ކޮވިޑް-19 އަށް މާލެއިން ޕޮޒިޓިވްވި ފުރަތަަމަ މީހާ އާ ބައްދަލުވި 14 މީހެއްގެ ގައިން ބަލީގެ އަލާމާތްތަކެއް ފެންނާތީ އެ މީހުން އައިސޮލޭޓް ނުވަތަ އެކަހެރިކޮށްފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ރޭ ހާމަކުރި ގޮތުގައި އެ މީހުން އެކަހެރިކޮށްފައި ވަނީ ހުޅުލޭގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން މަރުކަޒުގަ އެވެ.
މާލެއިން ފުރަތަމަ ޕޮޒިޓިވްވި މީހާއަކީ މާފަންނު ބޮޑިބަތް ޕާކް ސަރަހައްދުގެ ގެއެއްގައި ދިރިއުޅެމުން އައި ދިވެހި އަންހެން މީހެކެވެ. އޭނާއަށް ކޮވިޑް ޖެހިފައިވާކަން އެނގުނީ މާލޭ ފްލޫ ކުލިނިކަށް އޭނާ އައުމުން ބަލީގެ އަލާމާތްތަކެއް ހުރުމުން އޭނާގެ ޓެސްޓް ހެދުމުންނެވެ.
އޭނާއާ ކޮންޓެކްޓްވި މީހުން ހޯދުމަށް އެޗްޕީއޭއިން ކޮންޓެކްޓް ޓްރޭސިން ހެދިއިރު، 54 މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.
މި އަންހެން މީހާ މިފަހުން ރާއްޖެއިން ބޭރަށް ދަތުރެއް ކޮށްފައި ނުވާއިރު، ބައްޔަށް ޕޮޒިޓިވްވި މީހަކާ އެއްވެސް ވަރަކަށް ދިމާވެފައި ނެތް ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ. އަދި 14 ދުވަހުގެ ކަރަންޓީނަށް ފަހު ދޫކޮށްލި މީހަކާ ވެސް ބައްދަލުވެފައި ނުވާކަން އަދި އެނގިފައި ނެތް ކަމަށް ވެސް ބުނެފައިވެ އެވެ. އޭނާގެ ގަޔަށް ވައިރަސް ވާސިލްވި ގޮތް ހޯދުމަށް އެޗްޕީއޭއިން މުޅި ރާއްޖޭގައި ގެންދަނީ ކޮންޓެކްޓް ޓްރޭސިން ހަދަމުންނެވެ.
މިހާތަނަށް ޖުމްލަ 23 މީހަކު ވައިރަހަށް ޕޮޒިޓިވްވި އިރު، 13 ބިދޭސީއަކާއި ތިން ދިވެހިން ވަނީ ވައިރަހުން ރަނގަޅުވެފައެވެ.
މާލެއިން ކޮވިޑް-19 ފެނުމާ ގުޅިގެން މާލެއަށް އަރާ ފޭބުން ވަނީ މަނާކޮށްފަ އެވެ. އަދި މާލެ އަށް ވަނީ ރެޑް އެލާޓް ނެރެފަ އެވެ.