ކޮވިޑް-19 އާއި ގުޅިގެން ބަންގްލަދޭޝް އިން ރާއްޖެ އަންނަ މީހުންނާއި ފާއިތުވި 14 ދުވަސް ތެރޭގައި އެގައުމަށް ގޮސްފައިވާ މީހުން ރާއްޖެ އެތެރެވުން މަނާކޮށްފިއެވެ.
ސިވިލް އޭވިއޭޝަން މިނިސްޓްރީން ނެރުނު ސާކިޔުލާއެއްގައި ބުނީ ކޮވިޑް-19 ގެ ނަން ދީފައިވާ ވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ފާއިތުވި 14 ދުވަހުގެ ތެރޭގައި ބަންގްލަދޭޝަށް ދަތުރު ކޮށްފައިވާ މީހުން ރާއްޖެއަށް އެތެރެވުމާއި ޓްރާންސިޓްވުން ވެސް މާދަމާ އިން ފެށިގެން މިމަހުގެ 24 ވަނަ ދުވަހާ ހަމައަށް މަނާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް މީގެ ތެރެއިން ބަންގްލަދޭޝް އިން ރާއްޖެ އަންނަ ދިިވެހިންނާއި ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ މީހުން އިސްތިސްނާވާނެ ކަމަށް އެ ސާކިޔުލާގައި ބުނެފައިވެ އެވެ.
ބަގްލަދޭޝްއިން އިއްޔެ އެވައިރަހަށް ޕޮޒިޓިވްވެފައިވާ ތިން މީހަކު ފެނިފައިވާކަމަށާއި އޭގެ ތެރެއިން ދެ މީހަކަށް ބަލި ޖެހިފައިވަނީ އިޓަލީގައި ޗުއްޓީ ހޭދަ ކުރުމަށްފަހު އެނބުރި ގައުމަށް ދިޔަ ފަހުން ކަމަށް ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ބުނެފަ އެވެ.
ބަންގްލަދޭޝްގެ އިތުރުން ދެކުނު ކޮރެއާގެ ބައެއް ސަރަހައްދުތަކާއި އިރާނާއި ޗައިނާ އިން މީހުން ރާއްޖެއަށް އެތެރެވުން ވެސް ސަރުކާރުން ވަނީ މީގެ ކުރިން މަނާކޮށްފަ އެވެ. ބަންގްލަދޭހާ ހިލާފަށް އެ ގައުމުތަކުން މީހުން އެތެރެވުން ހުއްޓުވާފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.
މި ވައިރަހުގެ ހަތަރު ކޭހެއް ރާއްޖެއިންވެސް ވަނީ ފެނިފަ އެވެ. އެއީ ޅ.ކުރެއްދޫ މޯލްޑިވްސް އިން ފެނުނު ދެ ކޭހާއި އއ. ބަތަލާ ރިސޯޓުން ފެނުނު ދެ ކޭހެވެ. އެ ދެ ރިސޯޓުން ވެސް މިހާރު އޮތީ މީހުން އަރާ ފޭބުން ބަންދު ކޮށްފަ އެވެ. އަދި ކުރެއްދޫ ރިސޯޓްގައި 93 މީހަކު ރޫމް ކަރަންޓީނު ކޮށްފައިވާއިރު ބަތަލާގައި 11 މީހަކު ވަނީ ރޫމް ކަރަންޓީނު ކޮށްފައި ވެއެވެ.