twitterviber whatsapp telegramfacebookyoutube instagram
25th April 2024

މެޗުގެ ބޮޑުބައި ރޮނާލްޑޯއާ ނުލައި ކުޅެ ޕޯޗުގަލްއިން ޔޫރޯ ކާމިޔާބުކޮށްފި

Jul 11, 2016

ޔޫރޯ 2016 ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ގިނަ ވަގުތު ރޮނާލްޑޯ ނުލައި ކުޅުނު ޕޯޗުގަލްއިން ފުރާންސް ބަލިކޮށް ޔޫރޯގެ ތަށި އުފުލާލައިފި އެވެ.

ރޭ ކުޅުނު ފައިނަލް މެޗު ޕޯޗުގަލް އިން ކާމިޔާބުކުރީ އިތުރު ވަގުތުގެ ދެވަނަ ހާފުގެ 109 ވަނަ މިނެޓްގައި އެޑާ ޖަހައިދިން ލަނޑުންނެވެ. މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި އެޑާ ޕެނަލްޓީ އޭރިޔާ ބޭރުން ކުޅުންތެރިއެއްގެ ކައިރިން ނެއްޓުމަށްފަހު ގޯލުގެ ތިރީ ކަނަށް އަމާޒުކޮށް ފޮނުވާލި ބޯޅައެކެވެ.

އެޑާ ލަނޑު ޖެހުމަށްފަހު

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނުވާއިރު އެންމެ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައިވަނީ މެޗުގެ އިންޖަރީ ވަގުތުގެ 92 ވަނަ މިނެޓްގައި ގިގްނަކް ޕެޕޭ ކައިރިން ނެއްޓުމަށްފަހު ފޮނުވާލި ބޯޅަ އެވެ. މި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މި މެޗުގެ އިތުރުވަގުތުގެ ފަހު ހާފުގެ 108 ވަނަ މިނެޓްގައި ޕޯޗުގަލްގެ ރަޕައެލް ގުރޭރޯ ވަނީ ނުރައްކާތެރި ހިލޭ ޖެހުމެއް ފޮނުވާލާފަ އެވެ. މި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ގިނަ ވަގުތު ފުރާންސުން ކޮންޓްރޯލް ކުރި މި މެޗުގެ 8 ވަނަ މިނެޓްގައި ފުރާންސްގެ ޕައޭޓް ކުރި ޓެކުލަކުން ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އިންޖަރީވެފަ އެވެ. ރޮނާލްޑޯ ފަރުވާއަށް ފަހު ދަނޑަށް އެރި ނަމަވެސް މެޗުގައި ކުރިއަށް ގެންދެވޭގޮތް އޭނާއަށް ވަނީ ނުވެފަ އެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ އަދި ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ޓީމުގެ ކުޅުންތެރިންނަށް އިރުޝާދު ދެނީ

މިއީ ޕޯޗުގަލްގެ ފުޓްބޯޅަ ތާރީޚްގައި ތައްޓެއް ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރެވެ. 2004 ވަނަ އަހަރުގެ ފައިނަލުން އެ ޓީމު ބަލިވީ ގްރީސް އަތުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355