ކޮވިޑް-19 ގެ ނުރައްކާ ބޮޑުވަމުންދާތީ ށ ފުނަދޫގައި ފިޔަވަޅުތައް ވަރުގަދަކުރަން ކައުންސިލުން ނިންމައިފި އެވެ. ފުނަދޫ ކައުންސިލުން މިގޮތަށް ނިންމީ ކުރިއަށް އޮތް ދެ ހަފްތާއަކީ ބަލީގެ ނުރައްކާ އެންމ ބޮޑުވާނެ ދެ ހަފްތާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ބުނެފައިވަނިކޮށްނެވެ.
ފުނަދޫ ކައުންސިލުން އާންމުކޮށްފައިވާ އެންގުމެއްގައި ބުނެފައިވަނީ ފިޔަވަޅުތައް ވަރުގަދަ ކުރަން ފަށާނީ މިއަދުން ފެށިގެން ކަމަށެވެ.
އެގޮތުން ހަވީރު 4 ފެށިގެން ރޭގަނޑު 11 އާ ދެމެދު ޒަރޫރީ ބޭނުމެއް ނޫން އެހެން ގޮތަށް ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެއް ކަމަށާއި އެފަދަ ބޭނުމެއްގައި ނުކުންނައިރު ބާޒާރު ކާޑު އޮންނަންވާނެ ކަމަށެވެ.
އަދި ރޭގަނޑު 11 އިން ފެށިގެން ހެނދުނު 6 އާ ދެމެދު ޒަރޫރީ ބޭނުމެއްގައި ފިޔަވައި ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެއް ކަމަށާއި އެފަދަ ބޭނުމެއްގައި ނުކުމެވޭނީ ފުނަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792237 ނަމްބަރަށް ގުޅައި ހުއްދަ ހޯދުމަށްފަހު ކަމަށް އެ އެންގުމުގައިވެ އެވެ.
ޒަރޫރީ ބޭނުންތަކުގައި ބޭރަށް ނުކުންނައިރު މާސްކް ނާޅައި ގެއިން ބޭރަށް ނުކުތުމާއި ގްރޫޕް ހަދައިގެން ބޭރަށް ނުކުމެ އުޅުމާއި އާންމު ތަންތަނަށް އެއްވެ އުޅުން ވަނީ މަނާކޮށްފައި އެވެ. ކައުންސިލްގެ ހުއްދަ ނެތި ރަށަށް އަރައި ފޭބުންވެސް ވަނީ މަނާކޮށްފައި އެވެ.
މީގެ އިތުރުން ފިހާރަތަކުން ހިދުމަތް ހޯއްދެވުމުގައި ގައިދުރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމާއި އެއްފަހަރާ ދެ މީހުންނަށްވުރެ އިތުރަށް ފިހާރައަށް ވަނުމަކީ މަނާކަމެއްކަމަށް އިއުލާނުގައިވެ އެވެ.
ށ އަތޮޅުގައި ދެ ރަށަކުން ކޮވިޑް-19 ޖެހިފައިވާ މީހުން ވަނީ ފެނިފައި އެވެ.