twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޑައިނަމޯ ކިއެވް، ބާސެލޯނާ އަދި އާސެނަލް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ

Dec 7, 2016

ރޭ ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުތަކުގައި ޑައިނަމޯ ކިއެވް، ބާސެލޯނާ އަދި އާސެނަލް ތަފާތު ބޮޑުކޮށް މޮޅުވެއްޖެ އެވެ.

ގުރޫޕް ސްޓޭޖްގެ މެޗު ޑޭ 6 ގައި ރޭ ކުޅުނު މެޗުތަކުގައި ގުރޫޕް އޭ އިން އާސެނަލްއިން މޮޅުވީ ރަށުން ބޭރުގައި 4-1 އިން ބަސެލް ބަލިކޮށްގެންނެވެ. ރޭގެ މެޗަށް ނުކުތްއިރުވެސް ދެވަނަ ބުރުގެ ޖާގަ ޔަޤީންވެފައި އޮތް އާސެނަލްގެ ލޫކަސް ޕެރޭޒް ރޭގެ މެޗުގައި ހެޓްރިކް ހެދިއިރު އަނެއް ލަނޑު ޖަހައިދިނީ އެލެކްސް އިވޯބީ އެވެ. ބަސެލްގެ ހަމައެކަނި ލަނޑު ޖަހައިދިނީ ސޭޑޫ ޑޫމްބާ އެވެ.

މި ގުރޫޕްގެ އަނެއް މެޗުގައި ޕީއެސްޖީ އަމިއްލަ ދަނޑުގައި ލޫޑޯގޮރެޓްސްއާ ދެކޮޅަށް ކުޅުނުއިރު މެޗު 2-2 އިން އެއްވަރުވުމުން އެ ޓީމަށް ވަނީ ގުރޫޕްގެ އެއްވަނަ ގެއްލިފަ އެވެ. އާސެނަލް އަށް ގުރޫޕްގެ އެއްވަނަ ލިބުނީ 14 ޕޮއިންޓާއެކު އެވެ. 12 ޕޮއިންޓާއެކު ދެވަނަ ޕީއެސްޖީ ހޯދިއިރު، ތިން ވަނަ އަށް ދިޔަ ލޫޑޯގޮރެޓްސް އަށް ލިބުނީ ތިން ޕޮއިންޓެވެ. ބަސެލް 4 ވަނައަށް ދިޔައީ 2 ޕޮއިންޓާ އެކު އެވެ.

ރޭގެ މެޗުގައި 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޑައިނަމޯ ކިއެވް އިން ބެސިކްޓަސް ބަލިކުރި ނަމަވެސް އެ ޓީމު ދިޔައީ 5 ޕޮއިންޓާއެކު ގުރޫޕް ބީ ގެ ފުލަށެވެ. މި މެޗުގައި ބެސިކްޓަސްގެ ދެ ކުޅުންތެރިޔަކަށް ވަނީ ރަތް ކާޑު ދައްކާފަ އެވެ. މި ނަތީޖާ އެކު ބެސިކްޓަސް ތިން ވަނަ އަށް ދިޔައީ 7 ޕޮއިންޓާ އެކު އެވެ.

ބެސިކްޓަސް ބަލިވުމުގެ ފައިދާ އެންމެ ބޮޑަށް ކުރީ ރޭ އަމިއްލަ ދަނޑުގައި ކުޅެ ބަލިވި ބެންފީކާ އަށެވެ. ނަޕޯލީ އަތުން 2-1 އިން ބަލިވި ބެންފީކާ އަށް ލިބުނީ 8 ޕޮއިންޓެވެ. ގުރޫޕްގެ އެއްވަނަ ނަޕޯލީ އަށް ލިބުނީ 11 ޕޮއިންޓާ އެކު އެވެ.

ގުރޫޕް ސީ ގެ މެޗުތަކަށް ބަލާއިރު އާޑާ ޓޫރާން ގެ ހެޓްރިކަކާއެކު ބާސެލޯނާއިން ވަނީ 4-0 އިން ބޮރޫސިޔާ މޮންކެންގުލެޑްބެކް ބަލިކޮށްފަ އެވެ. އެ ޓީމުގެ އަނެއް ލަނޑު މެސީ ޖެހިއިރު ރޭގެ މެޗުގައި ބާސާއިން ވަނީ އާ ރެކޯޑެއް ހަދާފަ އެވެ. އެއީ އެއް މެޗެއްގައި އެންމެ ގިނަ ޕާސް ހަމަކުރި ޓީމުގެ ޝަރަފު ހޯދައިގެންނެވެ. މި މެޗުގައި ބާސާއިން ވަނީ 993 ޕާސް ހަމަކޮށްފަ އެވެ.

މި ގުރޫޕްގެ އަނެއް މެޗުގައި މެންޗެސްޓާ ސިޓީއާ ސެލްޓިކް ބައްދަލުކުރިއިރު، މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި ގުރޫޕްގެ އެއްވަނަ ބާސާއަށް 15 ޕޮއިންޓާއެކު ލިބުނުއިރު، ސިޓީ ދެވަނަ އަށް ދިޔައީ 9 ޕޮއިންޓާއެކު އެވެ. ބޮރޫސިޔާ މޮންކެންގްލެޑްބެކް އަށް 5 ޕޮއިންޓް ލިބުނުއިރު ސެލްޓިކް އަށް ލިބުނީ 3 ޕޮއިންޓެވެ.

ގުރޫޕް ޑީ ގެ މެޗުތަކަށް ބަލާއިރު ބަޔާން މިއުނިކުއިން އެތުލެޓިކޯއިން ޗެމްޕިއަންސް ލީގުގައި މޮޅުވަމުން އައި ރިކޯޑް ނިމުމަކަށް ގެނެސްފަ އެވެ. ރޭގެ މެޗުގައި ބަޔާން އިން 1-0 އިން އެތުލެޓިކޯ ބަލިކުރިއިރު މެޗުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ލެވާންޑޯވްސްކީ އެވެ. މި މެޗުން މޮޅުވި ނަމަވެސް ބަޔާން އަށް ލިބުނީ ގުރޫޕް 2 ވަނަ އެވެ. އެއީ 12 ޕޮއިންޓާއެކު އެވެ. އެތުލެޓިކޯ ކުރިން ކުޅުނު 5 މެޗުންވެސް މޮޅުވެފައިވާއިރު އެ ޓީމަށް ވަނީ 15 ޕޮއިންޓް ލިބިފަ އެވެ.

ރޭ މި ގުރޫޕްގެ އަނެއް މެޗުގައި އެފްސީ ރޮސްޓޯވް އަދި ޕީއެސްވީ ކުޅުނުއިރު މެޗު ނިމުނީ 0-0 އިންނެވެ. އެފްސީ ރޮސްޓޯވް 5 ޕޮއިންޓާއެކު ތިން ވަނަ ހޯދިއިރު، ޕީއެސްވީ ފުލަށް ދިޔައީ 2 ޕޮއިންޓާއެކު އެވެ.

މިރޭ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖްގެ ފަހު މެޗުތައް ކުޅޭނެ އެވެ. މެޗުތައް ފެށޭނީ ރާއްޖެ ގަޑިން 0045 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355