twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޗެމްޕިއަންސް ލީގުގައި ކުޅުނު ދެ މެޗު ކާމިޔާބުކުރި ފުރަތަމަ ޓީމަކަށް ލެސިސްޓަރ

Sep 28, 2016

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ދެ މެޗުވެސް ކާމިޔާބުކުރި ފުރަތަމަ ޓީމަކަށް އިންގްލެންޑްގެ ޗެމްޕިއަން ލެސިސްޓަރ ވެއްޖެ އެވެ.

ޗެމްޕިއަންސް ލީގުގައި މުޅިން އަލަށް ވާދަކުރާ ލެސިސްޓަރ އިން ރޭ ޕޯޓޯއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 1-0 އިންނެވެ. މި މެޗުގެ ހަމައެކަނި ލަނޑު އިސްލާމް ސްލިމާނީ ކާމިޔާބުކުރިއިރު، މިއީ އޭނާ މި އަހަރު ޕޯޓޯއާ ދެކޮޅަށް ކާމިޔާބުކުރި 6 ވަނަ ލަނޑެވެ.

މި ގުރޫޕްގެ އަނެއް މެޗުގައި ޑެންމާކްގެ ކޮބެންހެވަން ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބެލްޖިއަމްގެ ކްލަބް ބުރޫޖް ބަލިކޮށްފަ އެވެ. މި މެޗުގައި ކޮބެންހެވަން އަށް ލަނޑު ޖަހައިދިނީ ތޯމަސް ޑެލަނީ، ފެޑެރިކޯ ސަންޓަންޑާ، މެތިއަސް ޖޯގެންސެން އެވެ. އެ ޓީމުން ޖެހި ފުރަތަމަ ލަނޑަކީ ކްލަބް ބުރޫޖްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ރޭ ރިއަލް މެޑްރިޑްއާއި ޑޯޓްމަންޑް ކުޅުނު މެޗުގެ ފަހު ވަގުތު ޑޯޓްމަންޑްގެ އެންޑްރޫ ޝާލް ޖަހައިދިން ލަނޑުން މި މެޗު ވަނީ 2-2 އިން އެއްވަރުވެފަ އެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ރިއަލް އިންނެވެ. މި ލަނޑު އެ ޓީމަށް ރޮނާލްޑޯ ޖަހައިދިންއިރު މިއީ ޗެމްޕިއަންސް ލީގުގައި އޭނާ ޖެހި 98 ވަނަ ލަނޑެވެ. ފުރަތަމަ ހާފު ނިމެން 2 މިނެޓަށްވެފައި ވަނިކޮށް އައުބާމެޔާންގް ޑޯޓްމަންޑަށް އެއްވަރުކޮށްދިންއިރު ދެވަނަ ފަހަރަށް ރިއަލް އިން ލީޑު ނެގީ 68 ވަނަ މިނެޓްގައި ރަފައެލް ވަރާނޭ އެވެ.

އެންޑްރޫ ޝާލް ފަހު ވަގުތު ލަނޑު ޖެހުމަށްފަހު – ފޮޓޯ: ޑެއިލީ މެއިލް

މި ގުރޫޕްގެ އަނެއް މެޗުގައި ބްރަޔަން ރުއިޒް އަދި ބަސް ޑޯސްޓް ފުރަތަމަ ހާފުގައި ޖަހައިދިން ލަނޑުތަކުން ސްޕޯޓިން އިން ވަނީ 2-0 އިން ޕޮލެންޑްގެ ލެގިއާ ވާސޯ ބަލިކޮށްފަ އެވެ.

ގުރޫޕް އީގެ މެޗުތަކަށް ބަލާއިރު ފަހު ވަގުތު ކަމިލް ގްލިކް ޖަހައިދިން ލަނޑުން މޮނާކޯވަނީ ބަޔާން ލެވަކޫސަންއާ 1-1 އިން އެއްވަރުކޮށްފަ އެވެ. މި މެޗުގައި ބަޔާން ލެވަކޫސަންގެ ހަމައެކަނި ލަނޑު މެޗުގެ 73 ވަނަ މިނެޓްގައި ޖަހައިދިނީ ހާވިއާ ހާނެންޑެޒް އެވެ.

މި ގުރޫޕްގެ އަނެއް މެޗުގައި ސަން ހޫންގް މިން 71 ވަނަ މިނެޓްގައި ޖަހައިދިން ލަނޑުން ޓޮޓެންހަމް ވަނީ ރަށުން ބޭރުގައި 1-0 ސީއެސްކޭއޭ މޮސްކޯ ބަލިކޮށްފަ އެވެ.

ރޭގެ މެޗުގައި ހޫންގް މިން ސަން ލަނޑު ޖަހަނީ – ފޮޓޯ: ޑެއިލީ މެއިލް

މިރާލަމް ޕައިޔާނިޗް، ގޮންޒާލޯ ހިގައިން، ޕައޯލޯ ޑީބާލާ އަދި ޑެނިއަލް އަލްވޭސް ޖަހައިދިން ލަނޑުތަކުން ޔުވެންޓަސް އިން ވަނީ 4-0 އިން ޑައިނަމޯ ޒަގްރަބްގެ މައްޗަށް ކުރިހޯދާފަ އެވެ. ގުރޫޕް އެޗްގެ އަނެއް މެޗުގައި ބެން ޔޭދަރު ޖަހައިދިން ހަމައެކަނި ލަނޑުން ސެވިއްޔާއިން ވަނީ ލިޔޯންގެ މައްޗަށް މޮޅުވެފަ އެވެ.

ގުރޫޕް ސްޓޭޖް މެޗު ޑޭ ދެއެއްގައި ގުރޫޕް އޭ، ބީ، ސީ އަދި ޑީ ގެ މެޗުތައް މިރޭ ކުޅެވޭނެ އެވެ. މެޗުތައް ފެށޭނީ ރާއްޖެ ގަޑިން 2345 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355