ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓާއި ވިލަމެންދޫ އައިލެންޑް ރިސޯޓުން ކޮވިޑް-19 ގެ އަލާމާތްތައް ހުރެގެން ޓެސްޓްކުރި މީހުން އެ ވައިރަހަށް ނެގެޓިވް ވުމުން އެ ދެ ރިސޯޓްގެ ކަރަންޓީނަށް އަރާ ފޭބުން މިއަދުންފެށިގެން އަނެއްކާވެސް ހުޅުވާލައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ ޝައްކު ކުރެވޭ ކޭސްއަކާ ގުޅިގެން ޓެސްޓްކޮށް ނިމި އަދި ކޮންޓެކްޓް ޓްރޭސިން ވެސް ވިލަމެންދޫގައި ނިންމާފައިވާ ކަމަށާއި ޓެސްޓުގެ ނަތީޖާ އާއީ ކޮންޓެކްޓް ޓްރޭސިން ނިމިފައި ވާތީ އެ ރަށަށް އަރައި ފޭބުމުގައި މިހާރު ހުރަހެއް ނެތް ކަމަށެވެ.
ރީތިރަށުން ޓެސްޓްކޮށްފައިވާ ޓޫރިސްޓް ދެމަފިރިންގެ އަށްމަހުގެ ދަރިފުޅު ޓެސްޓުކުރަން ނިންމީ އެ މީހުން ދަތުރު ކޮށްފައިވާ ގައުމުތަށް ބަލައި އިޓަލީގައި މަޑުކޮށްފައި އައުމާއި އެ ކުއްޖާ ހުންއައިސްފައި ހުރުމުން ނެވެ.
ކޮވިޑް-19 ރާއްޖޭން އެންމެ ފުރަތަމަ ފެނުނު ޅ. ކުރެއްދޫ ރިސޯޓާއި އއ. ބަތަލާ ރިސޯޓް އަދިވެސް ކަރަންޓީނުކޮށްފަވާއިރު ރާއްޖެން މިހާތަނަށް އެވައިރަހަށް ޕޮޒިޓިވްވި ހަ މީހުން ނަކީވެސް ބިދޭސީންނެވެ.
އެޗްޕީއޭ އިން އެންމެ ފަހުން ހާމަކުރި މައުލޫމާތަށް ބަލާއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނާއި ޝައްކުވާ މީހުންނާއި ޕޮޒިޓިވްވި މީީހުންނާ ކޮންޓެކްޓްވި މީހުންގެ ތެރެއިން ފަރުކޮޅުފުށީ އައިސޮލޭޝަންގައި 15 މީހަކު އަދި ވިލިވަރު ކަރަންޓީނުގައި 11 މީހަކު އެބަ ތިއްބި ކަމަށެވެ.