މެސީ އަދި އޯޒިލްގެ ހެޓްރިކާ އެކު ބާސެލޯނާ އާއި އާސެނަލް މޮޅުވެއްޖެ އެވެ.
ރޭ ޗެމްޕިއަންސް ލީގުގައި މެސީ އަދި އޯޒިލް ހެޓްރިކް ހެދިއިރު ބާސެލޯނާ އަދި އާސެނަލް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ އެވެ.
ރޭ ބާސެލޯނާގެ ކުރީގެ ކޯޗު ގާޑިއޯލާގެ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 4-0 އިންނެވެ. މެސީގެ އިތުރުން ދެން މި މެޗުގައި ލަނޑު ޖެހީ ނޭމާ އެވެ. ނޭމާ ވަނީ މި މެޗުގައި ލިބުނު ޕެނަލްޓީ އެއް ބޭކާރު ކޮށްލާފަ އެވެ.
މި ގުރޫޕްގެ އަނެއް މެޗުގައި ބޮރޫސިޔާ މޮންކެންގްލެޑްބެކް ބަނީ ރަށުން ބޭރުގައި 2-0 އިން ސެލްޓިކް ބަލިކޮށްފަ އެވެ.
ގުރޫޕް އޭ ގެ މެޗުތަކުގައި އާސެނަލް އިން ލޫޑޯގޮރެޓްސް ރަޒްގްރަޑް ބަލިކުރީ 6-0 އިންނެވެ. މި މެޗުގައި އޮޒިލް ހެޓްރިކް ހެދިއިރު ވޮލްކޮޓް، ޗެމްބަލެއިން އަދި ސަންޗޭޒްވެސް ވަނީ ލަނޑު ޖަހައިފަ އެވެ.
މި ގުރޫޕްގެ އަނެއް މެޗުގައި ޕީއެސްޖީއިން ބަސެލް ބަލިކުރީ 3-0 އިންނެވެ. ޑި މާރިއާ އާއި ލޫކަސް މޫރާ މި މެޗުގައި ލަނޑު ޖެހިއިރު ކަވާނީ ވެސް ވަނީ ޕެނަލްޓީ އަކުން ލަނޑު ޖަހައިފަ އެވެ. މި މެޗުގައި ބަސެލްއިން ފޮނުވާލި ތިން ހަމަލާއެއް ވަނީ ދަނޑިއަށް އަމާޒުވެފަ އެވެ.
ގުރޫޕް ބީގެ މެޗުތަކަށް ބަލާއިރު ބެސިކްޓާސް އިން ވަނީ ރަށުން ބޭރުގައި 3-2 އިން ނަޕޯލީ ބަލިކޮށްފަ އެވެ. މި ދެ ޓީމު މީގެ ކުރިން 12 ފަހަރެއްގެ މަތިން ކުޅެފައިވާއިރު މިއީ ބެސިކްޓަސް މޮޅުވި ފުރަތަމަ ފަހަރެވެ. މި މެޗުގައި ވިންސެންޓް އަބޫބަކުރު ބެސިކްޓަސް އަށް ދެ ލަނޑު ޖަހައިދިން އިރު ނަޕޯލީ އަށް ލިބުނު ދެ ޕެނަލްޓީގެ ތެރެއިން އެއް ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.
މި ގުރޫޕްގެ އަނެއް މެޗުގައި ބެންފީކާއިން ވަނީ ރަށުން ބޭރުގައި 2-0 އިން ޑައިނަމޯ ކިއޭވް ބަލިކޮށް ގުރޫޕް ސްޓޭޖްގައި އެ ޓީމުގެ ފުރަތަމަ މޮޅު ރެކޯޑް ކޮށްފަ އެވެ. މި މެޗުގެ ކުރީކޮޅު ބެންފީކާގެ އެޑުއާޑޯ ސިލްވާ ވަނީ ޕެނަލްޓީ އަކުން ލަނޑު ޖަހައި ލީޑު ހޯދާފަ އެވެ.
ރޭ ޗެމްޕިއަންސް ލީގުގައި ގިނަ ލަނޑުތަކެއް ފެނިގެންދިޔައިރު ބަޔާން މިއުނިކުއިން ވެސް ވަނީ ޕީއެސްވީ ކޮޅަށް 4 ލަނޑު ޖަހާފަ އެވެ. ތޯމަސް މުލާ، ޖޯޝުއާ ކިމިޗް، ލެވާންޑޯވްސްކީ އަދި ރޮބެން ބަޔާން އަށް ލަނޑު ޖަހައިދިން އިރު ޕީއެސްވީ ގެ ހަމައެކަނި ލަނޑު ޖަހައިދިނީ ލޫސިއާނޯ ނާސިންގް އެވެ.
މި ގުރޫޕްގެ އަނެއް މެޗުގައި އެތުލެޓިކޯއިން ވަނީ 1-0 އިން އެފްސީ ރޮސްޓޯވް ބަލިކޮށް މޮޅުވުމުގެ ރެކޯޑް ދަމަހައްޓާފަ އެވެ. މި މެޗުގެ ހަމައެކަނި ލަނޑު އެތުލެޓިކޯއަށް ޖަހައިދިނީ ކަރާސްކޯ އެވެ.
ގުރޫޕް ސްޓޭޖްގެ ހަތަރުވަނަ މެޗު ދުވަސް އޮންނާނީ ނޮވެންބަރު 1 އަދި 2 ގަ އެވެ.