twitterviber whatsapp telegramfacebookyoutube instagram
26th April 2024

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށްފި

Apr 11, 2020

ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިމަހުގެ ނިޔަލަށް އިތުރު ކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ މަހު 12 ވަނަ ދުވަހު މުޅި ރާއްޖެއަށް 30 ދުވަހުގެ މުއްދަތަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާނު ކޮށްފަ އެވެ. ކުއްލި ނުރައްކަލުގެ މުއްދަތު މާދަމާގެ ނިޔަލަށް ހަމަވާއިރު، އެ މުއްދަތު އިތުރު ކުރުމަށް ނިންމަވާފައިވަނީ ރޭގަ އެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރަށް ދެމެހެއްޓުމަށް މިރޭ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ނެރުއްވި ގަރާރުގައި ވިދާޅުވީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮރޯނާ ފެތުރުމުގެ ނުރައްކާ އަދިވެސް އޮތްކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާދެއްވާފައިވާ ކަމަށެވެ. އަދި މާޗު 12 ވަނަ ދުވަހު އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އަދިވެސް އޮތްކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާ ދެއްވާފައިވާ ކަމަށާއި އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭނެކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާދެއްވާފައިވާކަމަށް މިނިސްޓަރުގެ ގަރާރުގައި ވިދާޅުވެފައިވެއެވެ.

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން 12 މާޗުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.

ވަގުތާ ހާލަތަށް ރިއާޔަތްކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމަށް މިނިސްޓަރުގެ ގަރާރުގައި ވަނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް އަންގަވާފައެވެ.

އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގައި ބުނާ ގޮތުން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާން ކުރެވޭނީ އާންމު ސިއްހަތައް ނުރައްކާވާފަދަ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ޑިރެކްޓާ ޖެނަރަލަށް ފެނިއްޖެ ހިނދެއްގައި އެކަމުގެ ނުރައްކާ ކުޑަކުރުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އަޅަން މިނިސްޓަރަށް ލަފާދޭ ޖެހޭ ހާލަތުގަ އެވެ.

މިހާތަނަށް ރާއްޖެއިން 19 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 13 މީހަކު ރަނގަޅުވެފައިވާއިރު ފަރުވާދެމުން ދަނީ ހަތަރު މީހަކަށެވެ. އެއީ އިންގިރޭސި ވިލާތުން އެނބުރި އައި ދިވެހިންނެވެ. ދެ މީހަކު ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355