އަނަންތަރާ ދިގު ރިސޯޓުން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ބުނެފި އެވެ.
އަލަށް ޕޮޒިޓިވްވި މީހާއާއެކު ރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 11 އަށް އެރީ އެވެ.
މީގެ ދެ ދުވަސް ކުރިން ވެސް އަނަންތަރާ ދިގު ރިސޯޓުން ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެ އެވެ. އެމީހާއާ ކޮންޓެކްޓްވި މީހުން ބޭތިއްބީ އެކަހެރި ކޮށްފަ އެވެ.
އެޗްޕީއޭއިން ބުނީ އަނަންތަރާ ދިގު ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓްކުރި ބިދޭސީއެއްގެ ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެމީހާއަކީ މިވަގުތު ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީގައި ބަހައްޓާފައި ހުރި މީހެއް ކަމަށެވެ.
ކޮންޓެކްޓް ޓްރޭސިން ނިންމައި އަނަންތަރާ ދިގު ރިސޯޓް މިހާރު އޮތީ ހުޅުވާލާފަ އެވެ. އެ ރިސޯޓުން އެކަހެރިކޮށްފައިވާ މީހުންގެ ސީދާ އަދަދު ސާފެއް ނޫނެވެ.
އަނަންތަރާ ދިގުގެ ދެ މީހުން ފިޔަވައި މީގެކުރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހެކެވެ. އެ އެންމެންނަކީ ވެސް ބިދޭސީންނެވެ.
ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާންކޮށްފަ އެވެ.