twitterviber whatsapp telegramfacebookyoutube instagram
19th April 2024

ރިސޯޓުތަކުގައި ތިބި މީހުން ފޭބުމުގައި ލުއިތަކެއް ހަމަޖައްސައިދީފި

Apr 10, 2020

ރިސޯޓުތަކުގައި ތިބި މީހުން އެ ރިސޯޓުތަކުން ފޭބުމުގައި ހުއްދަ ދިނުމުގެ އުސޫލަކަށް ލުއިތަކެއް ހަމަޖައްސާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެގޮތުން މިހާރު ކަރަންޓީނު މުއްދަތު ފުރިހަމަ ވެއްޖެކަން ރިސޯޓުގެ މެނޭޖްމަންޓުން ކަށަވަރުކޮށް ފޮނުވަން ޖެހޭ ފޯމު އެޗްޕީއޭއަށް ފޮނުވުމުން އެ ރިސޯޓަކުން މީހުން ފޭބުމަށް ހުއްދަ ލިބޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ކުރިން އޮތް އުސޫލަކީ ރިސޯޓުތަކުގެ ވަކިވަކި މުވައްޒަފުންގެ މައުލޫމާތު ސާފު ކުރުމަށް ފޯމުތަކެއް ފުރުމަށް ފަހު ދޫކޮށްލުމެވެ.

ނަމަވެސް ދެން އެންމެ ފަހު ފަތުރުވެރިޔާ ފުރިތާ ނުވަތަ އައިތާ 14 ދުވަސް ވެފައި އެ މުއްދަތުގައި އެ ރިސޯޓުގައި ތިބި އެއްވެސް މީހެއްގެ ކިބައިން ކޮވިޑް-19 ގެ އާލާމާތްތައް ނުފެންނަ ކޮންމެ ރިސޯޓެއްގެ މެނޭޖްމަންޓުން އެ ކަން ކަށަވަރުކޮށް ފޯމު އެޗްޕީއޭއަށް ފޮނުވުމުން އެ ރިސޯޓުން މީހުން ފޭބުމުގެ ހުއްދަ އެޗްޕީއޭއިން ދޭނެއެވެ.

ރިސޯޓަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ފެނިފައިވާނަމަ، އެ ހާލަތުގައި އެންމެ ފަހުން ޕޮޒިޓިވްވި މީހަކު ފެނުނުތާ 14 ދުވަސް ވެފައި، ބަލީގެ އަލާމާތްތައް ހުރި މީހަކު އެންމެ ފަހުން ފެނުނުތާ 14 ދުވަސް ވެސް ފުރިހަމަ ވެއްޖެ ކަން ރިސޯޓުގެ މެނޭޖްމަންޓުން ކަށަވަރުކުރަން ޖެހެ އެވެ. އަދި އެ ކަން ކަށަވަރުކޮށް ފޮނުވަން ޖެހޭ ފޯމު ފޮނުވަން ޖެހޭނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރިސޯޓެއް މޮނިޓަރިންއަށް ލެވުނު ނަމަވެސް ބައްޔަށް ޕޮޒިޓިވްވި މީހަކު ފެނިފައި ނުވާނަމަ އާއި، އެ ހާލަތުގައި ފާއިތުވި 14 ދުވަހު ބައްޔަށް ޝައްކު ކުރެވޭ މީހަކު ފެނިފައި ނުވުމާއި، ބަލީގެ އަލާމާތްތައް ހުރި މީހަކު ވެސް ހުރެގެން ނުވާނެ އެވެ.

މީގެ އިތުރުން ރިސޯޓަކުން ޕޮޒިޓިވް މީހަކު ފެނި އޭނާގެ ފަރާތުން އެހެން މީހަކު ޕޮޒިޓިވް ވެފައިވާ ހާލަތެއްގައި ރިސޯޓަކުން ފާބަން ހުއްދަ ދޭނީ އެންމެ ފަހުން ވައިރަސްއަށް ޕޮޒިޓިވްވި މީހާ ފެނުނުތާ 28 ދުވަސް ވެފައިވާނަމަ އެވެ. އެފަދަ ހާލަތެއްގައި ރިސޯޓުގައި ތިބި އެންމެން ކޮވިޑް-19 އަށް ޓެސްޓްކޮށް އެ ރިސޯޓުގައި ޕޮޒިޓިވްވި މީހަކު ފެނިފައި ނެތް ކަން ވެސް ކަށަވަރު ކުރަން ޖެހެ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވި ބަޔަކު ރާއްޖޭގެ ރިސޯޓުތަކުން ފެނުމާ ގުޅިގެން މިދިޔަ މަހުގެ 14 ދުވަހު ވަނީ ރިސޯޓުތަކުން ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓުތަކަށް އެރުން ވެސް މަނާ ކޮށްފަ އެވެ.

މި މުއްދަތު މިހާރު ހަމަވުމުން ރިސޯޓުތަކުން ފޭބުމުގައި އެޗްޕީއޭއިން ލުއިތަކެއް ހަމަޖައްސައިދީފައި ވާއިރު މިހާރު ރާއްޖެއަށް ޓޫރިސްޓުން ވެސް އައުން ވެސް ވަނީ މަނާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355