އަންނަ ހަފްތާގައި ވެސް ސަރުކާރު އޮފީސްތަކާއި ސްކޫލު ޔުނިވާސިޓީތައް ބަންދު ކުރަން ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ބުނީ މިގޮތަށް ރައީސް ނިންމެވީ، ދުނިޔޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖޭގައި ފެތުރިގެން ހިނގައިދާނެތީއާއި ރާއްޖޭގައި މިބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) އިން ދެއްވާފައިވާ ފަންނީ ލަފަޔާއި އިރުޝާދަށް ރިޢާޔަތް ކުރެއްވުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
ރައީސް އޮފީހުން ބުނީ އަންނަ ހަފްތާގައި ސަރުކާރުގެ އޮފީސްތައް ނުހުޅުއްވާ ގޮތަށް ނިންމެވިކަމުގައިވިޔަސް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ މުވައްޒަފުންނަށް ގޭގައި ތިބެގެން ކުރެވޭނެ އިންތިޒާމު އޮފީސްތަކުން ހަމަޖެއްސެވުމަށާއި، ކޮންމެހެން ދޭންޖެހޭ ހިދުމަތެއް ނުވަތަ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް އޮފީސް ހުޅުވަންޖެހިއްޖެ ހިނދެއްގައި އޮފީސް ހުޅުވައިގެން ވީހާވެސް މަދު މުވައްޒަފުން ނެރުއްވައިގެން އެ މަސައްކަތެއް ކުރެއްވުމަށާއި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހާ ހިދުމަތެއް އޮންލައިންކޮށް ދެއްވަމުން ގެންދަވާ ގޮތަށްވެސް ރައީސް ނިންމަވާފައިވާ ކަމަށެވެ.
މި ރޯގާ ކޮންޓްރޯލު ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ މުހިއްމު އެއް ފިޔަވަޅަކީ އެންމެންވެސް ގޭގައި މަޑުކުރުން ކަމަށްވާތީ މި ދަނޑިވަޅުގައި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ރައީސް ވަނީ އެދިލައްވައިފައެވެ.
އަދި މުހިއްމު ޒަރޫރީ ބޭނުމަކަށް ނޫނީ ގެއިން ބޭރަށް ނުނުކުމެ ގޭގައި މަޑުކުރުމަކީ މި ރޯގާއިން ރައްކާތެރިވުމަށް އެޅޭ އެންމެ މުހިއްމު އެއް ފިޔަވަޅުކަމުގައި އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މިއީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދު ކުރަން ނިންމި ހަތަރުވަނަ ހަފްތާއެވެ.
މި ބައްޔަށް ރާއްޖެއިން ވެސް މިހާތަނަށް ހަތަރު މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެ ހަތަރު މީހުންނަކީ ވެސް އިނގިރޭސިވިލާތުން އެނބުރި ރާއްޖެ އައި މީހުން ނެވެ.