twitterviber whatsapp telegramfacebookyoutube instagram
25th April 2024

މާލޭން ރަށްރަށަށް ދިޔަ މީހުން އެކަހެރިވާން އަންގައިފި

ޚަދީޖާ އާދަމް
Apr 19, 2020

މާލެ ސަރަަހައްދުން މިފަހުން އެކި ރަށްރަށަށް ދިޔަ މީހުން އެމީހަކު ދިރިއުޅޭ ތަނެއްގައި އެކަހެރިވާން އަންގައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން ބުނީ ރަށްރަށަށް ދިޔަ މީހުން އެމީހަކު ދިރިއުޅޭ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް އެކަހެރިވުމަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން މިރޭ ނެރުނު އެންގުމުގައި ބުނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ، ވިލިމާލެ، ހުޅުމާލެ، ގުޅީފަޅު ނުވަތަ ތިލަފުށިން ރާއްޖޭގެ އެހެން އެއްވެސް ރަށަކަށް ގޮސްފައިވާ މީހަކު ނަމަ، އެމީހަކު ރަށަށް ދާ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް ދިރިއުޅޭ ތަނުގައި ނުވަތަ އެނޫން ވެސް ތަނެއްގައި އެކަހެރިވުމަށް އަންގާ ކަމަށެވެ.

މި މަހުގެ 15 ވަނަ ދުވަހަކީ މާލެ ސިޓީއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ފެނުނު ދުވަހެވެ. އެ ދުވަހު މާލެ ލޮކްޑައުން ކުރިއިރު އޭގެ ކުރިން ގިނަ އަދަދެއްގެ މީހުން ރަށްރަށަށް ފުރައިގެން ވަނީ ގޮސްފަ އެވެ.

އެގޮތުން މުދާ ބަލައި މާލެ އައި އޮޑިއެއްގައި ނުވަތަ އެނޫން ވެސް އުޅަނދެއްގެ މީހެއް ކަމަށްވިޔަސް އެމީހަކު މާލެ ތެރެއަށް އެރި ކަމުގައިވާނަމަ، މި އެންގުމާ އެއްގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށް އެންގުމުގައިވެ އެވެ. މި އެންގުމާ އެއްގޮތަށް މީހުން އަމަލު ކުރެވޭތޯ ބެލުމުގެ ޒިންމާ ވަނީ ކައުންސިލްތަކާ ހަވާލުކޮށްފަ އެވެ.

އެޗްޕީއޭއިން މިހާރު ވަނީ ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ނުދެވޭ ގޮތަށް ލޮކްޑައުން ވެސް ކޮށްފަ އެވެ. ފިޔަވަޅުތައް ވަރުގަދަ ކުރަމުންދާއިރު މިއަދު އެކަނި ވެސް މާލެއިން ވަނީ ޕޮޒިޓިވް ހަތް މީހަކު ފެނިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355