ވައިގެ މަގުން ރިސޯޓްތަކަށް އަންނަ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކެއް 14 ދުވަހަށް ކަރަންޓީނު ކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ އަންގައިފި އެވެ.
ރާއްޖެ އިން ވެސް ކޮވިޑް ވައިރަސް ބަލީގެ މީހުން ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްޓަކައި މި މަހުގެ 12 ވަނަ ދުވަހު އިއުލާން ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތުގެ ދަށުން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެންގި އެންގުމުގައި ވަނީ ވައިގެ މަގުން އަންނަ މީހުންގެ ތެރެއިން ޓޫރިސްޓުން ފިޔަވައި އެހެން އެންމެން ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރަންޖެހޭނެ ކަމަށެވެ.
މައިމޫނާ އެ ފިޔަވަޅު އެޅުއްވީ އެޗްޕީއޭ އިން ވަކި އެހެން ގޮތެއް ކަނޑައަޅަން ދެނެވެ.
އެޗްޕީއޭ އިން ކުރިން އަމަލުކުރަމުން އައި ގޮތުން ނަމަ ރާއްޖެ އިން ބޭރުން އަންނަ ދިވެހިން ޖެހެނީ 14 ދުވަހުގެ މުއްދަތަށް ގޭގައި އެކަހެރި ކުރުމަށެވެ. ނަމަވެސް ރޭ ނިންމި ނިންމުމާ އެކު، ދިވެހިން ގެންދަން ޖެހެނީ ސަަރުކާރުން ކަނޑައަޅާ ކަރަންޓީން ފެސިލިޓީ އަކަށެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ސަރުކާރުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭގެ ތެރޭގައި މާލެގައި ހުރި ޕާކުތަކާއި މައިޒާންތައް ބަންދުކުރުމާއި ރާއްޖޭގެ އެއްވެސް ރިސޯޓަކުން މީހުން އެހެން ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓްތަކަށް މީހުން ދިއުން މަނާކުރުމާއި ރަށް ރަށުގެ ޕާކުތަކާއި މީހުންއެއްވެ އުޅޭތަން ތަނަށް ދިއުން މަނާ ކުރުން ހިމެނެ އެވެ.
ރާއްޖެ އިން މި ވައިރަހަށް 13 މީހަކު ޕޮޒިޓިވްވިއިރު އޭގެ ތެރެއިން ދެ މީހުން ވަނީ އެ ބަލިން ސަލާމަތްވެފަ އެވެ. މިހާތަނަށް ކޮވިޑް ބަލި ޖެހިފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ދެ ބިދޭސީއަކަށާއި 11 ޓޫރިސްޓަކަށެވެ.