twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ކުޅުދުއްފުށީގައި ހިންގާފައިވާ ކާފިއުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި

May 14, 2020
4

ކުރިއަށް ދުވަސްތަކަކީ ކޮވިޑް-19 ގެ ނުރައްކާ ބޮޑުވާނެ ދުވަސްތަކެއްކަމަށް ސިއްހީ މާހިރުން ލަފާކޮށްފައިވާތީ، ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ކުޅުދުއްފުށި ސިޓީގައި ހިންގާފައިވާ ކާފިއުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.

ކޮވިޑް-19 ގެ ނުރައްކާތެރިކަން ރާއްޖޭގައި އަދި ވަކިން ހާއްސަކޮށް މާލޭގައި ފެތުރެމުންދާކަން ފާހަގަކުރަމުން ކުޅުދުއްފުށީ ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައިވަނީ މި ސަރަހައްދުގެ ބައެއް ރަށްތަކުން ބައްޔަށް ފޮޒިޓިވްވެފައިވާ ތިބި މީހުން ފެނިފައިވާ މިވާ ދަނޑިވަޅުގައި ވެސް ކުޅުދުއްފުއްޓަށް ޒަރޫރީ ބޭނުންތައް ފުރިހަމަ ކުރުމަށް ގިނަ އަދަދެއްގެ މީހުން ދަތުރު ކުރަން ޖެހިފައިވާތީ، ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ކާފިއުގެ މުއްދަތު 23 މެއި ރޭގަނޑު 12 އާ ހަމައަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.

"މި އިދާރާގެ ނަންބަރު (IUL)266/266/2020/51 (06 މެއި 2020) އިޢުލާން އިން ކުޅުދުއްފުށީގައި މެންދުރު ފަހު 3:30 އިން ހެނދުނު 6:00 އަށް ހިންގާފައިވާ ކާފިއުގެ މުއްދަތު 23 މެއި 2020 ގެ ރޭގަނޑު 12:00 އާއި ހަމައަށް އިތުރުކުރަން ކުޅުދުއްފުށި ކޮވިޑް-19 ޓާސްކް ފޯސްއިން ވަނީ ނިންމާފައެވެ." ކުޅުދުއްފުށި ކައުންސިލުން ދެންމެ ނެރުނު އިއުލާނުގައިވެ އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ސޮއިކުރައްވައި ނެރުނު މި އިޢުލާންގައިވާ އެންގުން އެންގިފައި ވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ 2020/39 ނަންބަރު އެންގުމުގެ ނުކުތާ ނަންބަރު 1 (އެކެއް) ގައި ލޯކަލް ކައުންސިލްގެ އިޙްތިޞާޞް ހިނގާ ސަރަހައްދުތަކުގައި ކޮވިޑް-19 ފެތުރުމުގެ ފުރުސަތު އޮތް މިންވަރަށާއި ހާލަތަށް ރިޢާޔަތްކޮށް އެއްވެ އުޅުން ހުއްޓުވުމަށާއި އިޖްތިމާއި ގައިދުރުކަން ޤާއިމު ކުރުމަށް ފިޔަވަޅު އެޅުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މި ކައުންސިލަށް ދެއްވާފައިވާ ބާރުގެ ދަށުންކަމަށްވެ އެވެ.

ކާފިއު އިއުލާންކޮށްފައިވާ ވަގުތު ތަކުގައި ހުއްދަ ނެތި ބޭރަށް ނުކުމެ އުޅުމަކީ މަނާ ކަމެއްކަމަށާއި ކާފިއު ވަގުތު ތަކުގައި އެއްވެސް ވިޔަފާރިއެއް އާންމުންނަށް ހުޅުވައިގެން ހިދުމަތް ދިނުމަކީވެސް މަނާކަމެއްކަމަށެވެ. އަދި ކާފިއު ނޫން ގަޑިތަކުގައި ވިޔަފާރިތަކުން އާންމުންނަށް ހިދުމަތް ދިނުމަށް އިޖްތިމާއި ގައިދުރުކަން ކަށަވަރު ކުރެވޭ ފަދަ ގޮތަކަށް މި އިދާރާއިން ދެއްވާ އިރުޝާދާ އެއްގޮތަށް ނިޒާމެއް ރޭވުމަށް ވަނީ އެދިފަ އެވެ.

"މި ނޫން ގޮތަކަށް އާންމުންނަށް ޙިދުމަތް ދިނުމަކީ މަނާކަމެއްކަން ހަނދުމަފުޅުކޮށް އަރުވަމެވެ. މި އެންގުމާއި ހިލާފުވާ ފަރާތްތަކާއި މެދު ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 143 މާއްދާއާއި ހަވާލާދީ ކައުންސިލުން ކުރާ އަމުރަށް ނުކިޔަމަންތެރިވާ ފަރާތްތަކާއި މެދު އަދަބެއްގެ ގޮތުގައި މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500 (ފައްސަތޭކަ) ރުފިޔައާއި 5000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ ޢަދަދުކަން ޖޫރިމަނާ ފިޔަވަޅު އަޅުމަށް ލިބިދޭ ބާރުގެ ދަށުން ޢަމަލު ކުރަމުގެ އިޚްތިޔާރު މި ކައުންސިލަށް ލިބިފައިވާކަން އަންގަމެވެ." އިއުލާނުގައިވެ އެވެ.

ކުޅުދުއްފުށި ކޮވިޑް-19 ޓާސްކް ފޯސްގެ ފަރާތުން ބަލި ކޮންޓްރޯލް ކުރަން އަޅަމުން ގެންދާ ފިޔަވަޅުތަކަށް ކުޅުދުއްފުށި ރައްޔިތުންގެ ފަރާތުންނާއި ސަރަހައްދުގެ ރަށްތަކުން ލިބޭ އެއްބާރުލުން ފާހަގަކޮށް އެކަމަށް ވަނީ ޝުކުރު އަދާކޮށްފައި އެވެ. އަދި ބަލި ފެތުރުމުގެ ނުރައްކާ ކުރިއަށް އޮތް ދުވަސްތަކުގައި އޮތުމާއެކު ކެތްތެރިކަން އިސްކޮށް ކަމާގުޅުން ހުރި މުއައްސަސާތަކުން އަންގާ އެންގުމަތަކަށް ފުރިހަމައަށް ބޯލެބުމަށްވެސް ވަނީ އިލްތިމާސް ކޮށްފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355