މިދުވަސްވަރު ހަލުވިކަމާއެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖޭއިން ބޭރަށް ދަތުރު ކުރައްވާފަރާތްތައް އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭ އިން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ މިދުވަސްވަރު ހަލުވި ކަމާއިއެކު ދުނިޔޭގެއެކި ހިސާބުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް 19) ގެ ހާލަތު އޭޖެންސީން ވަރަށް ގާތުން ބަލަމުންދާކަމަށާއި މިގޮތުން ޗައިނާގެ އިތުރުން ދެކުނު އިރުމަތީ އޭޝިއާގެ ބައެއްގައުމުތަކުގައި ޗައިނާއަށް ދަތުރުކޮށްފައިނުވާ ފަރާތް ތަކުގެ ކިބައިންވެސް މިބަލި ފެނި އެގައުމުތަކުގައި ބަލި ފެތުރެމުންދާ ކަން ފާހަގަ ކުރެވިފައިވާކަމަށެވެ.
އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޖަޕާނާއާއި ސިންގަޕޫރު ހޮންގްކޮންގް ސައުތުކޮރެއާއި ތައިލެންޑްގެ އިތުރުން އީރާނާއި އިޓަލީ މިޤައުމުތަކުގެ ޓެރިޓަރީތަކަށް ދަތުރުކުރެއްވުމުގައި މުހިއްމު ސަމާލުކަމެއް ދެއްވުމަށް އެޗްޕީއޭ އިން ނެރެފައިވާ މިބަޔާނުގައި ވަނީ އިލްތިމާސް ކޮށްފައެވެ.
އިތުރަށް އެޗްޕީއޭ އިން ބުނީ ރާއްޖޭއިން ބޭރަށް ދަތުރު ކުރައްވާ ފަރާތް ދަތުރު ކުރައްވާ ގައުމެއްގައި ބަލި ފެތުރޭ މިންވަރާއި އެގައުމެއްގެ ސަރުކާރުން ރައްކާތެރިވުމަށް އެޅުމަށް އަންގަވާ ފިޔަވަޅުތައް ދެނެގަނެ އެކަންކަމަށް އަމަލު ކުރަންޖެހޭނެކަމަށެވެ. އަދި ރޯގާޖެހި ހުންއައިސް ތިބޭމީހުންނާއި ކައިރިވެ ނޫޅުމަށާއި ސައިބޯނި ނުވަތަ ހޭންޑް ސެނިޓައިޒަރ ލައިގެން ގިނަގިނައިން އަތްދޮވުމާއި ދަތުރު ކުރުމަށްފަހު އެނބުރިއައިސް ރޯގާޖެހި ކެއްސާނަމަ ހުންއައުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ގޭގައި މަޑުކުރުމަށާއި އެކަންކަން ރަގަނޅުނުވެ އިތުރަށް ގޯސްވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދަންޖެހޭނެކަމަށެވެ.
މީގެއިތުރުން މިދުވަސްވަރު ގިނަމީހުން އެއްވެގެންހިންގާ ހަރަކާތް ތައް ނުބޭއްވުމަށްވެސް އެޗްޕީއޭ އިން ނެރެފައިވާ ބަޔާނުގައި ވަނީ އިލްތިމާސް ކޮށްފައެވެ .