗުގެ 53 ވަނަ މިނެޓްގައި ރޮނާލްޑޯ ޖެހި ސޮޓަކުން ތަނަވަސްވި ފުރުސަތަކުން ލުއިސް ނާނީ އެވެ.
މިއީ މި މުބާރާތުގައި ޕޯޗުގަލް މިހާތަނަށް ކުޅުނު 6 މެޗުގެ ތެރެއިން 90 މިނެޓް ތެރޭ މެޗެއް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. ޕޯޗުގަލް އަށް ފައިނަލުގައި ނުކުންނަން ޖެހޭނީ އެންމެ ފަހުގެ ވޯލްޑް ކަޕް ޗެމްޕިއަން ޖާމަނީ އާއި މުބާރާތް ބާއްވާ ޤައުމު ފުރާންސް އާ މިރޭ ކުޅޭ ސެމީ ފައިނަލު މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 0000 ގަ އެވެ.