އައްޑޫން ރޭ ދަންވަރު އިތުރު ފަރުވާއަށް މާލެ ގެންދިޔަ ހިތުގެ ބަލިމީހަކު ކޮރޯނާވައިރަހަށް ނުވަތަ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
ޕޮޒިޓިވްވި މީހަކީ ހާޓްއެޓޭކެއް ޖެހިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެނައުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެންދިޔަ މީހެކެވެ. އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވި ކަން އެނގުނީ ފަރުވާއަށް އައިޖީއެމްއެޗަށް ގެންދާ މީހުން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ހަމަޖެހިފައިވާ އުސޫލުން ހެދި ޓެސްޓު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.
އައްޑޫ ސިޓީ މޭޔަރާ ހަވާލާދީ ބައެއް އޮންލައިން ނޫސްތަކުގައި ވާގޮތުން މި މީހާއަކީ ރިސޯޓެއްގައި މަސައްކަތް ކުރާމީހެއްކަމަށާއި އޭނާ އައްޑޫއަށް ދިޔައީ މާޗް 10 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް އޭނާ އައްޑޫއަށް ގޮސްފައިވަނީ މާލޭގައި ދުވަސްކޮޅަކު މަޑުކުރުމަށްފަހު އެވެ.
އެމީހާ ޕޮޒިޓިވްވުމާއި ގުޅިގެން އައްޑޫ މޮނިޓަރިންގެ ހާލަތަށް ވަނީ ގެނެސްފައެވެ. އަދި އެމީހާއަށް ފަރުވާ ދިން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންގެ ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
މިއީ އައްޑޫ ސިޓީން މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ މީހާ އެެވެ. އެ ސިޓީއަކީވެސް މި ބަލިމަޑުކަމުން އަރައިގަތުމަށް ދުރާލާ ރައްކާތެރިކަމުގެ ގިނަފިޔަވަޅުތައް އަޅާފައިވާ ރަށެކެވެ.