ކޮވިޑް-19 އަށް ފަރުވާ ދެވޭނެ އިންތިޒާމް ރާއްޖޭގެ 5 ސަރަޙައްދެއްގައި ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.
ނެޝެނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ކޮވިޑް-19އަށް ފަރުވާ ދިނުމުގެ ކަންކަން އަތޮޅުތަކުގައިވެސް ހަރުދަނާކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުންދާކަމަށާއި އެގޮތުން މިހާރު 5 ސަރަހައްދެއް ކަނޑައެޅި އެތަންތަނަށް ބޭނުންވާ ވަސިލަތްތައް ހަމަކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވަނީ ފަރުވާ ދިނުމަށް ކަނޑައަޅާފައިވާ 5 ސަރަހައްދާއި އެތަންތަނުގައި ހަމަޖައްސާ އިންތިޒާމްތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.
އެގޮތުން ހަމަޖެއްސި ފަސް ސަރަހައްދަކީ ށ. އަތޮޅު ހޮސްޕިޓަލް 20 އައި.ސީ.ޔޫ / 37 އައިސޮލޭޝާން އެނދު، ބ. އަތޮޅު ހޮސްޕިޓަލް 20 އައި.ސީ.ޔޫ / 37 އައިސޮލޭޝަން އެނދު، ލ. ގަން ރީޖަނަލް ހޮސްޕިޓަލް 20 އައި.ސީ.ޔޫ / 23 އައިސޮލޭޝަން އެނދު، ގއ. އަތޮޅު ހޮސްޕިޓަލް 23 އައި.ސީ.ޔޫ / 12 އައިސޮލޭޝަން އެނދުގެ އިތުރުން ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް 23 އައި.ސީ.ޔޫ / 22 އައިސޮލޭޝަން އެނދެވެ.
މަބްރޫކް ވިދާޅުވީ މި 5 ސަރަހައްދުގައިވެސް އައި.ސީ.ޔޫތަކާއި އައިސޮލޭޝަން އެނދުތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާއިރު އެތަންތަނުން މި ވައިރަހަށް ޓެސްޓް ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމް މިހާތަނަށް އަދި ހަމަޖައްސާފައިވަނީ އައި.ޖީ.އެމް.އެޗްގައި އެކަންޏެވެ.