އިނގިރޭސިވިލާތާއި މެލޭޝިއާއިން ރާއްޖެއަށް މީހުން އެތެރެވުން ސަރުކާރުން މަނާކޮށްފި އެވެ.
ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ މިއަދު އިރުއޮއްސި ހަޔަކުން ފެށިގެން މެލޭޝިއާ އާއި އިނގިރޭސިވިލާތުން ރާއްޖެއަށް މީހުން އެތެރެވުން މަނާވާނެ ކަމަށެވެ.
އެ ދެ ގައުމަކީ ވެސް މިހާރު ކޮވިޑް-19 ބަލި ފެތެރެމުންދާ ދެ ގައުމެވެ. އަދި އެ ދެ ގައުމުން ވެސް ވަނީ އެ ގައުމަށް މީހުން އެތެރެވުމުގައި ވެސް ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން އެ ދެ ގައުމަށް ޓްރާންސިޓްވެފައި ވެސް މީހަކަށް ރާއްޖެއަށް ނާދެވޭނެ އެވެ.
އެ ދެ ގައުމުން މީގެފަހުން ރާއްޖެ އަންނަ ދިވެހިން 14 ދުވަހު ކަރަންޓީނުގައި ތިބެން ޖެހޭނެ ކަމަށް ވެސް މަބުރޫކު ވިދާޅުވި އެވެ.
މިހާރު ސަރުކާރުން ވަނީ ޗައިނާ އާއި ސައުތު ކޮރެއާގެ ދެ ޕްރޮވިންސްއަކުންނާއި އިޓަލީ އާއި އީރާން އާއި ބަންގްލަދޭޝް އާއި ފްރާންސް އާއި ސްޕެއިން އަދި ޖާމަނީއިން މީހުން ރާއްޖެއަށް އެތެރެވުން މަނާކޮށްފަ އެވެ.
ރާއްޖޭގައި 30 ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު ސަރުކާރުން ގެންދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ސަރުކާރު ކުރިއަށް އޮތް ހަފުތާ ބަންދުކުރަން ނިންމާ އަދި ސިޔާސީ މުވައްޒަފުންގެ މުސާރަ ކުޑަ ކުރަން ވަނީ ނިންމާފަ އެވެ.
އަދި ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން ދިޔުން ވަނީ މަނާކޮށްފަ އެވެ. އާންމުން ދަތުރުކުރާ ފެރީތަކުގައި ބިދޭސީން ދަތުރު ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. މާލެ ސަރަހައްދުތަކުގެ ގެސްޓް ހައުސްތަކަށް ގެސްޓުން ގެނައުން ވެސް ވަނީ މަނާކޮށްފަ އެވެ.
ރާއްޖޭގެ ހުރިހާ ސްކޫލްތަކާއި ކޮލެޖްތައް ހިމެނޭ ގޮތަށް ތައުލީމްދޭ މަރުކަޒެއް ވެސް ދެ ހަފުތާއަށް ވަނީ ބަންދުކޮށްފަ އެވެ. ގުރުއާން ކްލާސްތަކާއި ޓިއުޝަން ދިނުން ވެސް ވަނީ ހުއްޓުވާފަ އެވެ. ސިނާމާތައް ވެސް ބަންދުކުރަން ވަނީ އެންގާފަ އެވެ.