ކޮވިޑް-19 އާ ގުޅިގެން ޓޫއަރިޒަމް މިނިސްޓްރީއާއި އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުގައި ރިޒޯޓުތަކާއި ސަފާރީތަކުން މީހުން ފޭބުމުގެ ހުއްދަ ދޭން ހަމަޖެހިފައިވަނީ އެންމެ ފަހު ފަތުުރުވެރިޔާ ރިޒޯޓުން/ސަފާރީން ފައިބާތާ 14 ދުވަސް ހަމަވެ އެ ތަނުގައި ކޯވިޑަށް ޝައްކުވާ އެއްވެސް އަލާމާތެއް ނުފެންނަމައެވެ. ނުވަތަ އެންމެ ފަހު ފަތުރުވެރިއާ އެރިތާ 14 ދުވަހުގެ މުއްދަތު ހަމަވެ އަލާމާތެއް ނުފެންނަނަމައެވެ.
އެގޮތުން 14 ދުވަހުގެ މުއްދަތު ހަމަވެގެން ސަފާރީއާއި ރިޒޯޓްތައް ހިމެނޭހެން 355 ތަނަކުން މީހުން ފޭބުމުގެ ހުއްދައަށް އެދިފައިވާކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ 14 ދުވަހުގެ ކަރަންޓީން މުއްދަތު ހަމަވެގެން ރިޒޯޓްތަކާއި ސަފާރީތަކުން އެޗްޕީއޭއަށް އަންގަމުން އަންނަކަމަށެވެ.
މި އުސޫލާއި އެއްގޮތަށް 14 ދުވަހުގެ މުއްދަތު ހަމަވެގެން ރިޒޯޓާއި ސަފާރީތައް ހިމެނޭގޮތަށް 300 އަށްވުރެ ގިނަ އެންގުން އެޗްޕީއޭއަށް ލިބިފައިވާކަމަށާއި މިހާރު އެ ލިޔެކިޔުންތައް ބަލައި ދޫކޮށްލުމަށް ކަނޑައަޅާ ރިޒޯޓްތަކާއި ސަފާރީތަކަށް އެކަން އަންގަމުންދާކަމަށެވެ.
މިގޮތަށް ހުއްދަ ދެނީ، ހުއްދަ ދިނުމުގެ ކުރިން ރިޒޯޓްގެ ހުރިހާ މުއައްޒަފުންގެ ހެލްތު ސްކްރީނެއް ހެދުމަށްފަހު ކޯވިޑާއި ގުޅޭ އެއްވެސް އަލާމާތެއް ނެތްކަން ކަށަވަރުކުރުމަށްފަހުއެވެ.
ކޮވިޑް-19 އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރިސޯޓް ތަކާއި ސަފާރީ ތަކުން މީހުން އުޅޭ ރަށްރަށަށް ދިއުމާއި އެކްސްކާޝަން ފަދަ ކަންތައްތައް ވަނީ މީގެ ކުރިން ހުއްޓާލަން އަންގާފަ އެވެ.
މި ވައިރަހަށް މިހާތަނަށް 19 މީހަކު ވަނީ ޕޮޒިޓީވް ވެފައެވެ. އޭގެ ތެރެއިން މިހާރު ފަރުވާ ދެމުން ދަނީ އިނގިރޭސި ވިލާތުން އެނބުރި އައިސް ތިބި ހަތަރު ދިވެހިންނަށެވެ.