ކުޅުދުއްފުށި ސޯޝަލް ސަޕޯޓް ޑެސްކްއިން ސަރަހައްދުގެ އަދި ކުޅުދުއްފުށީގެ ރައްޔިތުންގެ ހައްގުގައި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ޒަރޫރީ ބޭނުމަށް ފިޔަވައި އެރަށުން އަނެއް ރަށަށް ދަތުރުކުރުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން) މަނާކުރި ހިސާބުން ފެށިގެން ވެސް ގިނަ އަދަދެއްގެ ރަށްތަކުން ޚިދުމަތް ހޯދުމަށް ކުޅުދުއްފުއްޓަށް އަންނަނީ ދަތުރުތައް ކުރަމުންނެވެ. ކުޅުދުއްފުއްޓަކީ ސަރަހައްދުގެ އިޤްތިޞާދީ، ސިއްހީ އަދި ވިޔަފާރީގެ ނާރެސް ކަމުން މި ދަތުރުތަކަކީ ރަށްތަކުން ކޮންމެހެން ކުރަން ޖެހިގެން ކުރާ ދަތުރު ތަކެކެވެ.
ކުޅުދުއްފުށީ ޓާސްކް ފޯސްގެ ފަރާތުން އަންނަނީ ކުޅުދުއްފުށީގައި ޑެސްކްތަކެއް ގާއިމުކޮށް ކުޅުދުއްފުށި ރައްޔިތުންނަށާއި ސަރަހައްދުގެ ރައްޔިތުންގެ ރައްކާތެރިކަމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ބަނދަރުގައި ސެކިއުޓީ ޑެސްކް ގާއިމުކޮށް ފުލުހުންނާއި ސިފައިން ހިމެނޭހެން އަންނަނީ 24 ގަޑިއިރު ފޯރިމަރަމުންނެވެ.
ކުޅުދުއްފުށީ ކައުންސިލްގައި ގާއިމުކޮށްފައިވާ ސޯޝަލް ސަޕޯޓް ޑެސްކުގައި އަންނަނީ ގިނަ މުވައްސަސާތަކެއް މުވައްޒަފުން ބައިވެރިވަމުންނެވެ. އެގޮތުން ރެޑްކުރެޒެންޓްގެ ހީވާގި ދަރުމަވެރިންވެސް ހިމެނެ އެވެ. ކުޅުދުއްފުއްޓަށް ބޭސް ފަރުވާ އާއި ވިޔަފާރި އަދި ޒަރޫރީ ގިނަ ހިދުމަތްތަކެއް ހޯދުމަށް ކޮންމެ ދުވަހަކުވެސް ސަރަހައްދުގެ ރަށްތަކުން އަންނަ އުޅަނދުތަކަށް ބޭނުންވާ ހުއްދަތަކާއި އިންތިޒާމް ސޯޝަލް ސަޕޯޓް ޑެސްކު އަދި ބަނދަރު ސެކިއުރިޓީ ޑެސްކް އިން އަންނަނީ ހަމަޖައްސަމުންނެވެ.
ސޯޝަލް ސަޕޯޓް ޑެސްކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު 18 އޭޕްރިލް އިން 05 މެއި އާ ހަމައަށް ޖުމްލަ 755 ދަތުރަކަށް ވަނީ ޚިދުމަތް ފޯރުކޮށްދެވިފައެވެ. އޭގެ ތެރޭގައި ސިއްހީ ޙިދުމަތާއި ގުޅޭ 161 ދަތުރާއި، ސަރަހައްދުގެ ރައްޔިތުންނަށް ކާބޯތަކެތި އަދި މުދާ ފޯރުކޮށްދިނުމަށް ކޮށްފައިވާ 200 ދަތުރު ހިމެނެއެވެ.
އެހެނިހެން ގޮތުގައި މިމަހުގެ މެއި 5 ވަނަ ދުވަހާ ހަމައަށް 85 އުޅަނދަކަށް ވަނީ ޚިދުމަތް ފޯރުކޮށްދީފަ އެވެ.
ސޯޝަލް ސަޕޯޓް ޑެސްކްއިން ކުޅުދުއްފުށީގެ އުޅަނދުތަކަށް މައިގަނޑު ގޮތެއްގައި ޚިދުމަތް ދޭން ޖެހިފައިވަނީ މަސްވެރިކަމަށް ފުރުމަށް ކަމަށްވެސް ކުޅުދުއްފުށި ކައުންސިލްއިން މަޢުލޫމާތު ދެއެވެ. ދަތުރުތަކުގެ ބޮޑު އިންސައްތައަކީ ކައިރި ރަށްތަކަށް ޒަރޫރީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުޅުދުއްފުށީ ސޯޝަލް ސަޕޯޓް ޑެސްކްއިން އެހީތެރިކަން ފޯރުކޮށްދެވިފައިވާ ދަތުރުތަކެވެ.
ކުޅުދުއްފުށީ ޓާސްކް ފޯސްގައި ކައުންސިލާއި ރީޖަނަލް ހޮސްޕިޓަލްގެ މުވައްޒަފުންގެ އިތުރުން ފުލުހުންނާއި ރެޑްކުރެންސެންޓް ދަރުމަވެރިންނާ، ސިފައިން އަދި އަމީރު އަމީރު އަމީން ސްކޫލާއި ހދ އަތޮޅު ކައުންސިލްގެ މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި މީގެ އިތުރުން ބައެއް ކުޅުދުއްފުށީގައި ހުރި ސަރުކާރު އަދި ކުންފުނިތަކުގެ މުވައްސަސާތަކުގެ ވެރިން އަންނަނީ އަމަލީ ގޮތުން މަސައްކަތުގައި ބައިވެރިވަމުންނެވެ. އެގޮތުން އެމްއެންޔޫ މެނޭޖަރު، ބީއެމްއެލްގެ މެނޭޖަރު، ކަސްޓަމްސްގެ މެނޭޖަރު، ހދ އޭއީސީގެ ޕްރިންސިޕަލް، ފާހަގަކޮށްލެވެ އެވެ.