ރޭ ޗެމްޕިއަންސް ލީގުގައި ރިއަލް މެޑްރިޑް އަދި ޑޯޓުމަންޑް ބައްދަލުކުރި މެޗުގައި، ފަހު ވަގުތު ޑޯޓުމަންޑުން ޖެހި ލަނޑުން ރިއަލް މެޑްރިޑަށް ގުރޫޕްގެ އެއްވަނަ ގެއްލިއްޖެ އެވެ.
ރޭ ރިއަލް މެޑްރިޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ކަރިމް ބެންޒީމާ ދެ ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް ޑޯޓުމަންޑުން ވަނީ ދެ ލަނޑު ޖަހާ މެޗު އެއްވަރު ކޮށްފަ އެވެ. އައުބަމެޔާންގް 61 ވަނަ މިނެޓްގައި ލަނޑު ޖެހިއިރު އެއްވަރުކުރި ލަނޑު މާކޯ ރޫސް ޖަހައިދިނީ 89 ވަނަ މިނެޓްގަ އެވެ. މި ނަތީޖާއާ އެކު 14 ޕޮއިންޓާއެކު ޑޯޓްމަންޑަށް ގުރޫޕް އެފްގެ އެއްވަނަ ލިބުނުއިރު ދެވަނަ އަށް ދިޔަ ރިއަލް އަށް ލިބުނީ 12 ޕޮއިންޓެވެ.
މި ގުރޫޕްގެ އަނެއް މެޗުގައި ލެގިއާ ވާސްޒާވާ ވަނީ ސްޕޯޓިންގެ މައްޗަށް 1-0 އިން ކުރިހޯދައި ޔޫރޮޕާ ލީގުގެ ޖާގަ ހޯދާފަ އެވެ. އެ ޓީމަށް 4 ޕޮއިންޓް ލިބުނުއިރު ސްޕޯޓިން އަށް ލިބުނީ 3 ޕޮއިންޓެވެ.
ގުރޫޕް އީ ގެ މެޗުތަކަށް ބަލާއިރު، ބަޔާން ލެވާކޫސަން އިން ވަނީ 3-0 އިން މޮނާކޯ ބަލިކޮށްފަ އެވެ. ޓޮޓެންހަމް އިން 3-1 ސީއެސްކޭއޭ ބަލިކޮށް ޔޫރޮޕާ ލީގުގެ ޖާގަ ވަނީ ޔަޤީން ކޮށްފަ އެވެ. މި ގުރޫޕްގެ އެއްވަނަ ރޭގެ މެޗަށް ނުކުތްއިރުވެސް މޮނާކޯއަށް ވަނީ ޔަޤީންވެފަ އެވެ. އެ ޓީމަށް 11 ޕޮއިންޓް ލިބުނުއިރު، ބަޔާން ލެވަކޫސަން އަށް ލިބުނީ 10 ޕޮއިންޓެވެ. ޓޮޓެންހަމް އަށް 7 ޕޮއިންޓް ލިބުނުއިރު ސީއެސްކޭއޭ އަށް ލިބުނީ 3 ޕޮއިންޓެވެ.
ގުރޫޕް ޖީ ގެ މެޗުތަކަށް ބަލާއިރު ލެސިސްޓަރ ސިޓީ ރޭގެ މެޗުގައި ޕޯޓޯއާ ކުޅެ 5-0 އިން ބަލިވި ނަމަވެސް އެ ޓީމަށް ވަނީ 13 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ލިބިފަ އެވެ. ޕޯޓޯއަށް ރޭގެ މެޗުން މޮޅުވުމުން 11 ޕޮއިންޓާއެކު ވަނީ 2 ވަނަ ލިބިފަ އެވެ. މި ގުރޫޕްގެ އަނެއް މެޗުގައި އެފްސީ ކޮބެންހެވަން އިން ވަނީ 2-0 އިން ރަށުން ބޭރުގައި ކްލަބް ބުރޫގް ބަލިކޮށްފަ އެވެ. މި ނަތީޖާއާއެކު ކޮބެންހެވަން އަށް 9 ޕޮއިންޓް ލިބުނުއިރު ކްލަބް ބުރޫގް އަށް އެއްވެސް ޕޮއިންޓެއް ލިބިފަ އެއް ނުވެ އެވެ.
ގުރޫޕް އެޗްގެ އެއްވަނަ ޔުވެންޓަސް އިން ހޯދީ 14 ޕޮއިންޓާއެކު އެވެ. ރޭގެ މެޗުގައި އެ ޓީމުން ވަނީ 2-0 އިން ޑައިނަމޯ ޒަގްރަބް ބަލިކޮށްފަ އެވެ. މި ގުރޫޕްގެ އަނެއް މެޗުގައި ސެވިއްޔާ އަދި ލިޔޯން ބައްދަލުކުރިއިރު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. މި ނަތީޖާއާއެކު ސެވިއްޔާ އަށް ވަނީ 11 ޕޮއިންޓާއެކު ގުރޫޕްގެ ދެވަނަ ލިބިފަ އެވެ. ލިޔޯން ދިޔައީ 8 ޕޮއިންޓާއެކު ގުރޫޕްގެ ތިން ވަނަ އަށެވެ. ޑައިނަމޯ ޒަގްރަބް އަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.
ދެވަނަ ބުރުގެ ގުރުއަތުލުން އޮންނާނީ 12 ޑިސެންބަރު 2016 ވާ ހޯމަ ދުވަހު އެވެ. ދެވަނަ ބުރުގެ މެޗުތައް އޮންނާނީ ފެބްރުއަރީ 14-15 އަދި ފެބްރުއަރީ 21-22 ގަ އެވެ.