ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން، ކުޅުދުއްފުއްޓަށް އަރައި ފައިބާ ފަރާތްތަކުން މޮނިޓަރކުރުމަށް، ބަނދަރުމަތީ މޮނިޓަރިންގ ޑެސްކް ގާއިމު ނުކުރަން ނިންމައިފި އެވެ. މި ނިންމުން ނިންމާފައިވާ ރޭ ބޭއްވި ޓާސްކް ފޯސްގެ ބައްދަލުވުމުގައި އެވެ.
ކުޅުދުއްފުށީ ޓާސްކް ފޯސް އިން އާންމުކޮށްފައިވާ ގޮތުގައި ކުޅުދުއްފުށީ ލޯކަލް ބަނދަރުގައި މޮނިޓަރިންގ ޑެސްކް ގާއިމުކުރާމެދު މަޝްވަރާކުވެފައިވާ ކަމަށާ، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ލަފަޔާއި އިރުޝާދާއެކު ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެކަން ކުރުން އެއީ އެންމެ އެކަށީގެންވާ ކަމެއް ކަމަށް ނުފެންނާތީ، މި ވަގުތު ކުޅުދުއްފުށީ ބަނދަރު ސަރަހައްދުގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް މޮނިޓަރިންގ ޑެސްކެއް ޤާއިމު ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން ބައެއް ރަށްރަށުގައި އަންނަނީ ބަނދަރުމަތީގައި މޮނިޓަރިންގ ޑެސްކް ގާއިމުކޮށް ކޮންމެ ދުވަހަކު ރަށަށް އަރައި ފައިބާ މީހުން މޮނިޓަރ ކުރަމުންނެވެ. އެކަމަކު މާލެ އާއި ބޮޑެތި ރަށްތަކުގައި އެގޮތަށް އަމަލުކުރަމުން ގޮސްފައިއެއްނުވެ އެވެ. އެހެންވުމުގެ ސަބަބުން ގިނަ ބަޔަކު އަންނަނީ ކުޅުދުއްފުށީ ފަދަ ގިނައިން މީހުން އަރާ ރަށްރަށުގެ ބަނދަރުމަތީގައި މޮނިޓަރިންގ ޑެސްކް ގާއިމުކުރުމަށް ގޮވާލައި ބާރު އަޅަމުންނެވެ.
މީގެ އިތުރުން ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ބިރުވެރިކަން މުޅި ދުނިޔެއަށް ކުރިމަތިވެފައި ވީ ހިނދު ކާބޯތަކެތީގެ ރައްކާތެރިކަމަށް އަޅާ ހާއްސަ ފިޔަވަޅެއްގެ ގޮތުން ހާއްސަ އިންތިޒާމުތަކަކާއެކު ހޮނިހިރު ބާޒާރު ކުރިއަށް ގެންދަން ނިންމި ނިންމުން އިތުރު ހަފްތާއަކަށް ލަސްކޮށްލަން މިހާރު ވަނީ ނިންމާފަ އެވެ.
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދުނިޔޭގައި ހުރިހާ ގައުމުތަކެއްގައިވެސް ވަނީ އެތަންތަނުގެ ބާޒާރުތައް ވަކި އިންތިޒާމުތަކެއްގެ ދަށުން ބާއްވަމުންނެވެ.
ޓާސްކް ފޯސްއިން ރޭ ނިންމި ބައެއް މުހިންމު ކަންތައްތަކުގެ ތެރޭގައި އަތޮޅު ތެރޭގައި ޤާއިމު ކުރެވިފައިވާ ޓާސްކް ފޯސްގެ ފޯކަލް ޕޮއިންޓްތައް އެއް ޕްލެޓްފޯމްއެއްގެ ދަށުން މަސައްކަތް ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން ދޭ އިރުޝާދުގެ މަތިން އަމަލުކުރުމަށްވެސް ވަނީ ނިންމާފައި އެވެ. އަދި ހަމަ ކުޅުދުއްފުށީގެ އާންމު ތަންތަނުގައި އާއި މަގުމަތީގައި ބަހައްޓާފައިވާ ޖޯލިފަތިތަކާއި އައްޑާތައް ބަންދުކުރުންމަށްވެސް ނިންމި އެވެ.
މީގެ އިތުރުން ބަންގުލަދޭޝް މީހުން ރަށުގައި އިތުރުވަމުންދާ ދިއުމާއި މެދު މަޝްވަރާ ކުރެވި އިކޮނޮމިކް މިނިސްޓްރީ އަދި ކައުންސިލް ގުޅިގެން އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް މަސައްކަތް ކުރުމަށް ނިންމާފައިވާއިރު ކުޅުދުއްފުއްޓަށް އަންނަ ފަރާތްތަކުގެ މެނިފެސްޓް ނެގުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކެއް ހޯދުމަށްވެސް ނިންމި އެވެ.