ރާއްޖޭގައިވެސް ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 744 އަށް އަރައިފި ކަމަށް ހެލްތް ޕުރޮޓެކްޝަން (އެޗްޕީއޭ)ގެ ހިސާބުތަކުން ދައްކަ އެވެ.
އިއްޔެ މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ 7 މަހުގެ ތުއްތު ކުއްޖެއްވެސް ހިމެނެ އެވެ. މިއީ ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވި އެންމެ ހަގު އުމުރުގެ ކުއްޖާ ނަމަވެސް 15 އަހަރުން ދަށުގެ ގިނަ އަދަދެއްގެ ކުދިންނަށް ވަނީ މި ބަލި ޖެހިފަ އެވެ.
އެޗްޕީއޭގެ ޑޭޝްބޯޑުގައި ވާގޮތުން އިއްޔެވަނީ 2 އަހަރުގެ ކުޑަ އަންހެން ކުއްޖަކާއި، 7 އަހަރުގެ ކުޑަ އަންހެން ކުއްޖެއްވެސް ކޯވިޑް-19އަށް ޕޮޒިޓިވްވެ އިއްޔެ ޖުމްލަ 96 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. މިހާތަނަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި 15 އަހަރުން ދަށުގެ 22 ކުދިން ހިމެނެއެވެ. މީގެ ތެރެއިން 21 ކުދިންނަކީ ދިވެހިންނެވެ. އަނެއް ކުއްޖަކީ ސްރީލަންކާއަށް ނިސްބަތްވާ އުމުރުން 4 އަހަރުގެ ކުއްޖެކެވެ.
މާލޭގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާއިރު ކުޑަކުދިންނަށް ބަލިޖެހޭ މިންވަރުވެސް ދަނީ އިތުރުވަމުންނެވެ. އަދި މާބަނޑު އަންހެނަކަށްވެސް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
މާލެއިން މިދިޔަ މަހު 15 ވަނަދުވަހު ފުރަތަމަ ފެނުނު ޕޮޒިޓިވްކޭހާއި އެކު މާލެތެރޭގައި ދަނީ ހަލުވިކަމާއި އެކު މި ބަލި ފެތުރެމުންނެވެ. މިހާތަނަށް މިބަލީގައި ރާއްޖެއިން ވަނީ 3 މީހަކު މަރުވެފަ އެވެ.