ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން ޓެސްޓް ކުރާ ފަރާތްތަކަށް އާންމު ރައްޔިތުން ތަފާތުކުރުން ނުގެން ގުޅުމަށް ދިވެހި ރެޑް ކުރެސެންޓުން އިލްތިމާސް ކޮށްފި އެވެ.
މި ބައްޔަށް ރާއްޖެ އިން މިހާތަނަށް 19 މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރެއިން ހަ މީހަކު ފިޔަވައި ދެން ތިބިި އެންމެން މިހާރު ވަނީ ރަނގަޅުވެފަ އެވެ. ބާކީ ތިބި ހަ މީހުންގެ ތެރެއިން އިނގިރޭސި ވިލާތުން ރާއްޖެ އައި ހަތަރު ދިވެހިން ފިޔަވައި އިތުރު ދިވެއްސެއްގެ ގައިން އެ ވައިރަސް ފެނިފައި ނުވި ނަމަވެސް ޝައްކު ކުރެވޭ އަލާމާތްތައް ފެންނަ މީހުން ދަނީ ޓެސްޓް ކުރަމުންނެވެ. މިހާރު ރާއްޖެ އިން ރަނގަޅު ނުވެ ތިބީ ހަތަރު ދިވެހިން އެކަންޏެވެ.
ނޭޝަނަލް އިމަޖެންސީ ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރެޑް ކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް ފާތިމަތު ހިމްޔާ ވިދާޅުވީ، މިހާރު ފެތުރެމުން އަންނަ ވައިރަހާ ގުޅޭ ގޮތުން އާންމުން ވަރަށް ބޮޑަށް ހޭލުންތެރިކުރަން ޖެހޭ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ނަފްސާނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް އެ ޖަމާއަތުން ކުރާ މަސައްކަތުގައި، އެ ބައްޔަށް ޝައްކު ކުރެވިގެން ޓެސްޓް ކުރެވޭ މީހުންނާ މެދު އާންމުން ތަފާތު ގޮތަށް އަމަލުކުރާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އޭގެ ސަބަބުން މުޖުތަމައުގެ ތެރެއަށް އަނބުރާ އައުމަށް އެފަދަ މީހުންނަށް ދަތިތައް ކުރިމަތިވާ ކަމަށް ހިމްޔާ ވިދާޅުވި އެވެ.
އެގޮތުން ރިސޯޓަކުން ބައްޔަށް ޝައްކު ކުރެވިގެން ޓެސްޓް ކުރުމަށްފަހު ނަތީޖާ ނެގެޓިވްވެގެން އަމިއްލަ ރަށަށް ދިއުމުން އެ މީހާ އަނބުރާ ބަލައިގަތުމާއި މުޖުތަމައުގައި އުޅުމަށް ދަތިތަކެއް ކުރިމަތިވެފައި އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މާލޭގައި ވެސް އެފަދަ ދަތިތަކެއް ދިމާވެފައި ހުރިކަން ހިމްޔާ ފާހަގަކުރެއްވި އެވެ.
އެ ވިސްނުން ބަދަލުކޮށް އެފަދަ މީހުންނާ މެދު ތަފާތު ކުރުން ނައްތާލަން ޖެހޭ ކަމަށާއި ބިދޭސީންނާ މެދު ވެސް ގޯސް ކޮން ދެކޭ ގޮތް ވެސް ބަދަލު ކުރަން ޖެހޭ ކަމަށެވެ. ކޮވިޑް-19 އަކީ ވަކި ބަޔަކަށް އެކަނި ޖެހޭ ބައްޔެއް ނޫން ކަން ފާހަގަ ކުރައްވައި، އެންމެން ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އިސްކަން ދިނުމަށް ހިމްޔާ ގޮވާލެއްވި އެވެ.
ހިމްޔާ ވިދާޅުވި ގޮތުގައި ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 400 އެއްހާ ވޮލަންޓިއަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.