މާލޭގެ ލޮކްޑައުންގެ މުއްދަތު 24 ގަޑިއިރަށް އިތުރުކުރަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން) އިން ނިންމައި އެކަން އިއުލާންކޮށްފި އެވެ.
މާލެއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާ ގުޅިގެން، އެމީހާގެ ކޮންޓެކްޓް ޓްރޭސިންގެ ކަންކަން ކުރުމަށް އިއްޔެ 15:30 އިން ފެށިގެން، މާލެ ސަރަހައްދު ވަނީ 24 ގަޑިއިރަށް ލޮކްޑައުން ކޮށްފައެވެ.
އެ ވަގުތު ހަމަވާން ގާތްވެފައި ވަނިކޮށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނެރުއްވި އަމުރެއްގައި ވިދާޅުވެފައި ވަނީ؛ 15 އެޕްރީލް 2020 ގައި އަންގާފައިވާ ނަމްބަރު: 2020/34 އެންގުމުގެ މުއްދަތު 24 ގަޑިއިރަށް އިތުރު ކުރަން ނިންމާ އެކަން އަންގާ ކަމަށެވެ.
ލޮކްޑައުންގެ މުއްދަތު އިތުރުކުރުމާއެކު ކުރިއަށް އޮތް 24 ގަޑިއިރު މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި، ގުޅީފަޅުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނިކުތުން މަނާވާނެއެވެ.
މި ފިޔަވަޅުތަކުން އިސްތިސްނާ ވާނީ ސިފައިންނާއި ފުލުހުން، ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު، އެމްބިއުލެންސް، ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ ފަރާތްތައް، ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފާސް ލިބިފައިވާ މީޑިއާތަކެވެ.
ނަމަވެސް އެޗްޕީއޭ އިން ބުނީ މަތީގައި ބަޔާންކޮށްފައިވާ އިސްތިސްނާ ހާލަތްތަކުގެ އިތުރުން، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑަޅުއްވާ ހާއްސަ ހާލަތްތަކުގައި އެކަމަނާ އަންގަވާ ގޮތެއްގެ މަތިން އަމަލު ކުރެވޭނެ ކަމަށެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކްގެ އެއްވެސް އެންގުމަކާ ހިލާފުވުމަކީ ކުށެކެވެ.
މިހާތަނަށް މާލެއިން ތިން މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު މާލޭ ސަރަހައްދު ލޮކްޑައުންކޮށް ކުރިއަށް ގެންދާ ކޮންޓެކްޓް ޓްރޭސިންގެ ދަށުން ގިނަ ބަޔަކު ވަނީ އެކަހެރިކުރެވިފައެވެ.