އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެންމެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، އިއުލާނުކޮށްފި އެވެ. މިވަގުތު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވީ 30 ދުވަހުގެ މުއްދަތަށެވެ.
ދަރުބާރުގޭގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން، އެކަން އިއުލާންކުރެއްވީ މިހާރު ދުނިޔޭގައި ވަރަށް ބާރަށް ފެތުރެމުންދާ ކޮރޯނާވައިރަސްއާ ގުޅިގެންނެވެ. ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު ޑަބުލިއުއެޗުއޯ އިއްޔެ ވަނީ ދުނިޔޭގެ ބަލިމަޑުކަމެއްގޮތުގައި އިއުލާންކޮށްފަ އެވެ.
އަމީން ވިދާޅުވީ މި ނިންމުމާ އެކު ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަވަހަށް އެޅޭނެ ކަމަށެވެ. އަދި މިވަގުތު މަސައްކަތްކުރަމުން އަންނަނީ މި ރޯގާ ކޮންޓްރޯލްކުރުމަކީ އެންމެ އިސް ވާޖިބު ކަމުގައި ދެކިގެން ކަމަށް ވިދާޅުވި އެވެ.
އަމީން ވިދާޅުވީ މިއީ ރާއްޖޭގައި ރޯގާގެ ހާލަތު އޮތް މިންވަރަށް ބަދަލެއް އައުމުގެ މައްޗަށް ބިނާވާ ނިންމުމެއް ނޫން ކަމަށާއި އެކަމަކު އެހެން ގައުމުތަކުގައި ރޯގާގެ ހާލަތު ގޯސްވަމުން ދާތީ ރާއްޖެ އަށް ވެސް ނުރައްކާ ބޮޑުވާ ކަމަށް ގަބޫލުކުރަންޖެހޭ ކަމަށެވެ.
ކޮޑިވް-19 ބަލީގެ އަށް މީހަކު ރާއްޖެ އިން ވަނީ ފެނިފައިވާއިރު އެ އެންމެންނަކީ ވެސް ތަފާތު ތިން ރިސޯޓަކަށް ނިސްބަތްވާ ބިދޭސީންނެވެ. ކޮޑިވް-19 އަށް ޝައްކުވެގެން މިހާތަނަށް ޓެސްޓްކުރި އެއްވެސް ދިވެއްސެއްގެ ގައިން ކޮރޯނާވައިރަސް ފެނިފައެއް ނުވެ އެވެ.
- ބައްޔަކުން ރައްކާތެރިވާން ވަކި ބަޔަކަށް ނުވަތަ ވަކި ގިންތިއެއްގެ ބަޔަކަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ހިންގުން.
- ވެކްސިނާއި، ބޭހާއި، ވެކްސިނާ ގުޅުން ހުރި ތަކެއްޗާއި ވަސީލަތްތައް އެންމެ އަވަހަށް ރައްދުކުރަންވީ ކޮން ބާވަތެއްގެ ނުވަތަ ކޮން ގިންތިއެއްގެ ބަޔަކަށްކަން ކަނޑައަޅައި، އެކަން ހަމަޖެއްސުން.
- ތައުލީމު ދޭ މަރުކަޒުތައް ބަންދުކުރުމާއި މީހުން އެއްވެއުޅޭ ތަންތަނަށް އެއްވެއުޅުން މަނާކުރުމުގެ އަމުރު ނެރުން
- ވަކި ހިސާބުތަކަކަށް ވަކި ވަގުތުތަކުގައި މީހުން ނުދިޔުމަށާއި، އެއްވެ ނޫޅުމަށް އެންގުން.
- ކަރަންޓީނު ކުރެވިފައިވާ މީހާއަށް އެހީތެރިކަމާއި ވަސީލަތްތައް ފޯރުކޮށްދެމުން ދިޔުން.
- އެއްގަމު މަގުންނާއި ކަނޑު މަގުންނާއި ވައިގެ މަގުން ދަތުރުކުރުން ހުއްޓުވުން ނުވަތަ ކޮންޓްރޯލްކުރުން ނުވަތަ އެފަދައިން ދަތުރުކުރުމުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުން.
މިނިސްޓަރު ވިދާޅުވީ އާންމު ސިއްހަތުގެ ނުރައްކާ ހާލަތު އިއުލާންކުރެއްވީ ރާއްޖޭގައި ކޮރޯނާވައިރަސްގެ ކޭސްތައް ގިނަވުމުގެ މައްޗަށް ބިނާކޮށްފައި ނޫން ކަމަށާ ނަމަވެސް ވަށައިގެންވާ ގައުމުތަކުގައި، ޚާއްސަކޮށް ޔޫރަޕްގެ ގައުމުތަކުގެ ހާލަތު ދަށަށް ދިއުމާއި ބައްޔާ ގުޅޭ ކަންކަން ވަމުންދާ ގޮތާއި ނުރައްކާ ރާއްޖެއަށް ވެސް ބޮޑު ކަމަށް އަމީން ވިދާޅުވި އެވެ.