ކޮވިޑް-19 އާ ގުޅިގެން ކުޅުދުއްފުށީގައި ހިންގާފައިވާ ކާފިއުގެ މުއްދަތު އިތުރުކޮށް ވަގުތުތަކަށް ބަދަލުގެނެސްފި އެވެ. ކުޅުދުއްފުށީ ޓާސްކް ފޯސްއިން މިއަދު ނިންމާފައިވަނީ މެއިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެމަހުގެ 7 ވަނަ ދުވަހާ ހަމައަށް ޒަރޫރީ ބޭނުންތަކަށް ހުއްދަ ހޯދުމަކާއި ނުލައި ހެނދުނު 6 ފެށިގެން ހަވީރު 3:30 ދެމެދުގެ ވަގުތުގައި ނުކުމެ އުޅެވޭނެ ކަމަށެވެ.
އަދި އެ ނޫން ގަޑިތަކުގައި ނުކުންނަ ނަމަ ހުއްދަ ހޯދަން ޖެހޭނެކަމަށް ޓާސްކް ފޯސްއިން މިއަދު ނެރުނު އިއުލާނުގައި އަންގާފައިވެ އެވެ.
ޓާސްކް ފޯސް އިން ނެރުނު އިއުލާނުގައި ބުނެފައިވަނީ ކޮވިޑް-19 ރޯގާގެ ބިރުވެރިކަން ރާއްޖޭގައި މިވަނީ އިންތިހާއަށް ބޮޑުވެފައި ކަމަށާއި އަދި އުތުރުގެ ބައެއް ރަށްރަށުން ބައްޔަށް ފޮޒިޓިވްވެފައިވާ މީހުން ފެނި ބަލި އަންނަނީ އިތުރަށް ފެތުރެމުންކަން ފާހަގަކޮށްފައިވެ އެވެ.
އަދި ކުޅުދުއްފުއްޓަކީ މި ސަރަހައްދުގެ އިޤްތިސާދީ، ސިއްހީ އަދި ދަތުރުފަތުގެ ނާރެސްކަމުން ޒަރޫރީ ބޭނުންތައް ފުރިހަމަ ކުރުމަށް ގިނަ އަދަދެއްގެ މީހުން ކުޅުދުއްފުއްޓަށް ދަތުރުކުރަން ޖެހިފައިވާތީ، ބަލިން ރައްކާތެރި ވުމުގެ ގޮތުން މި ސަރަހައްދުގެ ހާލަތަށް ރިއާޔަތް ކޮށް އަޅާ ފިޔަވަޅެއްގެ ގޮތުން ކުޅުދުއްފުށީގައި ހިންގާފައިވާ ކާފިއު ބަދަލުތަކަކާއެކު ދަމަހައްޓަން ޓާސްކް ފޯސްއިން ވަނީ ނިންމާފައިވާ ކަމަށެވެ.
"މި އިޢުލާންގައިވާ އެންގުން އެންގިފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ 2020/39 ނަންބަރު އެންގުމުގެ ނުކުތާ ނަންބަރު 1 (އެކެއް) ގައި ލޯކަލް ކައުންސިލްގެ އިޙްތިޞާޞް ހިނގާ ސަރަހައްދުތަކުގައި ކޮވިޑް-19 ފެތުރުމުގެ ފުރުސަތު އޮތް މިންވަރަށާއި ހާލަތަށް ރިޢާޔަތްކޮށް އެއްވެ އުޅުން ހުއްޓުވުމަށާއި އިޖްތިމާއި ގައިދުރުކަން ޤާއިމު ކުރުމަށް ފިޔަވަޅު އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މި ކައުންސިލަށް ދެއްވާފައިވާ ބާރުގެ ދަށުންނެވެ." ޓާސްކް ފޯސްގެ އިއުލާނުގައިވެ އެވެ.
ކާފިއު އިއުލާންކޮށްފައިވާ ވަގުތުތަކުގައި ހުއްދަ ނެތި ބޭރަށް ނުކުމެ އުޅުމަކީ މަނާކަމެއް ކަމަށާއި މި އެންގުމާއި ހިލާފުވާ ފަރާތްތަކާ މެދު ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 143 މާއްދާއާއި ހަވާލާދީ ކައުންސިލުން ކުރާ އަމުރަށް ނުކިޔަމަންތެރިވާ ފަރާތްތަކާ މެދު އަދަބެއްގެ ގޮތުގައި މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500 ރުފިޔައާއި 5000 ރުފިޔާއާ ދެމެދުގެ އަދަދުކަން ޖޫރިމަނާ ފިޔަވަޅު އަޅުމުގެ ލިބިދޭ ބާރުގެ ދަށުން އަމަލު ކުރަމުގެ އިހުތިޔާރު މި ކައުންސިލަށް ލިބިފައިވާކަން އަންގާ ކަމަށެވެ.
އިއުލާނުގައި ބުނެފައިވަނީ ކުޅުދުއްފުށި ކޮވިޑް-19 ޓާސްކް ފޯސްގެ ފަރާތުން ބަލި ކޮންޓްރޯލް ކުރަން އަޅަމުން ގެންދާ ފިޔަވަޅުތަކަށް ކުޅުދުއްފުށި ރައްޔިތުންގެ ފަރާތުންނާއި ސަރަހައްދުގެ ރަށްތަކުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެކަމަށް ވަނީ ޝުކުރު އަދާކޮށްފައި އެވެ. އަދި ބަލި ކޮންޓްރޯލް ކުރުމަކީ ބަލިން ރައްކާތެރިވުމަށް ތިބުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅުކަން މި ފުރުސަތުގައި ހަނދާން ކޮށްދޭކަމަށެވެ.
"މި ހައްސާސް ދަނޑިވަޅުގައި އާންމު ސާފުތާހީރުކަމަށާއި، އާންމު ދިރިއުޅުމުގައި އިޖްތިމާއީ ގައިދުރުކަން ހިފެހެއްޓުމަށާއި، ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ދުރާލައި ރާވާލައި ބޭރަށް ނުކުމެ އުޅުން މަދުކުރުމާއި މުޖުތަމަޢުގެ އާންމު މަސްލަހަތު ގެއްލޭ ފަދަ އެންމެހައި ކަންކަމުން ދުރުހެލިވެ ތިބުމަށް އިލްތިމާސް ކުރަމެވެ. ފުރަބަންދު އަދި ކޮވިޑް-19ގެ މި ނުރައްކާތެރި ހާލަތުގައި އެކަކު އަނެއްކަކަށް އެހީތެރިވުމާއި ފަގީރުން، މިސްކީނުން، އާއިލާ މެމްބަރުން އަދި ރަށަށް އެކި ޚިދުމަތް ކޮށްދިނުމަށް އެހެން ގަޢުމުތަކުން ޒިޔާރަތްކޮށް ރަށުގައި ދިރިއުޅޭ ފަރާތްތަކުގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމަށް ނަސޭހަތްތެރިވަމެވެ. ގޭގައި ތިއްބަވާއިރު ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށްވެސް ދަންނަވަމެވެ. ބަލި ކޮންޓްރޯލް ކުރުމަށް އެންމެ ބޭފުޅުންގެ ކިބައިން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަމެވެ." ކުޅުދުއްފުށި ޓާސްކް ފޯސްގެ އިއުލާނުގައިވެ އެވެ.